ކ. މާލެ
|
30 އޯގަސްޓް 2023 | ބުދަ 22:19
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫއަށް ވަޑައިގެންނެވުމުން ސަޕޯޓަރަކު އެމަނިކުފާނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ތިނަދޫއަށް ވަޑައިގެންނެވުމުން ސަޕޯޓަރަކު އެމަނިކުފާނާ އެކު ފޮޓޯއަކަށް ހުއްޓިވަޑައިގެން
އެމްޑީޕީ
ތިނަދޫ ސިޓީ
ރައީސް، ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވައިފި
ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވިކަން އިއުލާން ކުރެއްވީ އެ ރަށުގައި ބޭއްވި ކެމްޕޭން ޖަލްސާގެ ތެރެއިން
މިއީ ރާއްޖޭގައި ގާއިމްކުރެވުނު 5 ވަނަ ސިޓީ
ސިޓީގެ ގަރާރުގައި ރައީސް ސޮއިކުރެއްވީ މިއަދު އެރަށަށް ވަޑައިގަތުމުގެ ކުރިން

ގދ. ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

ތިނަދޫއަށް ސިޓީއެއްގެ ދަރަޖަދެއްވިކަން ރައީސް ހާމަކުރެއްވީ، ގދ. ތިނަދޫގައި ބޭއްވި "އުފާވެރި އަމާންރާއްޖެ" ކެމްޕޭންގައި ވާހަކަފުޅުދައްކަވަމުންނެވެ.

މިއަދު ރޫހުވަނީ މި ފެންމީރު ތިނަދޫ ސިޓީއާއެކީގައި. ތިނަދޫއަކީ ރާއްޖޭގައި ގާއިމްކުރެވުނު 5 ވަނަ ސިޓީ. މަރުހަބާ ތިނަދޫ ސިޓީ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހް

ރައީސް ވިދާޅުވީ ތިނަދޫ ކައުންސިލްގެ ފަރާތުން ތިނަދޫ ސިޓީއަކަށް ހެދުމަށްޓަކައި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ފުރަތަމަ އެލްޖީއޭއަށް އެކަން ހުށަހެޅުއްވި ކަމަށެވެ. އަދި އޮގަސްޓްމަހުގައި ވެސް ހުށަހެޅުއްވި ކަމަށާއި، އެ ހުށަހެޅި ހުށަހެޅުންތަން ރައީސް އޮފީހަށް ފޮނުވުމުން ގާނޫނުގައިވާ ގޮތަށް އެކަންތައްތައް ހަމަވޭތޯ ބެލުމަށްފަހު އެ ހުރިހާ ކަމެއް ސިޓީގައި ހަމަވާކަމަށް ލަފާ ލިބިވަޑައިގަތުމުން މާލޭގައި އެ ގަރާރުގައި ސޮއިކުރެއްވި ކަމަށެވެ.

ގދ. ތިނަދޫއަކީ 30 އޮގަސްޓް 2023 ވާ ބުދަ ދުވަހުން ފެށިގެން ސިޓީއެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކަނޑައަޅުއްވާފައި ވަނީ ޤާނޫނު ނަންބަރު 2010/7 (ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނު) ގެ 51 ވަނަ މާއްދާގެ (ހ) ގައިވާ ގޮތުގެ މަތީން، ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުންނެވެ.

ސިޓީއެއްގެ ދަރަޖަ ހޯދުމަށް އެދި ހުށަހަޅާ ރަށެއްގައި ނުވަތަ އަވަށެއްގައި ނުވަތަ ދާއިރާއެއްގައި ނުވަތަ ސަރަޙައްދެއްގައި، ޤާނޫނުގައި ކަނޑައަޅައިފައިވާ ޝަރުތުތައް ފުރިހަމަވާނަމަ، އެ ރަށަކީ ނުވަތަ އެ އަވަށަކީ ނުވަތަ އެ ދާއިރާއަކީ ނުވަތަ ސަރަޙައްދަކީ ސިޓީއެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވަންވާނެ ކަމަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގައި ބަޔާންކޮށްފައިވެއެވެ. އެ ޝަރުތުތައް ތިނަދޫގައި ފުރިހަމަ ވެފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު އެކަށައެޅުއްވި ޤަރާރުގައި ބަޔާންކުރައްވަފައިވެއެވެ.

ތިނަދޫސިޓީއާއެކު ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދަށުން ދިވެހިރާއްޖޭގައި ސިޓީއެއްގެ ދަރަޖަ ލިބިގެންވާ ސަރަޙައްދުގެ ޢަދަދު 5 އަކަށް ބަދަލުވެގެންދިޔައީއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް