ދަރިއަކު ލިބުމަށް ހިތުގެ އެންމެ ފުންމިނުން އެދި، ހަޔާތުގެ ހުވަފެންތަކުގައި ހަގީގީ ކުލަ ޖައްސާލަން ބޭނުންނުވާ މީހަކު މަދުވާނެއެވެ. ނަމަވެސް، ލުއިފަސޭހަ ގޮތެއްގައި ދަރިއަކު ލިބުމުގެ ނަސީބުން މަހްރޫމުވެފައިވާ މީހުންވެސް މަދެއްނޫނެވެ. ސިއްހީ އެކި މައްސަލަތަކާ ގުޅިގެން ދަރިއަކު ލިބުމުގެ އުފަލުން އެތައް ބަޔަކު މަހްރޫމުވެފައި ތިބިކަމީ ގަބޫލުކުރަންޖެހޭ ހިތްދަތި ހަގީގަތެކެވެ. ކުރިއަރާފައިވާ ޒަމާނީ ސައެންސްއާއި ޓެކްނޮލޮޖީގެ ތެރެއިން ދަނީ މި މައްސަލައަށް ހައްލެއް ހޯދައިދެވޭތޯ މަސައްކަތް ކުރަމުންނެވެ.
އެގޮތުން، ދާދި ފަހުން އިނގިރޭސިވިލާތުގައި ކުރި ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަނަކީ އުފަން ދަރިއެއްގެ އިންތިޒާރުގައި ތިބި އެތައް ބަޔަކަށް އުއްމީދު އައުކޮށްދިން އޮޕަރޭޝަނެކެވެ. ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކޮށްފައިވަނީ އުމުރުން 34 އަހަރުގެ މީހެއްގެއެވެ. އިނގިރޭސިވިލާތަށް ނިސްބަތްވާ އެ އަންހެން މީހާއަކީ، އިނގިރޭސިވިލާތުގައި މިފަދަ ގޮތަކަށް ރަހިމު ޓްރާންސްޕްލާންޓްކުރި ފުރަތަމަ މީހާއެވެ. ރަހިމުގެ މައްސަލަތަކާހެދި ދަރިން ނުލިބިފައި ތިބި އެތައް ބަޔަކަށް، މިކަމުގެ ސަބަބުން ވަނީ އުންމީދު އާވެފައެވެ.
ކެންސަރު ޖެހިފަހުރިކަން އެނގުމާ، ރަހިމު ނެގުމާ، ދަރިން ނުލިބުމަކީ ވަރަށް ބޮޑު ކަމެއް. ވަރަށް ފުން ހިތާމައެއް މީ. އަމިއްލަ ބަނޑުން، އަމިއްލަ ދަރިއެއް އުފަންކޮށް، އެ ދަރިފުޅަށް އަހަރެންގެ ގާތުން ކިރު ދީ، ތުއްތު ކުއްޖަކު ގެންގުޅެލުމުގެ ފުރުސަތު، އެންމެ ފަހަރަކު ނަމަވެސް ލިބުމަށް ވަރަށް އެދެވޭ.ލިޑިޔާ ބްރެއިން؛ ކެންސަރު ބަލީގައި ރަހިމު ނަގާފައިވާ މީހެއް
އިނގިރޭސިވިލާތުގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދިޔަ ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އޮކްސްފޯރޑްގެ ޗަރޗިލް ހޮސްޕިޓަލުގައެވެ. ސަރޖަރީ ހެދީ މިއަހަރުގެ ފެބުރުއަރީ މަހުއެވެ. އެމީހާގެ ވަނަވަރު ހާމަކޮށްފައި ނުވިނަމަވެސް، އާންމުކޮށްފައިވާ މައުލޫމާތަށް ބަލާއިރު، އެ މީހާގެ ހަށިގަނޑުގައި ޓްރާންސްޕްލާންޓްކޮށްފައި ވަނީ 34 އަހަރުގެ މީހާގެ ދައްތަގެ ރަހިމުކަން އެނގެއެވެ. ދައްތައަކީ އުމުރުން 40 އަހަރުގެ މީހެކެވެ.
އެމީހާ ހުރީ އުފަލުން ފޮޅިފަ. އުފަލުން ރޯންވެސް ރުއި ވަރަށް. ވަރަށް ފުން އިހުސާސްތަކެއް ކުރެވެމުން ދިޔައީ. ވަރަށް ވަރަށް އުފަލުން އޭނަ ހުރީ. ޑޯނަރު އަދި ހުރީ މާ އުފަލުން ކަންނޭނގެ. ހުރިހާ އެންމެނަށްވެސް ވަރަށް އުފާވެރި ވަގުތުކޮޅެއް އެއީ.އިޒަބޭލް ކިރޯގާ؛ ޓްރާންސްޕްލާންޓް ސަރޖަން
ވިއްސަކަށް މެންބަރުންގެ މައްޗަށް އެކުލެވުނު ސަރޖަރީ ޓީމުގައި ހަރަކާތްތެރިވި އެއް ޑޮކްޓަރަކީ ޑރ. ރިޗަރޑް ސްމިތެވެ. އޭނާ ފާހަގަކުރިގޮތުގައި، ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަން ކުރި އަންހެން މީހާއަށް މައްސަރުކަންތައްވެސް ވަނީ ޖެހެން ފަށާފައެވެ. އަދި ދަރިއަކު ލިބިދާނެކަމުގެ އުއްމީދު ވަރަށް ބޮޑު ކަމަށްވެސް ޑރ. ސްމިތު ވަނީ ފާހަގަކޮށްފައެވެ.
ޕޭޝަންޓުގެ ހާލަތު ވަރަށް، ވަރަށް ރަނގަޅު. މިހާރު މައްސަރުކަންތައްވެސް ޖެހެން ފަށައިފި. އޭގެ މާނައަކީ، ދަރިއަކު ލިބުމުގެ ފުރުސަތު ވަރަށް ބޮޑުވީއޭ. އިމިއުނޯސަޕްރެސިވް ތެރަޕީ ކުރިއަށް ގެންދަން ޖެހޭނެ. ވަރަށް ގާތުން މޮނިޓަރ ކުރަން ޖެހޭނެ. ޚަރީފު މޫސުމުގެ ދުވަސްވަރު، އެމްބްރިޔޯ ޓްރާންސްފަރ ކުރެވޭނެ ކަމަށް މި އުއްމީދު ކުރަނީ.ރިޗަރޑް ސްމިތު؛ ގައިނިކޮލޮޖިކަލް ސަރޖަން
މިއީ އިނގިރޭސިވިލާތުގައި ކުރި މިފަދަ ފުރަތަމަ ސަރޖަރީ ކަމުގައި ވީނަމަވެސް، މިއީ ދުނިޔޭގައި ހެދި މިފަދަ ފުރަތަމަ ސަރޖަރީއެއް ނޫނެވެ. ދުނިޔޭގައި ފުރަތަމަ ފަހަރަށް ރަހިމު ޓްރާންސްޕްލާންޓް ކުރުމުގެ އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައި ވަނީ ސައޫދީ އަރަބިއްޔާގައި 2000 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގައެވެ. އެ ފަހަރު ސަރޖަރީ ހަދާފައިވަނީ އުމުރުން 26 އަހަރުގެ މީހެއްގެއެވެ. ރަހިމަކީ ޖެނެޓިކް ކޯޑިންގެ ބައިތައް އުފުލާ ގުނަވަނަކަށް ނުވުމުން، ރަހިމު ޓްރާންސްޕްލާންޓް ކުރުމުގައި ދީނީ ގޮތުން ހުރަސްތަކެއް އޮތްކަމަކަށް އަދި ފެންނާކަށް ނެތެވެ.