ކ. މާލެ
|
26 އޯގަސްޓް 2023 | ހޮނިހިރު 13:56
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވާހަކަދައްކަވަނީ
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ވާހަކަދައްކަވަނީ
ރައީސް އޮފީސް
ސްޓޫޑެންޓް ލޯން
ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ލިބޭނެ ކަމުގެ ޔަގީންކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ދެއްވައިފި
އީމެއިލްގައިވާ ގޮތަށް އަމަލުކުރަން ޖެހޭ
ސްޓޫޑެންޓު ލޯނު ދޫކުރެވިގެންދަނީ ވަކި އުސޫލެއްގެ ތެރެއިން

ޝަރުތުހަމަވި ހުރިހާ ދަރިވަރުންނަށް ސްޓޫޑެންޓް ލޯން ލިބޭނެ ކަމުގެ ޔަގީންކަން ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ދެއްވައިފިއެވެ.

ހޮނިހިރު ދުވަހު ކުރިއަށްދިޔަ ކޮލިފިކޭޝަން ރިކޮގްނިޝަން ކޮންފަރެންސްގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ ސްޓޫޑެންޓް ލޯނާއި ގުޅޭގޮތުން ނުރަނގަޅު މައުލޫމާތު ދައުރުވާ ކަމަށެވެ. ނަމަވެސް ލޯނު ދޫކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރިއަށްދާ ކަމަށާއި، ޝަރުތު ފުރިހަމަވި ހުރިހާ ދަރިވަރުންނަށް ވެސް ލޯނު ލިބޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން މަސައްކަތްތައް ކުރިއަށް ގެންދަނީ އިއުލާން ކުރެވިފައިވާ ގޮތަށް ކަމަށާއި، ސްޓޫޑެންޓު ލޯނު ދޫކުރެވިގެންދަނީ ވަކި އުސޫލެއްގެ ތެރެއިން ކަމަށެވެ. އެގޮތުން ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް އީމެއިލެއް ލިބޭނެ ކަމަށާއި، އީމެއިލްގައިވާ ގޮތަށް އަމަލުކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ބައެއް ދަރިވަރުން އީމެއިލް ޗެކްނުކޮށް، އޭގައިވާ ގޮތަށް އަމަލުނުކޮށް، މިނިސްޓްރީއަށް ޝަކުވާ ހުށަހަޅާކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ބައެއް މީޑިއާތަކުގައި ބައެއް ބޭފުޅުން ވަރަށް ޝައުގުވެރިކަމާއެކު ސަރުކާރުން މިއަހަރު ސްޓޫޑެންޓް ލޯނު ދިން އިރު ރައީސުލްޖުމްހޫރިއްޔާ ނިންމެވީ ލޯނަށް ޝަރުތު ފުރިހަމަވާ ހުރިހާ ދަރިވަރުންނަށް ލޯނު ދޭން. އެގޮތަށް ނިންމާ އިއުލާންކުރުމާއި ގުޅިގެން ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން އެގޮތަށް މަސައްކަތް ބައްޓަންކޮށް ތަރުތީބު ކޮށްގެން ކުރިއަށް ގެންދަނީ. ރައީސުލްޖުމްހޫރިއްޔާ އިއުލާން ކުރެއްވި ގޮތަށް ޝަރުތު ފުރިހަމާ ހުރިހާ އެންމެނަށް ލޯނު ލިބޭނެ. އެއްވެސް ހާލެއްގައި ވަކި ހިސާބަކުން އެލޯނު ކެންސަލެއް ނުވާނެ. އަޅުގަނޑަށް އެއްގޮތަކަށް ވެސް ނުވިސްނޭ އެގޮތަށް އެވާހަކަ ދައްކަންޖެހޭ ސަބަބެއް. ސަރުކާރުގެ ވައުދުތަކަކީ އެވައުދުތަކަށް ސަރުކާރުން އިހުތިރާމްކުރާ ވައުދުތަކެއް. ހަޔަރ އެޑިޔުކޭޝަނުން މަސައްކަތްތަކަކީ އަބަދުވެސް އިއުލާން ކުރެވިފައިވާ ގޮތަށް ތަރުތީބުން މަސައްކަތްތައް ކުރިއަށް ގެންދާނެ. ސްޓޫޑެންޓް ލޯނު މިދެވެނީ ވަކި އުސޫލަކުން. އަޅުގަނޑުމެންގެ ދަރިވަރުންނަށް ލޯނު ދިންކަން އެމީހުންނަށް ފުރަތަމަ އެންގީ އީމެއިލްއިން. އީމެއިލްގައި ފޮނުވި އެޓޭޗްމަންޓަށް ހުށަހަޅަންޖެހޭ ހުރިހާ ޑޮކިއުމެންޓެއް ލިޔެފައި ލިސްޓްކުރެވިފައި ވާނީ. ބައެއް ފަހަރު މަދު ކުއްޖަކު އީމެއިލް ޗެކް ނުކުރުމުގެ ސަބަބުން އަޅުގަނޑުމެންނަށް ދިމާވޭ އިދާރީ ގޮންޖެހުން.
ހަޔަރ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން

މިނިސްޓަރު ވިދާޅުވީ ޝަރުތު ހަމަވި ހުރިހާ ދަރިވަރުންނަށް ލޯނު ލިބޭނެ ކަމަށާއި، އުންމީދު ކުރަނީ ތައުލީމު ފުރިހަމަ ކުރުމަށްފަހު ލޯނު އަނބުރާ ދައުލަތަށް ދައްކައި، ގައުމަށް އައިސް ޚިދުމަތް ކުރާނެ ކަމަށެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތައުލީމާއި ތަމްރީނު ހޯދަން މިއަހަރު 720 ފުރުސަތަށް އެދި 1،507 ފަރާތަކުން ކުރިމަތި ލިއެވެ. ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުގެ ނިންމެވުމުގެ މަތިން ޝަރުތު ފުރިހަމަވި ހުރިހާ ފަރާތްތަކަށް މިއަހަރު ސްޓޫޑެންޓް ލޯނު ދޫކުރެވުނެވެ. އެއީ 1،275 ފަރާތެކެވެ.

- ކޮމެންޓް