އަންހެނުންގެ ވޯލްޑްކަޕް ފުޓްބޯޅަ މުބާރާތުގެ ފައިނަލް މެޗު ބައްލަވާލެއްވުމަށް ވަޑައިނުގެންނެވުމުން އިނގިރޭސި ވަލީއަހުދު ޕްރިންސް ވިލިއަމަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވެއްޖެ އެވެ.
ޔޫރަޕުގެ ޗެމްޕިއަނުންގެ ގޮތުގައި ނުކުތް އިނގިރޭސިން ބަލިކޮށް ދުނިޔޭގެ ތަށި ހޯދީ ސްޕޭން އެވެ.
އެ މަނިކުފާނަށް އެންމެ ބޮޑަށް ފާޑުކިޔަމުންދަނީ އިނގިރޭސި ކުރީގެ ކުޅުންތެރިންނާއި އަންހެނުންގެ ފުޓްބޯޅަ ޕްރޮމޯޓްކުރާ ފަރާތްތަކުންނެވެ.
އިނގިރޭސި ކުރީގެ ކުޅުންތެރިންގެ ތެރެއިން ކުރީގެ ފޯވަޑް ޕައުލީން ކޯޕް ބުނީ ފައިނަލް މެޗު ބައްލަވާލެއްވުމަށް ޕްރިންސް ވިލިއަމް ވަޑައިގަންނަވާން ޖެހިވަޑައިގަންނަވާނެ ކަމަށާއި އެމަނިކުފާނު ގައުމަށްޓަކައި ކުޑަވަގުތުކޮޅެއް ނުދެއްވުމަކީ ލަދުވެތިކަމެއް ކަމަށެވެ. ޕްރިންސް ވިލިއަމަށް މިހާބޮޑު ފާޑުކިޔުމެއް އަމާޒުވާ މައިގަނޑު ދެ ސަބަބެއްވެ އެވެ. ފުރަތަމަ ކަމަކީ އެމަނިކުފާނަކީ އިނގިރޭސި ފުޓްބޯޅަ އެސޯސިއޭޝަންގެ ރައީސްކަމަށްވުމުންނެވެ. އަދި އެ މަނިކުފާނަކީ އިނގިރޭސި ތަހުތަށް ދެން އިސްކުރެވޭނެ ރަސްގެފާނު ކަމަށްވާއިރު ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްޕޭނުގެ ރާނީ ލެޓީޒިއާ ވެސް ދަނޑަށް ވަޑައިގަތުމުންނެވެ.
ފައިނަލް މެޗުގެ ކުރިން ޕްރިންސް ވިލިއަމް ވަނީ ޓީމަށް ހިތްވަރުދިނުމުގެ ގޮތުން 14 ސިކުންތުގެ ވީޑިއޯ ކްލިޕެއް އާއްމުކުރައްވާފަ އެވެ. މި ވީޑިއޯގައި އެމަނިކުފާނުގެ އަންހެން ދަރިކަނބަލުން ޝާލޮޓް ވެސް ބައިވެރިކުރައްވާފައިވެ އެވެ. މިކުރު ވީޑިއޯގައި ވިދާޅުވެފައިވެފައިވަނީ ފައިނަލް މެޗުގެ ކުރިން ކާމިޔާބީއަށް އެދިވަޑައިގެން ހެޔޮ އެދުން ފޮނުއްވާ ކަމަށާއި މެޗު ބަލަން ވަޑައިނުގެންނެވޭތީ އެކަމާ މައާފަށް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި އިނގިރޭސި ޓީމު ހޯދާފައިވާ ކާމިޔާބީތަކާމެދު ފަހުވެރިވެވަޑައިގަންނަވާކަމަށާއި އެ ޓީމު ދުނިޔޭގެ އެތައް ބަޔަކަށް ނަމޫނާ ދައްކައިދީފި ކަމަށެވެ.
ނަމަވެސް ފާޑުކިޔާ ފަރާތްތަކުން ބުނަނީ ޕްރިންސް ވިލިއަމްގެ މި މެސެޖުގައި އޭނާގެ އަންހެން ދަރިކަނބަލުން ބައިވެރިކުރެއްވީ މީހުންގެ ފާޑުކިޔުމާއި ނުރުހުން ކުޑަކުރުމަށް ކަމަށެވެ.