ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާ ދެކޮޅަށް ސޮއިކުރެއްވި ޕީޕީއެމްގެ މެމްބަރުންގެ ސޮއި އަނބުރާ ނެންގެވުމަށް އެ ޕާޓީން އެންގި ނަމަވެސް ސޮއި އަނބުރާ ނުނަންގަވާނެ ކަމަށާއި ކިތަންމެ ބިރު ދެއްކިޔަސް ވޯޓް ދެއްވާނީ މަސީހާއި ދެކޮޅަށްކަމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު މުސްތަފާ ވިދާޅުވެއްޖެއެވެ.
ރާއްޖެޓީވީގެ 60 މިނިޓްގައި ވާހަކަދައްކަވަމުން މުސްތަފާ ވިދާޅުވީ، މަސީހު ބޭރުކުރުމަށް ޤާނޫނީ ގޮތުން ކުރަންޖެހިވަޑައިގަތް ކޮންމެ ކަމެއް ކުރައްވާނެ ކަމަށާއި މަސީހާއި ދެކޮޅަށް ކުރައްވާފައިވާ ސޮއި އަނބުރާ ނުވެސް ނަންގަވާނެ ކަމަށެވެ.
ސަރުކާރުން ކުރަން ބޭނުންވާ ކަމަކީ މަސީހާއި ދެކޮޅަށް ވޯޓް ނަގަން އޮތް ދުވަހު މެމްބަރުން މަޖިލީހަށް ހާޒިރުވިޔަ ނުދިނުން ކަމަށާއި މަޖިލީހަށް ގޮސް އެދުވަހު މަސީހާއި ދެކޮޅަށް ވޯޓް ދެއްވައި މަސީހު މަޤާމުން ބޭރުވެސްކުރައްވާނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.
"ޕިޕީއެމްއިން ދައްކާހާ ބިރަކަށް. ރައީސް ޔާމިން ހީފުޅުވެފައި އޮތީ މަސީހު ގައިގައި ބައްދައިގެން ނޫނީ ވެރިކަން ނުކުރެވޭނެ ކަމަށް. މެޖޯރިޓީ ދިނުމުން ވާގޮތް ފެނިފައި މިއޮތޯ. ގައުމު މިއޮތީ ބަރަހަނާ ވެފައި. މިނިވަން މުއައްސާއެއް ނެތް. ބަސް ކިޔައިފި މީހަކު ޖަލުގެ ކުޑަ ގޮޅިއަށް" މުސްތަފާ ވިދާޅުވިއެވެ.
ކިތަންމެ ވަރަކަށް ވަރު ވަރުން ހުކުމްތައް ނެރުނަސް ރައީސް ޔާމިނާއި އެއްކޮޅަށް ދާގޮތައް މިހާރު އެއްވެސް މެމްބަރަކު ނެތް ކަމަށާއި މަޖިލީހުގެ މެމްބަރުންނަކީ ނުވިކޭ ބައެއްކަން މިހާރު ރައްޔިތުންނަށް ސާފުވަމުންދާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އަދި މިހާރު އޭނާއަކީ ޕީޕީއެމްގެ މެމްބަރެއް ނޫން ކަމަށާއި މަސީހާއި ދެކޮޅަށް މަޖިލީހަށް ސޮއިކޮށް ހުށަހެޅީ ސުޕްރީމްކޯޓުން ނެރުނު ހުކުމުގެ ކުރިން ކަމަށްވާއިރު މިހާރު ޕީޕީއެމްއިން ވަކިވެފައި ތިބި އެއްވެސް މެމްބަރެއްގެ ގޮނޑި ނުގެއްލޭނެ ކަމަށް މުސްތަފާ ވިދާޅުވިއެވެ.