އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އާއި އިންސްޓިޓިއުޓް އޮފް ޗާޓަޑް އެކައުންޓެންޓްސް އޮފް އިންޑިއާ (އައިސީއޭއައި) އާ ދެމެދު ފަހުމުނާމާއެއްގައި ސޮއި ކޮށްފިއެވެ.
މި ފަހުމުނާމާގައި ސޮއި ކޮށްފައިވަނީ މި އަހަރުގެ ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމުގެ ދެވަނަ ދުވަހުގެ ހަވާސާގެ ތެރެއިންނެވެ. މި ފަހުމުނާމާގައި އައިސީއޭއައިގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް ސީއޭ އަނިކެތު ސުނިލް ޓަލާތީއެވެ. އަދި ސީއޭ މޯލްޑިވްސްގެ ފަރާތުން ސޮއި ކުރެއްވީ އެ އިންސްޓިޓިއުޓްގެ ރައީސް އަދި އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީއެވެ.
މިއީ އެކައުންޓިންގ ދާއިރާގެ އިލްމު ކުރިއަރުވައި އެކައުންޓިންގ ޕްރޮފެޝަން ތަރައްގީ ކުރުމުގެ އިތުރުން ދެ އިންޓިޓިއުޓްގެ މެމްބަރުންގެ ކުރިއެރުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސޮއި ކުރި ފަހުމުނަމާއެކެވެ. މި ދެ އިންސްޓިޓިއުޓަކީ ވެސް ސައުތު އޭޝިއަން ފެޑަރޭޝަން އޮފް އެކައުންޓެންޓްސް (ސާފާ) މެމްބަރު އިންސްޓިޓިއުޓެވެ.
ފަހުމުނާމާގައި ސޮއި ކުރެއްވުމަށްފަހު އައިސީއޭއައި ގެ ރައީސް ވިދާޅުވީ މި ފަހުމުނާމާގެ ދަށުން ގުޅިގެން ޕްރޮގްރާމުތައް ހިންގުމުގައި ސީއޭ މޯލްޑިވްސްއަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް އަދި އެހެނިހެން ރިސޯސަސް ފޯރުކޮށްދެވޭނެ ކަމަށެވެ. އަދި އައިފެކް މެމްބަރޝިޕް ހޯދުމުގައި ބޭނުންވާ ފުރިހަމަ އެހީތެރިކަން ވެސް ސީއޭ މޯލްޑިވްސް އަށް ފޯރުކޮށްދޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އޮޑިޓަރ ޖެނެރަލް ހުސައިން ނިޔާޒީ ވިދާޅުވިގޮތުގައި މި ފަހުމުނާމާގެ ސަބަބުން ދެ އިންސްޓިޓިއުޓަށް ވެސް ގިނަ ފައިދާތަކެއް ވާނެއެވެ. އެގޮތުން އައިސީއޭއައިގެ މެމްބަރުންގެ އެކައުންޓިންގ ޕްރޮފެޝަން ފުޅާ ކުރުމުގެ ފަހި ފުރުސަތުތަކެއް ހުޅުވިގެންދާނެ ކަމަށާއި ސީއޭ މޯލްޑިވްސްއަށް އެކައުންޓީންގ ދާއިރާގެ ކޯސްތައް ހިންގުމަށް ބޭނުންވާ ޓެކްނިކަލް ސަޕޯޓް ލިބި އެ އިންސްޓިޓިއުޓްގެ މެމްބަރުންގެ ފަންނީ ތަރައްގީއަށް މަސައްކަތްކޮށް ރާއްޖޭގެ އެކައުންޓިންގ ޕްރޮފެޝަން އައު ހަރުފަތްތަކަކަށް ގެންދިއުމަށް ދޮރު ހުޅުވިގެންދާނެ ކަމަށް ވިދާޅުވިއެވެ.
މި ފަހުމުނާމާގެ އެއްބަސްވުމުގައި ސޮއި ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ހައި ކޮމިޝަނަރު މުނޫ މަހާވަރު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.