ޗާޓަރޑް އެކައުންޓެންޓްސް އޮފް މޯލްޑިވްސް (ސީއޭ މޯލްޑިވްސް) އައުމާއެކު އޮޑިޓް ދާއިރާގައި އުޅޭ ދިވެހިންގެ އަދަދު އިތުރުވެފައިވާ ކަމަށް ސީއޭ މޯލްޑިވްސްގެ ކައުންސިލް މެމްބަރު އަހުމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީގެ ފަލަސުރުހީގައި ވާހަކަދައްކަވަމުން އަހުމަދު ސާލިހު ވިދާޅުވީ ސީއޭ މޯލްޑިވްސް އައުމުގެ ކުރިންވެސް ރާއްޖޭގައި އެކައުންޓެންޓުން ތިބިއިރު ކުރިން ސީދާ ދިރާސާތަކެއް ހެދިފައި ނެތުމުގެ ސަބަބުން އެ އަދަދު އިތުރުވި ކަން ފާހަގަކުރެވިފައިނުވާ ކަމަށެވެ. ނަމަވެސް ސީއޭ މޯލްޑިވްސްއާއެކު އެކައުންޓެންޓުން މެމްބަރުންގެ ގޮތުގައި ރަޖިސްޓްރީވާ މިންވަރު އިތުރުވާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
އަހުމަދު ސާލިހު ވިދާޅުވީ އެކައުންޓެންޓުން ސީއޭ މޯލްޑިވްސްގެ މެމްބަރުންނަށް ވަމުންއަންނައިރު އޮޑިޓިންގެ ލައިސެންސް ހޯދާ މީހުންގެ އަދަދުވެސް އިތުރުވެފައިވާ ކަމަށެވެ. އަދި ރާއްޖޭގައި މަސައްކަތް ކުރާ ބޭރުގެ އޮޑިޓިން ފާމުތަކުގައި ދިވެހިންނަށް ޕާޓްނަރުކަން ލިބޭ ކަމަށާއި އެއީ ވެސް ސީއޭ މޯލްޑިވްސް އައުމުން ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޮޑިޓް ޕްރެކްޓިސް ދާއިރާގައި ދިވެހިން ގިނަވެއްޖެ. އޮޑިޓިން ދާއިރާގައި ލައިސެންސް ހޯދައިގެން އެ މަސައްކަތް ކުރާ މީހުން އިތުރުވެގެން ގޮސްފިސީއޭ މޯލްޑިވްސްގެ ކައުންސިލް މެމްބަރު އަހުމަދު ސާލިހު
ސީއޭ މޯލްޑިވްސްގެ ކައުންސިލް މެމްބަރު މުޙައްމަދު ހަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި އޮޮޑިޓިންގ ދާއިރާގައި ދިވެހިންނަށް ގިނަ ފުރުސަތުތައް އެބަހުއްޓެވެ. އެގޮތުން ކުންފުނިތަކުގައި އެކައުންޓިންގ އާއި ފައިނޭންސް ދާއިރާގެ މީހުންނަށް ޑިމާންޑު ބޮޑުކަމަށާއި އެއީ ދިވެހިންނަށް ލިބޭނެ ފުރުސަތުތައްކަން އޭނާ ފާހަގަކުރެއްވިއެވެ.
މުޙައްމަދު ހަލީމް ވިދާޅުވި ގޮތުގައި ރާއްޖޭގައި 4500 އެއްހާ ބިދޭސީން ރާއްޖޭގެ އެކައުންޓިންގ އަދި ފައިނޭންސް ދާއިރާގައި މަސައްކަތް ކުރާ ކަމަށެވެ. އެހެންކަމުން އެއީވެސް ދިވެހިންނަށް ހުރި ފުރުސަތުތައް ކަމަށާއި ރާއްޖޭގެ އިގްތިސާދު ކުރިއަރައިގެންދާވަރަކަށް އެ ފުރުސަތުތައް ފުޅާވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ރާއްޖޭގައި މިނިވަން އެކައުންޓިންގ ބޮޑީއެއް އުފެއްދުމަށް ސީއޭ މޯލްޑިވްސް އުފައްދާފައިވަނީ 8 ސެޕްޓެމްބަރު 2020ގައެވެ.