ކ. މާލެ
|
20 އޯގަސްޓް 2023 | އާދީއްތަ 19:21
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް
ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް
އިންވެސްޓަރުންގެ އިތުބާރާ، އެކައުންޓިން ޕްރޮފެޝަނަށް އޮތް ޔަގީންކަމާ ވަނީ ގުޅިފައި - ގަވަރުނަރު
މިފަހަރުގެ ފޯރަމް ކުރިއަށްދިޔައީ ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންސްޓްސް (ސަފާ)ގެ ބައިވެރިވުމާއެކު
ފޯރަމްގެ މަގުސަދަކީ، ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން އެކައުންޓިންގ ދާއިރާގެ މައުލޫމާތު ދިނުން
ފޯރަމް ކުރިއަށްދިޔައީ އޯގަސްޓް 19އިން 20ށް

އިންވެސްޓަރުންގެ އިތުބާރާ އެކައުންޓިން ޕްރޮފެޝަނަށް އޮތް ޔަގީންކަމާ ވަނީ ގުޅިފައިކަމަށާއި، އެކައުންޓިން ޕްރޮފެޝަނަށް އޮތް އިތުބާރާއި ޔަގީންކަން ދަމަހައްޓަން އިންސްޓިޓިއުޓް އޮފް ޗާޓަރޑް އެކައުންޓެންޓްސް އޮފް ދަ މޯލްޑިވްސް, ސީއޭ މޯލްޑިވްސްއިން މަސަައްކަތް ކުރަން ޖެހޭ ކަމަށް އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވިދާޅުވެއްޖެއެވެ.

އޭނާ އެފަދައިން ވިދާޅުވީ "ސާފާ އައި.އެފް.އާރް.އެސް އެންޑް އައި.އެސް.އޭ.އެސް ފޯރަމް" ފެށުމަށް ހޮނިހިރު ދުވަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ. އެކައުންޓިން ދާއިރާގެ މަސައްކަތްތައް ބައިނަލްއަގުވާމީ މައިދާނުގައިވެސް ޒަމާނާއެކު ވަރަށް ބޮޑަށް ބަދަލުވެފައިވާ ކަމަށެވެ. އެހެންނަމަވެސް އިހުޒަމާނުއްސުރެ އެ ދާއިރާގައި ބަދަލުނުވާ އެއް ކަމެއް އޮންނަ ކަމަށާއި، އެ ކަމަކީ ސްޓޭކް ހޯލްޑަރުންނާއި ވިޔަފާރިވެރިން އޮޑިޓަރުންނަށް ކުރާ އިތުބާރު ކަމަށް އޭނާ ވިދާޅުވިއެވެ. އިންވެސްޓަރުންގެ ބަރޯސާއާއި އިތުބާރުވެސް ބިނާވަނީ އޮޑިޓަރުންގެ މާލީ ބަޔާންތަކަށް ކަމަށް އޭނާ ވިދާޅުވިއެވެ. މާލީ އޮޅުވާލުންތަކަކީ މުޅި އިގްތިސާދަށްވެސް އަސަރުކޮށްފާނެ ކަންކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މާލީ އޮޅުވާލުންތަކުގެ ސަބަބުން އިގްތިސާދުތައް ބަނގުރޫޓުވެފައި ހުރިކަން ގަވަރުނަރު ވަނީ ފާހަގަކުރައްވާފައެވެ. އެސެޓްތައް ބެލެންސް ޝީޓުން އުނިކުރުންފަދަ ކަންކަމުގެ ސަބަބުން، މާލީ ހިސާބުތައް ރަނގަޅަށް ދެނެނުގަނެވި އިގްތިސާދު ނުރައްކަލަށް ހުށަހެޅޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ. އެހެންކަމުން މާލީ ހިސާބުތައް ރަނގަޅަށް ބަލަހައްޓައި، އެ ދާއިރާއިން ގެންނަންޖެހޭ ގާނޫނީ ބަދަލުތައް ގެނައުމަށް މިހާރަށްވުރެ ބޮޑަށް މަސައްކަތްކުރަން ޖެހޭ ކަމަށް ގަވަރުނަރު ވިދާޅުވިއެވެ.

މި ފަހަރުގެ ފޯރަމް ކުރިއަށްދިޔައީ ސައުތު އޭޝިއަން ފެޑެރޭޝަން އޮފް އެކައުންޓެންސްޓްސް (ސަފާ)ގެ ބައިވެރިވުމާ އެކުގައެވެ. އެކައުންޓެންޓުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ މި ފަންނީ ފޯރަމްގެ މަގުސަދަކީ، ފައިނޭންސް ދާއިރާގައި މަސައްކަތްކުރާ ފަންނުވެރިންނަށް ޚާއްސަކޮށްގެން އެކައުންޓިންގ އަދި އޮޑިޓްގެ އައު ސްޓޭންޑަޑްތަކާއި އެންމެފަހުގެ އަޕްޑޭޓްތަކުގެ މައުލޫމާތު ދިނުމެވެ. 2022 ވަނަ އަހަރުން ފެށިގެން ބާއްވަމުންދާ މި ފޯރަމްގެ އަލީގައި، އެކައުންޓިން ދާއިރާގެ ސްޓޭންޑަޑްތައް ފަދަ ފަންނީ މައުލޫމާތުތައް ހިއްސާކުރުމަށް ވަނީ ހަމަޖެހިފައެވެ. ފޯރަމް ކުރިއަށްދިޔައީ އޯގަސްޓް 19އިން 20ށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 5 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް