ކ. މާލެ
|
14 އޯގަސްޓް 2023 | ހޯމަ 07:45
އެންޓި ކޮރަޕްޝަން ކޮމިޝަން
އެންޓި ކޮރަޕްޝަން ކޮމިޝަން
އޭސީސީ
ކެމްޕޭނުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުނ
އިންތިޚާބުގެ ކެމްޕޭން ކުރިއަށް ގެންދިއުމުގައި ގާނޫނުގައިވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރޭ: އޭސީސީ
ކޮމިޝަނުން އިސްނަގައިގެން މިފަދަ ކަންކަން މޮނީޓަރުކުރަމުން ގެންދާނެ
މައްސަލަތައް ބަލައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން އިލްތިމާސްކޮށްފިއެވެ.

އޭސީސީން ނެރުނު ބަޔާނެއްގައި ބުނީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގެ ކެމްޕޭން އެކި ފަރާތްތަކުން ކުރިއަށް ގެންދާއިރު، ރިޔާސީ އިންތިޚާބުގެ ގާނޫނާއި އިންތިޚާބާއި ބެހޭ އާއްމު ގާނޫނާއި އެގާނޫނުގެ ދަށުން ހަދާފައިވާ ގަވާއިދަށް ރިޔާއަތްކޮށް ދައުލަތުގެ ވަސީލަތް ކެމްޕޭނުގެ އެއްވެސް ކަމެއްގައި ބޭނުންކުރުމަކީ ގާނޫނީ ކުށެއް ކަމަށެވެ.

ނަމަވެސް އިންތިޚާބުތަކާއި ބެހޭ އާއްމު ގަވާއިދުގެ 9 ވަނަ މާއްދާގެ ހ ގެ 5 ވަނަ ނަންބަރާއި ރިޔާސީ އިންތިޚާބުގެ ގަވާއިދުގެ 23 ވަނަ މާއްދާގެ ހ ގެ 5 ވަނަ ނަންބަރާއި ދައުލަތުގެ ވަސީލަތް ކެމްޕޭން ކުރުމުގައި ބޭނުންކުރެވިދާނެ ހާލަތްތައް ބަޔާންކޮށްފައިވާއިރު، ދައުލަތުގެ ވަސީލަތް ކެމްޕޭނުގައި ބޭނުންކުރުމަށް އެއްވެސް ފަރާތަކަށް ހުއްދަދޭއިރު ގާނޫނާއި ގަވާއިދާއި އެއްގޮތަށް އަމަލުކުރުމަށް ބުނެފައިވެއެވެ.

މީގެ އިތުރުން އޭސީސީން ބުނީ ރިޔާސީ އިންތިޚާބުގެ ކެމްޕޭނުގެ ހަރަކާތައް ކުރިއަށް ގެންދިއުމުގައި ދައުލަތުގެ ވަސީލަތްތައް ބޭނުންކުރުމާއި ގުޅޭގޮތުން އާއްމުންގެ ފަރާތްތަކުން ކޮމިޝަނަށް ހުށަހެޅޭ މައްސަލަތަކުގެ ތެރެއިން ކޮމިޝަނުން އިސްނަގައިގެން މިފަދަ ކަންކަން މޮނީޓަރުކުރަމުންދާ ކަމަށެވެ. އަދި މައްސަލަތައް ބަލައި ގާނޫނާއި ގަވާއިދުގެ ތެރެއިން އަޅަންޖެހޭ ފިޔަވަޅުތައް އަޅަމުން ގެންދާނެ ކަމަށް އޭސީސީން ބުނެފައިވެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭން ހަރަކާތްތައް ކުރިއަށް ގެންދިއުމުގައި ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތްތައް ބޭނުންނުކުރުމަށާއި، ގާނޫނާއި ގަވާއިދުތަކުގައިވާ ގޮތުގެ މަތީން މެނުވީ ދައުލަތުގެ ވަސީލަތް އެއްވެސް ފަރާތަކަށް ބޭނުންކުރުމުގެ ހުއްދަ ނުދިނުމަށް ދައުލަތުގެ އެންމެހައި އިދާރާތަކަށް އޭސީސީން ވަނީ އިލްތިމާސްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް