ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 17:32
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު
އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
ރާއްޖެއިން ބޭރުގެ 150ށްވުރެ ގިނަ އޮބްޒާވަރުން އިންތިޚާބުގައި ހަރަކާތްތެރިވާނެ ކަމަށް ބެލެވޭ: އިސްމާއީލް ހަބީބު
މިހާތަނަށް ރާއްޖެއިން ބޭރުން 100އަށްވުރެ ގިނަ އޮބްޒާވަރުންނާއި 20 މޮނީޓަރުން އެކްރެޑިޓްކޮށްފައިވާނެ

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖެއިން ބޭރުގެ 150ށްވުރެ ގިނަ އޮބްޒާވަރުން ހަރަކާތްތެރިވާނެ ކަމަށް ބެލެވޭކަމަށް އިލެކްޝަންސް ކޮމިޝަންގެ ނައިބުރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބަށް ކުރިމަތިލައްވާފައިވާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކުރުމަށްޓަކައި ބުދަ ދުވަހު އިންތިޚާބާބެހޭ ޚާއްސަ މަރުކަޒުގައި ބޭއްވި ގުރުއަތު ނެގުމުގެ ރަސްމިއްޔާތު ވާހަކަފުޅުދައްކަވަމުން ހަބީބު ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކަންކަން ހިނގުމުންދަނީ ގާނޫނީ ގަވާއިދުގެ ތެރެއިންތޯ ކަށަވަރުކުރުމަށް، ބޭރުގެ މޮނީޓަރުންނާއި އޮބްޒާވަރުންނަށް ކޮމިޝަނުން ދައުވަތު ދިންކަމަށެވެ.

އެގޮތުން މިހާތަނަށް ރާއްޖެއިން ބޭރުން 100އަށްވުރެ ގިނަ އޮބްޒާވަރުންނާއި 20 މޮނީޓަރުން އެކްރެޑިޓްކޮށްފައި ވާނެކަމަށާއި، 15 ގައުމަކުން 32 އޮބްޒާވަރުން އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބު ވަރަށް ވާދަވެރި އިންތިޚާބަކަށް ވާނެކަމަށާއި، އިންތިޚާބުގެ ސުލޫކީ މިންގަނޑަށް ކެންޑިޑޭޓުން އަމަލުކުރުމަށް ހަބީބު ވަނީ އިލްތިމާސް ކުރައްވާފައެވެ.

ހަބީބު އިތުރަށް ވިދާޅުވީ ކެންޑިޑޭޓުންނަށް ބުރާސްފަތި ދުވަހުން ފެށިގެން އިޝްތިހާރުކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި، މީޑިއާތަކުން ހަމަހަމަ އުސޫލެއްގެ މަތިން ކެންޑިޑޭޓުންނަށް އެ ފުރުސަތު ދިނުމަށް އެދިވަޑައިގަންނަވާކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް