ކ. މާލެ
|
9 އޯގަސްޓް 2023 | ބުދަ 06:05
މަޑަވެލި ކެމްޕޭނު ޖަގަހަ ރޯކޮށްލުން
މަޑަވެލި ކެމްޕޭނު ޖަގަހަ ރޯކޮށްލުން
މަޑަވެލި ކެމްޕޭނު ޖަގަހަ ރޯކޮށްލުން
މަޑަވެލި ކެމްޕެއިން ޖަލްސާ ސަރަހައްދުގައި ރޯކޮށްލި މައްސަލަ އެޗްއާރްސީއެމުން ކުށްވެރިކޮށްފި
މުދަލަށާއި ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށުގެ އަމަލުތައް

ގދ. މަޑަވެލީގައި ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީގެ ފަރާތުން ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ޖަލްސާއެއް ކުރިއަށް ގެންދިޔުމަށް ތައްޔާރުކޮށްފައިވާ ޖަގަހައެއްގައި 8 ވަނަ ދުވަހުގެ ފަތިހުގެ ވަގުތެއްގައި ހުޅުޖަހައި ރޯކޮށްލާފައިވާތީ އެ އަމަލު ހިއުމަން ރައިޓްސް ކޮމިޝަނުން ކުށްވެރި ކޮށްފިއެވެ.

އެ ކޮމިޝަނުން އަންގާރަ ދުވަހު ނެރުނު ބަޔާނެއްގައި ބުނީ މި ދުވަސްވަރު ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ހަރަކާތްތައް ގިނަ ފަރާތްތަކަކުން ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ގެންދާއިރު އެކަމަށް ބޭނުން ކުރަމުންގެންދާ މުދަލާއި ތަކެއްޗަކީ އާންމު ފަރުދުންނާއި ސިޔާސީ ޕާޓީތަކުގެ އަގުހުރި މުދާ ކަމަށާއި އެފަދަ މުދަލަށާއި ތަކެއްޗަށް ގަސްތުގައި ގެއްލުން ދިނުމުގެ އަމަލުތަކަކީ ޖިނާއީ ކުށުގެ އަމަލުތައް ކަމަށެވެ.

އެހެންކަމުން ޤާނޫނީ ގޮތުން ކަށަވަރުކޮށްދީފައިވާ އެއްވެސް ފަރާތެއް އިންތިޚާބީ އެއްވެސް ހައްޤަކަށް އެއްވެސް ފަރާތަކުން އަރައިނުގަތުމަށާއި އެފަދަ ކުށުގެ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެފަދަ އެއްވެސް އަމަލެއް ނުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

ހިއުމަން ރައިޓްސް ކޮމިޝަނުން ބުނީ އިންތިޚާބުތަކުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ އެ އިންތިޚާބަކަށް ކުރިމަތިލާފައިވާ ކޮންމެ ކެންޑިޑޭޓަކަށް ޤާނޫނީ ގޮތުން ލިބިފައިވާ އިންތިޚާބީ ވަރަށް ބޮޑު ހައްޤެއް ކަމަށެވެ. އެއްވެސް ކެންޑިޑޭޓެއްގެ އިންތިޚާބީ ހައްޤަކަށް އުނިކަމެއް އަތުވެދާނެ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރުމަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ.

އަދި އެ މައްސަލަ ޤަވާއިދުން ތަހުޤީޤު ކުރުމަށް ފުލުހުންގެ ހިދުމަތަށް ކޮމިޝަނުން ވަނީ ގޮވާލާފައެވެ. ރިޔާސީ އިންތިޚާބާ ގުޅިގެން ކެމްޕެއިންކޮށް ތާއިދު ހޯދުމަށް ކުރާ މަސައްކަތްތަކަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅުމަށާއި ތާއިދު ހޯދުމަށް ހިންގާ ހަރަކާތްތަކަކީ އަމާންކަމާއެކު ކުރިއަށްގެންދާ ހަރަކާތްތަކަށް ހެދުމަށްޓަކައި ޤާނޫނުތަކާއި ޤަވާއިދުތަކަށް ބޯލަނބައި އިންތިޚާބީ ހައްޤުތަކަށް އިހްތިރާމް ކުރުމަށް ވަނީ ގޮވާލާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް