ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 12:04
ރައީސް ފީވަކުގައި ވާހަކަފުޅުދައްކަވަނީ
ރައީސް ފީވަކުގައި ވާހަކަފުޅުދައްކަވަނީ
އެމްޑީޕީ
ރައީސް ށ. އަތޮޅު ދަތުރުފުޅު
ފީވަކަށް ބޭނުންވާ ގިނަ ކަންކަން އަދިވެސް އެބަހުރި، ރައީސް ދެއްވީ ދެވަނަ ދައުރެއްގައި އެކަންކަން ކޮށްދެއްވާނެ ކަމުގެ ޔަގީންކަން
ސަރުކާރުގެ އަމާޒަކީ ދިވެހިން ބޭނުންވާ އުފާވެރި އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުން
މި ސަރުކާރުން ކޮވިޑުގެ ދެ އަހަރާއެކުގައި ވެސް ފީވަކުގައި 13 މަޝްރޫއެއް
ފީވަކަކީ މީގެ ކުރީ ސަރުކާރުތަކުގައި އަޅާނުލައި ދޫކޮށްލާފައިވާ ރަށެއް

ށ. ފީވައް, ކުރީގެ ސަރުކާރުތަކުން ބާކީކޮށްފައި އޮތުމުގެ ސަބަބުން ރަށުގެ ތަރައްގީއަށް ބޭނުންވާ ގިނަ ކަންކަން އަދިވެސް އެބަހުރި ކަމަށާއި އެމަނިކުފާނުގެ ދެވަނަ ދައުރެއްގައި މިހާރު ނުކުރެވި ހުރި ގިނަކަންކަން ކޮށްދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ށ ފީވަކުގައި އަންގާރަ ދުވަހު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ފީވަކަކީ މީގެ ކުރީ ސަރުކާރުތަކުގައި އަޅާނުލައި ދޫކޮށްލާފައިވާ ރަށެއް ކަމަށާއި، އެހެން އެކަން ދިމާވަނީ އެ ފަރާތްތަކުން ހަމައެކަނި ވޯޓަށް ވިސްނަވާތީ ކަމަށެވެ. އެގޮތުން އިންތިޚާބާ ދިމާކޮށް ކަންކަން ކޮށްދޭނެ ކަމަށް ބުނާ ކަމަށާއި ނަމަވެސް ހޮވުމަށްފަހު އެ ރަށުގެ މަތިން ހަނދާން ނެތޭކަން ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފީވަކަށް އެއްވެސް ކަމެއް ކޮށްދެއްވާފައިނުވާއިރު ކުރީގެ ރައީސް އަބްދުالله ޔާމީންގެ ވެރިކަމުގައި ހިންގެވީ އެންމެ ތިން މަޝްރޫއު ކަމަށެވެ. ނަމަވެސް ފީވަކުގައި މި ސަރުކާރުން ކޮވިޑުގެ ދެ އަހަރާއެކުގައި ވެސް 13 މަޝްރޫއެއް އެކި މަރުހަލާތަކުގައި ކުރިއަށްގެންދާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ފީވަކުގެ ރައްޔިރުން މޫދަށް އެރޭނެ ސަރަހައްދެއް ބޭނުންވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ އެ މަސައްކަތް މިހާރު އެމްޓީސީސީއާ ހަވާލުކުރެވިފައިވާ ކަމަށެވެ. އަދި ޒުވާނުންގެ މަރުކަޒު ހެދުމުގެ މަސައްކަތް ވެސް މިހާރު އެވޯޑު ކޮށްފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި މަޝްރޫއުތަކުގެ އިތުރުން ވެސް ފީވަކުގެ ރައްޔިތުންނަށް އިތުރު މަޝްރޫއުތައް ބޭނުންވާކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ރަށުގެ މަގުތަކުގައި ތާރު އަޅައި ޒަމާނީ ފެންވަރަށް ހެދުމުގެ މަސައްކަތް ކުރިއަށް އޮތް ފަސް އަހަރު ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ފީވަކަށް ދިމާވެފައިވާ ރަށް ގިރުމުގެ މައްސަލަ ހައްލުކޮށްދެއްވާނެ ކަމަށާއި ޒުވާނުންނަށް ބޭނުންވާ ޖިމަކާއި ވޮލީކޯޓެއް އަޅައިދެއްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން ފީވަކު ސްކޫލުގައި ހައްލު ކުރަން ޖެހޭ ގިނަ ކަންކަން އެބަހުރި ކަމަށާއި އޭގެ ތެރޭގައި ހިމެނޭ މަލްޓިޕާޕަސް ހޯލާއި އޮފީސް އިމާރަތް އަދި އެ ނޫންވެސް މަސައްކަތް ކޮށްދެއްވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސަރުކާރުގެ އަމާޒަކީ ދިވެހިން ބޭނުންވާ އުފާވެރި އަމާން ރާއްޖެއެއް ދިވެހިންނަށް ހޯދައިދިނުން ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް