Advertisement
ކ. މާލެ
|
1 އޯގަސްޓް 2023 | އަންގާރަ 15:35
ޔާމީނުގެ ކެނޑިޑެސީ ފޯމު ހުށައެޅުއްވުން
ޔާމީނުގެ ކެނޑިޑެސީ ފޯމު ހުށައެޅުއްވުން
ޕީޕީއެމް
ޔާމީނުގެ ކެންޑިޑެސީ
ޔާމީނުގެ ކެންޑިޑެސީ ބަލައިނުގަތުމަށް އީސީން ނިންމައިފި
ރައީސެއްގެ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވޭ
ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރު
ޔާމީނުގެ ރަނިންގ މޭޓަކީ ޑރ މުޙައްމަދު ޖަމީލު އަހުމަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ކެންޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށް ރާއްޖެއެމްވީއަށް މައުލޫމާތު ލިބިއްޖެއެވެ.

އިތުބާރު ހުރި މަސްދަރަކުން ވަނީ އެކަން ރާއްޖެއެމްވީއަށް ކަށަވަރު ކޮށްދެެއްވާފައެވެ.

2023ގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވުމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ރިޔާސީ ކެނޑިޑޭޓަކަށް ކުރީގެ ނައިބްރައީސް އަދި ޔާމީނުގެ ޤާނޫނީ ވަކީލުންގެ ޓީމުގައިވެސް ހިމެނިވަޑައިގަންނަވާ ޑރ މުޙައްމަދު ޖަމީލު އަހުމަދު ހަމަޖައްސަވައި ފޯމު ހުށައަޅުއްވާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނުއެވެ.

Advertisement

ވ. އާރަށު ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ނަންގަވައި، އެ ފައިސާ ލޯންޑަރ ކުރައްވާފައިވާތީ ޔާމީންގެ މައްޗަށް ކްރިމިނަލް ކޯޓުން 11 އަހަރުގެ ޖަލު ޙުކުމެއް އިއްވާފައިވަނީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް ޔާމީނުގެ ފަރާތުން ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުގައި މި މައްސަލަ އޮތީ އިސްތިއުނާފު މަރުޙަލާގައެވެ.

ރައީސުލްޖުމްހޫރިއްޔާއަކަށް އިންތިޚާބުކުރާ މީހެއްގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް ޤާނޫނުއަސާސީގެ 109 ވަނަ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެއެވެ. ޤާނޫނު އަސާސީގެ 109 ވަނަ މާއްދާގައި ބުނެފައިވާ ގޮތުން ޖިނާޢީ ކުށެއް ކުރިކަން ސާބިތުވެ އެއްއަހަރަށް ވުރެ ދިގު ޙުކުމެއް އައިސްފައިވާ މީހަކުނަމަ އެމީހަކަށް ރިޔާސީ އިންތިޚާބުގައި ވާދަކުރެވޭނީ އަދަބު ތަންފީޒުކޮށް ނިމޭތާ 3 އަހަރު ފަހުންނެވެ.

ޔާމީން ކެންޑިޑެންސީ ބަލައިނުގަތުމަށް އީސީން ނިންމުން - އިލެކްޝަންސް ކޮމިޝަން

މީގެ އިތުރުން، ޔާމީނުގެ ވެރިކަމުގައި ޖަލުތަކާއި ޕެރޯލް ޤާނޫނަށް ގެނައި އިސްލާޙުގައިވާ ގޮތުން، ސިޔާސީ ޕާޓީތަކާއި ޖަމިއްޔާތަކަށް އާންމު މެމްބަރެއްގެ ޙައިސިއްޔަތުން ނިސްބަތްވުން ފިޔަވައި، އެއިން ތަނެއްގެ މަސްއޫލުވެރި ފަރާތެއްގެ ގޮތުގައި ހުރުމާއި، އެ ތަންތަނުން ހިންގާ ޙަރަކާތްތަކުގައި ބައިވެރިވުމުގެ ޙައްޤުވެސް ޙުކުމެއް ތަންފީޒު ކުރުމަށްޓަކައި ޖަލުގައި ބަންދުކޮށްފައި ހުންނަ މުއްދަތުގައި ލިބިގެން ނުވާކަމަށް ވަނީ ބަޔާންކޮށްފައެވެ.

ޔާމީނުގެ ވެރިކަމުގައި އޭރު ޖަލުތަކާއި ޕެރޯލްގެ ޤާނޫނަށް މި އިސްލާޙު ގެނައީ ކުރީގެ ރައީސް މުޙައްމަދު ނަޝީދަށް 2018 ވަނަ އަހަރުގެ އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުސަތުތައް ބަންދުކޮށްލުމުގެ ގޮތުންކަމަށް ތުހުމަތު ކުރެވިފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް