މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ން އާދިއްތަ ދުވަހުގެ ރޭ ޏ. ފުވައްމުލަކުގައި ބޭއްވި ޖަލްސާ ނިންމާލި ވަގުތު އެ ސަރަހައްދުގައި ތިބި ބަޔަކު ފުލުހުންނާ ދިމާއަށް ގާ އުކައި ހަމަނުޖެހުން ހިންގައިފިއެވެ.
ފުލުހުންނާ ދިމާއަށް ގާ އުކާފައިވަނީ "މޮންޓި ރޯސާ" ނަމަކަށް ކިޔާ ކެފޭއެއްގެ ތެރޭގައި ތިބި ބައެކެވެ. ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާއާ ގުޅިގެން ފުލުހުން ވަނީ ތިން މީހަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ފުލުހުން ބަންދުކޮށްފައި އޮތް ސަރަހައްދަކަށް ވަދެ ހަމަނުޖެހުން ހިންގުމަށް މަސައްކަތްކުރުމުންނެވެ.
ރާއްޖެއެމްވީއަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މި ހާދިސާގައި ފަސް ފުލުހަކަށް ވަނީ އެކިވަރުގެ އަނިޔާ ލިބިފައެވެ. އަނިޔާ ލިބުނީ ފިރިހެން 4 ފުލުހުންނާއި އަންހެން ފުލުހަކަށެވެ. އެމީހުންނަށް ފުވައްމުލަކު ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ.
![](https://dyncz33htw1ec.cloudfront.net/posts/73f02d1f-7b8c-4211-b441-8d4e9c02f2a4.png)
ސޯޝަލް މީޑިއާގައި ވަނީ، ފުލުހުންނާ ދިމާއަށް ކެފޭ ތެރެއިން ގާ އުކާ މަންޒަރު ފެންނަ ވީޑިއޯއެއް އާންމުވެފައެވެ. މީގެއިތުރުން އާންމުވެފައިވާ އިތުރު ވީޑިއޯގައި އެސްއޯ ފުލުހުން ޝީލްޑްތަކާއެކު އެ ކޭފޭ ތެރެއަށް ވަންނަ މަންޒަރު ފެނެއެވެ. ރާއްޖެއެމްވީން އެ ކެފޭ ދޮށަށް ގޮސް ބެލިއިރު، ފުލުހުންނާ ދިމާއަށް އުކި ގާ ކޮޅުތައް ފެންނަން ހުއްޓެވެ. އޭރު އެ ސަރަހައްދުގައި އެއްވެސް ބަޔަކު ނެތެވެ.
![](https://dyncz33htw1ec.cloudfront.net/posts/1ebfc6da-bc4f-4ac4-b578-b019ecb70de3.png)