މާފަންނު ފިޔާތޮށި މަގުންދާއިރު އެންމެ އަޅައިގަންނާނެ އެއް ކަމަކީ އެމަގުގެ މެދަކާ ހަމައިގައި ހުރި ކުނޑި ކިޔާ ގޭގެ ނަންބޯޑުތަކެވެ. އާއިލާ ބޮޑަސް މިހާރުގެ ޖީލުތަކުން "ކުނޑި" މިނަން ނިސްބަތްކުރަނީ މަޝްހޫރު ވޮލީ ރެފްރީ ކުނޑި އަހުމަދު ސަލީމް (ކުނޑިބެ) އަށެވެ. ކުޅިވަރުގެ ރޮނގުން މި އަހަރު އާއްމު ހިދުމަތުގެ ގައުމީ އިނާމް ލިބިވަޑައިގެންނެވީ އޭނާ އަށެވެ.
އެކަމަކު އަސްލު ކުނޑިބެ އަކީ އޭނާގެ ބައްޕަ ކުނޑި އަލީ ސަލީމެވެ. އެއީ 1970ގެ ތެރޭގައި މަޝްހޫރުވި ކުޅުންތެރިއެކެވެ. ފުޓްބޯޅަ އާއި ހޮކީ އާއި ޓީޓީ ފަދަ ކުޅިވަރުތައް ކުޅުއްވި އެވެ.
"ބައްޕަގެ އައިޑީ ކާޑުގައި ވެސް އޮންނާނީ ކުނޑި އަލީ ސަލީމް ޖަހާފައި. ކީއްވެ ކަމެއް ނޭނގެ. މިހާރު ދެން އެންމެން އަހަންނަށް އެހެން ކިޔަނީ. ބައްޕައަށް ކިޔައި އުޅުނު ނަމެއްވީމަ، އެ ނަން ކީމަ އަހަރެން ހިތްހަމަޖެހޭ،"ކުނޑިބެ ބުންޏެވެ.
މިވަގުތު އެއްގެއްގެ ދެ އެޕާޓްމަންޓެއްގައި އުޅެން ޖެހުމުން ވަރަށް ގިނައިން ކުނޑިބެއާ ބައްދަލުވެ އެވެ. މިއިން ކޮންމެ ފަހަރަކުހެން ގައުމީ އިނާމްގެ ވާހަކަ ކުނޑިބެ ދައްކަ އެވެ. އިނާމަށް ކުރިމަތިލުމުގެ ޝައުގު އޮތްލެއް ބޮޑުކަމުންނެވެ. އޭނާގެ ހިދުމަތުގެ އަގު ގައުމީ ފެންވަރުގައި ފާހަގަ ކުރުމުގެ ޝައުގުވެރިކަމުންނެވެ. ކުޅިވަރުގެ ކޮންމެ ހިދުމަތްތެރިއަކު ފަދައިން އެއީ އޭނާ ވެސް އެންމެ ބޭނުންވާ އިނާމެވެ. މިހެންވެ އޭނާ އަށް މިކަން ކޮށްދިނުމަށް އިސްނެގީ ކުނޑިބެގެ އާއިލާ އެވެ. އަންހެނުންނާއި ހަތަރު ކުދިންނެވެ. މި އިންޓަވިއު އަށް އަޅުގަނޑާ ވާހަކަ ދައްކަމުންދިޔައިރު އެންމެ ބޮޑަށް ފާހަގަކުރީ ވެސް އާއިލާއިން ލިބުނު އެއްބާރުލުމާއި އެހީތެރިކަމެވެ.
"އެމީހުންނަށް ޝުކުރު އަދާކުރަން ވަރަށް ބޭނުން. އަންހެނުންނާއި ކުދިން މިކަން ކޮށްދިނީ. އެމީހުން މަ ރަށުގައި ނެތީސް މަގޭ ލިޔުންތައް ފޮނުވައި ހެދީ ވެސް. އާއިލާގެ ވަރަށް ބޮޑު އެހީތެރިކަމަކާއެކު މިކަން ކުރަން (ކުޅިވަރުގެ ތެރޭގައި ހަރަކާތްތެރިވެ) މިއުޅެވެނީ،"ކުނޑިބެ ބުންޏެވެ.
ސަލީމަކީ މިހާރު ރާއްޖޭގައި ހުރި ގަދަ ވޮލީ ރެފްރީ އެވެ. ސަރަހައްދީ ބޮޑެތި މުބާރާތްތަކުގެ ފައިނަލް މެޗުތަކުގައި އޭނާގެ ކަށިގަނޑުގެ އަޑު ގަދަ އެވެ. ގައުމީ ފެންވަރުގެ މުބާރާތްތަކާއި ރާއްޖޭގައި ބާއްވާ ސަރަހައްދީ ޓީމުތަކުގެ މުބާރާތްތަކުގައި ވެސް އެންމެ ނަގާކިޔާ ރެފްރީއަކީ މިހާރު އޭނާ އެވެ. އަތޮޅު އަދި ރަށުގެ ފެންވަރުގެ މުބާރާތްތަކާއި ރިސޯޓް މުބާރާތްތަކުގައި ވެސް އޭނާއަކީ ފަރިތަ މޫނެކެވެ. އެންމެ އިތުބާރުކުރާ އެއް ރެފްރީ އެވެ.
ކުނޑިބެ އެންމެ ފާހަގަ ކުރާ މުބާރާތަކީ ދެކުނު އޭޝިޔާގެ އެންމެ ބޮޑު ކުޅިވަރު މުބާރާތް ކަމަށްވާ ސައުތު އޭޝިއަން ގޭމްސްގެ ފައިނަލް މެޗެވެ. 2016 ވަނަ އަހަރު ކުޅުނު އެ މުބާރާތުގައި އިންޑިޔާ އާއި ސްރީލަންކާ ކުޅުނު ވަރުގަދަ ފައިނަލް މެޗުގެ ރެފްރީކަން ކުރަން އޭނާ އަށް ފުރުސަތު ލިބުނީ ހީވެސް ނުކޮށް ހުއްޓަ އެވެ.
"އަސްލު ގަބޫލެއް ނުކުރަން އެވަރުގެ މުބާރާތެއްގެ ފައިނަލެއް ލިބިދާނެ ކަމަށް. އެއީ އަހަރުމެންނަށްވުރެ މާމޮޅު ރެފްރީން ވެސް ތިބޭތީވެ. އެކަމަކު އެ މުބާރާތް ދިޔަގޮތުން (މެޗުތަކަށް އިންސާފު ކުރެވެމުން ދިޔަގޮތުން) މަށަށް ބުނެވުނު ސާންތީ (ވަރަށް ގާތް އެކުވެރިއެއް ކަމަށްވާ އިހުސާން އަބްދުލްގަނީ) ގާތުގައި ސަމާސާއަކަށް މިފަހަރު މިކަން ކުރާނަމޭ. އެހެން ކިޔާފައި އޮއްވާ ވަރަށް އުފާވި ފައިނަލް މެޗު ލިބުމުން،"ކުނޑިބެ ބުންޏެވެ.
މި ފައިނަލްގެ އިތުރުން އޭނާ ވަނީ މިދިޔަ އަހަރު ބޭއްވި އޭވީސީ މެންސް ޗެލެންޖްކަޕުގައި ސައޫދީ އަރަބިއާ އާއި ކިރިގިސްތާން ކުޅުނު ފައިނަލަށް ވެސް އިންސާފުކޮށްދީފަ އެވެ. މީގެ އިތުރުން 2019 ވަނަ އަހަރުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސްގެ ފިރިހެން ޑިވިޝަނުގެ ތިން ވަނަ ހޮވި މެޗުގެ ރެފްރީކަމާއި އެ މުބާރާތުގެ އަންހެނުންގެ ފައިނަލް މެޗުގެ ދެވަނަ ރެފްރީއަކީ ވެސް ކުނޑިބެ އެވެ. މިއާއެކު އޭނާ އަށް ވަނީ ދުވަހު ނޫސް ހަވީރު ހޮވި އެންމެ މޮޅު ރެފްރީގެ އެވޯޑް ވެސް 2019 ވަނަ އަހަރު ލިބުނީ އޭނާ އަށެވެ.
"ރެފްރީކަން ކުރަނީ ވަރަށް ކުރާ ހިތުން. ފެކަލްޓީ އޮފް އެޑިއުކޭޝަންގައި ފިޒިކަލް އެޑިއުކޭޝަން ދަސްކޮށްދޭ މީހެއްގެ ގޮތުގައި ހުރެފައި ވޮލީ ރެފްރީކަން ކުރަން ފެށުނީ. ވަރަށް ކުރާ ހިތުން ފެށި ކަމެއް މިއީ. މިހާތަނަށް ކުރެވުނީ ކިތައް މެޗުކަމެއް ނޭނގެ،"ކުނޑިބެ ބުންޏެވެ.
އޭނާ އަކީ ވަރަށް ކުރިން ފެށިގެން ވޮލީ ރެފްރީކަން ކިޔަވައިދޭން ފަށައި ރާއްޖޭގެ އެކި ހިސާބުތަކަށް ދަތުރުކުރި މީހެކެވެ. 300ށް ވުރެ ގިނަ ރެފްރީން ތަމްރީނުކުރި އެވެ. މިހާރު މި ރެފްރީން ތަމްރީނު ކުރާ ސަރަހައްދީ ފެންވަރުގެ އިންޓަކްޓަރެކެވެ. ކުނޑިބެ ބުނީ އޭނާގެ އުމުރު މަތިވަމުންދާއިރު "މިހާރު ބޭނުންވަނީ ޒުވާން މޮޅު ރެފްރީން އުފައްދަން،" ކަމަށާއި ރާއްޖޭގައި "މޮޅުވާނެ ރެފްރީން އެބަތިބި،" ކަމަށެވެ.
އަބަދުވެސް ވަރަށް ސަމާސާ މިރާޖެއްގެ ކުނޑިބެ އަކީ ގިނަ ބަޔަކު އޭނާ ބަލައިގަންނަ އަބަދުވެސް ކަންކަމުގައި ވަރަށް ޕޮޒިޓިވް މީހެކެވެ. މިހެންވެ ކުޅިވަރުގެ ޕޮލިޓިކްސް ކޮންމެ ގޮތަކަށް އޮތަސް އޭނާގެ ކަށިގަނޑުގެ އަޑާއި ހިދުމަތަށް ނިމުމެއްނާދެ އެވެ.
ދުވަހަކު ވެސް ވޮލީ ނުކުޅެން
ދެން އޮތީ ވޮލީ ރެފްރީއަކަށްވުމުގެ މާކުރީގެ ވާހަކައެކެވެ. މޮޅު ވޮލީ ރެފްރީ ދުވަހަކު ވެސް ވޮލީއެއް ނުކުޅެ އެވެ. އޭނާ ކުޅުނީ ފުޓްބޯޅަ އެވެ. ކުނޑިބެ ސަޕޯޓް ކުރަނީ ކްލަބް ވެލެންސިއާ އަށެވެ. އެކުލަބުގެ ދަށުން ހިންގި ހޮޓްސްޕާސް ކުޅެފައި ފަހުން ކްލަބް ލެގޫންސަށް އޭނާ ފުޓްބޯޅަ ކުޅުނެވެ.
"ވަޒީފާ އަށް ފުރަތަމަ ދިޔައީ (ވެލެންސިއާގެ ގިނަ ބަޔަކު ވަޒީފާ އަދާކުރަމުންދިޔަ) އެއާޕޯޓަށް. އެތަނުން އުޅެނިކޮށް އެއާޕޯޓް ޓީމު ވޮލީ ކުޅޭތީވެ ވޮލީ އަށް ދާން ފެށުނީ އަހަރެންގެ އޭރުގެ ބޮސް ޝިޔާމް އިބްރާހީމް އަކީ ވޮލީ އަށް ލޯބިކުރާ މީހަކަށްވުމުން. އޭނާ ވޮލީއަށް ދާތީވެ،"ކުނޑިބެ ބުންޏެވެ.
ފުޓްބޯޅަ ކުޅުނަސް މޮޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވުން ދޫކޮށްލައި އޭނާ ފަހުން އުޅުނީ ފުޓްބޯޅަ ކޯޗިންގަ އެވެ. ސީ އަދި ބީ ލައިސަންސް ފުޓްބޯޅަ ކޯޗިން ކޯސް ފުރިހަމަކުރި އެވެ. 20 އަހަރުން ދަށުގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެސިސްޓެންޓް ކޯޗުކަން ދެ ފަހަރު ކުރި އެވެ. އަދި އެފްއޭއެމުގެ ޔޫތު ޑިވޮލޮޕްމަންޓް ކޯޗެއްގެ ގޮތުގައި ހަތް އަހަރު މަސައްކަތްކުރި އެވެ.
ފުޓްބޯޅަ އާއި ވޮލީއަށް އޭނާގެ ހަޔާތުގެ ބޮޑުބައި ހުސްކޮށްލިއިރު ކުނޑިބެގެ ބައްޕަ އާއި މުޅި އާއިލާ އަކީ ވެސް ކުޅިވަރުގެ ބައެކެވެ. އޭނާގެ ކޮއްކޮ ވެސް ލެގޫންސަށް ފުޓްބޯޅަ ކުޅުނެވެ. މިހުރިހާ ކަމަކާހެދި ގައުމީ އިނާމަށް އޭނާގެ ނަން ހުށަހެޅުމުން އިނާމް ކޮމިޓީ ގައި ތިއްބެވި ވޮލީ އާއި ފުޓްބޯޅައިގެ ކުރީގެ އިސް ހިންގުންތެރިންނަށް ވެސް އޭނާވީ ވަރަށް ފަރިތަނަމަކަށެވެ. މާބޮޑު އިވެލުއޭޝަނެއް ހަދާކަށް ވެސް ނުޖެހުނެވެ. ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުން އިނާމް ލިބިގަތުމަށް ގައުމީ ދުވަހުގެ ޖަލްސާއަށް ދާން އަންހެނުންނާއެކު ސައިކަލްގައި އޭނާ ނައްޓާލަން އުޅެނިކޮށް އަޅުގަނޑާ ބައްދަލުވި އެވެ. ބުނީ "މަ އަޅައިގެންފި،" ކަމަށެވެ. އެވަގުތު މަރުހަބާ ކީމެވެ. އަދިވެސް އެއްފަހަރު ކުނޑިބެ އަށް މަރުހަބާ އެވެ.