ކ. މާލެ
|
23 ޖުލައި 2023 | އާދީއްތަ 21:11
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ
ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ
ޕޮލިސް
ފުލުހުންގެ އައު އިމާރާތް
ފުލުހުންގެ ތަހުގީގު ޑިޕާޓްމަންޓުތަކަށް ޚާއްސަކޮށްގެން ހަދަމުންދިޔަ އިމާރާތް ނިންމައި، ރަސްމީކޮށް ހުޅުވައިފި
މި އިމާރާތުގައި، އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕަރޕަސް ހޯލެއް ހިމެނޭ

ފުލުހުންގެ ތަހުގީގުތަކަށް ޚާއްސަކޮށްގެން ހ. ފޯވިންޑުގައި ހަދަމުންދިޔަ އިމާރާތުގެ މަސައްކަތް ނިންމައި، ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގުގެ ނަމުގައި ރަސްމީކޮށް ހުޅުވައިފިއެވެ.

ސާޖަންޓް އާދަމް ހަލީމް ކްރިމިނަލް އިންވެސްޓިގޭޝަން ބިލްޑިންގ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި، އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިމްރާން އަބްދުﷲއާއި ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ. މި ރަސްމިއްޔާތުގައި ފުލުހުންގެ ސީނިއަރ އެގްޒެކެޓިވް އޮފިސަރުންނާއި، މަރުހޫމް ސާޖަންޓް އާދަމް ހަލީމްގެ މަންމައާއި ބައްޕައާއި އާއިލާގެ ބައެއް މެންބަރުންގެ އިތުރުން، ފުލުހުންގެ ކޮމިޝަންޑް އޮފިސަރުންނާއި ފުލުހުން ބައިވެރިވެވަޑައިގަތެވެ.

މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ހޯމްއެފެއަރޒް އިމްރާން އަބްދުﷲ ދެއްކެވި ވާހަކަފުޅުގައި، ފުލުހުންގެ ޚިދުމަތުގައި އުޅެނިކޮށް އެކިއެކި ކާރިސާތަކާއި ހާދިސާތަކުގައި ޝަހީދުވެ ގޮސްފައިވާ ފުލުހުންގެ ޒިކުރާ އައުކުރައްވައި، އާއިލާތަކަށް ތައުޒިޔާވިދާޅުވިއެވެ. އަދި ފުލުހުންގެ މެމޯރިއަލް ދުވަހެއް ފާހަގަކުރަމުންދާއިރު، ސާޖަންޓް އާދަމް ހަލީމް ފަދަ ޚިދުމަތްތެރި އެތައް ފުލުހުންނެއް މިއަދު މިދުނިޔެއާ ވަކިވެގެން ގޮސްފައިވާކަން ފާހަގަކުރައްވައި، އެ ފުލުހުންނަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކުރެއްވުން އެދި ދުއާކުރެއްވިއެވެ. 

ހަމައެއާއެކު ފުލުހުންގެ ފަރާތުން ރައްޔިތުންނަށް ދެވޭ ޚިދުމަތް ފުރިހަމަކުރެވޭނީ ފުލުހުންގެ މަސައްކަތަށް ފޯރުކޮށްދެވޭ ވަސީލަތާއި ފުލުހުންނަށް ފަހިކޮށްދެވޭ މަގުތަކާއި ގޮތްތައް ބޮޑަށް ފަހިކުރެވުނު މިންވަރަކުންކަމަށް ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ފުލުހުންގެ ފަރާތުން ލިބެންޖެހޭ ނަތީޖާއާ އެއްވަރަށް ފުލުހުންނަށް ވަސީލަތާއި މަގުތައް ފަހިކޮށްދިނުމަކީ އަމާޒަކަށްވާތީ، ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން އެންމެ އިސްކަމެއްދީގެން ފުލުހުންގެ ވަސީލަތްތައް ފަހިކޮށްދިނުން އެއީ ކުރެވެމުންދިޔަ ކަމެއް ކަމަށާއި އަދިވެސް އޮތީ އެގޮތުގައި ކަމަށް ވިދާޅުވިއެވެ.

ހެންވޭރު ދަނޑު ކައިރީގައި މިއަދު ހުޅުވިގެން ދިޔަ 10 ބުރީގެ މި އިމާރާތް، އިންވެސްޓިގޭޝަން ޑިޕާޓްމަންޓުތަކުގެ މަސައްކަތްތަކަށް ޚާއްސަކޮށްފައިވާއިރު، މި އިމާރާތުގައި އިންޓަވިއު ރޫމުތަކާއި މެސް ހޯލަކާއި ކޮންފަރެންސް ރޫމެއްގެ އިތުރުން މަލްޓިޕަރޕަސް ހޯލެއް ހިމެނެއެވެ. މި އިމާރާތަށް، ކްރިމިނަލް އިންވެސްޓިގޭޝަންސް ކޮމާންޑުގެ ޑިޕާޓްމަންޓުތައް ކަމަށްވާ އިކޮނޮމިކް ކްރައިމް ޑިޕާޓްމަންޓް، ސީރިއަސް އެންޑް އޮގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓް އަދި ޑްރަގް އެންފޯސްމަންޓް ވަނީ ބަދަލުކޮށްފައެވެ.

މީގެ އިތުރުން އިިންޓަރޕޯލް ނޭޝަނަލް ސެންޓްރަލް ބިއުރޯއާއި ހެންވޭރު ޕޮލިސްގެ މަސައްކަތްތައްވެސް މި އިމާރާތަށް ވަނީ ބަދަލުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް