ކ. މާލެ
|
22 ޖުލައި 2023 | ހޮނިހިރު 14:15
ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
ހުކުރު ނަމާދުކުރުމަށް އިސްލާމީ މަރުކަޒުގައި ޖަމާއަތް ހަދައިގެން
އިސްލާމިކް މިނިސްޓްރީ
ހުކުރު ޚުތުބާގެ މައްސަލަ
އާޝޫރާ ދުވަހާ ގުޅޭގޮތުން ޚުތުބާގައި ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެ
އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވަނީ މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތްކުރެއްވި ދުވަސް ކަމަށް ޝަހީމް ވިދާޅުވި
މި މައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައި

އާޝޫރާ ދުވަހާ ގުޅޭގޮތުން ހުކުރު ޚުތުބާގައި ދެއްކި ބައެއް ވާހަކަތައް ސައްހަ ނޫން ކަމަށް ބައެއް ދީނީ އިލްމުވެރިން ވިދާޅުވެއްޖެއެވެ.

ޖުލައި 21 ވީ ހުކުރު ދުވަހު އިސްލާމިކް މިނިސްޓްރީން އާއްމުކޮށްފައިވާ ޚުތުބާ ޚާއްސަކޮށްފައިވަނީ އާޝޫރާ ދުވަހަށެވެ. ޚުތުބާގައި ބުނެފައިވަނީ މާތްﷲ އާދަމުގެފާނު ތައުބާ ގަބޫލުފުޅުކުރެއްވީ އާޝޫރާ ދުވަހު ކަމަށާއި، ނޫހުގެފާނާއި އެކަލޭގެފާނަށް އީމާންވި މީހުން ތޫފާނުން ސަލާމަތްކުރެއްވީ އާޝޫރާ ދުވަހު ކަމަށެވެ. އިބްރާހީމުގެފާނު އަންދާލުމަށް ލައުނަތް ލެއްވި ނަމްރޫދު ރޯކުރި އަލިފާންގަނޑުން އިބްރާހީމްގެފާނު ސަލާމަތްކުރެއްވީ އާޝޫރާ ދުވަހު ކަމަށާއި، ޔޫސުފުގެފާނުގެ އަޚުންގެ ނުބައި ރޭވުންތަކުން ޔޫސުފުގެފާނު ސަލާމަތް ކުރެއްވުމަށްފަހު އެކަލޭގެފަނުގެ ބަފައިކަލުން ޔައުގޫބުގެފާނާ އަލުން ބައްދަލުވެވަޑައިގަތީ އާޝޫރާ ދުވަހު ކަމަށެވެ. ޔޫނުސުގެފާނު މަހުގެ ބަނޑު ތެރެއިން ސަލާމަތްވެވަޑައިގަތީ އާޝޫރާ ދުވަހު ކަމަށާއި، އައްޔޫބުގެފާނު އިމްތިހާނު ކުރެއްވުމުގެ ގޮތުން އެކަލާގެފާނަށް ޖެއްސެވި ދިގު މުއްދަތުގެ ބޮޑު އާލާސްކަންފުޅުން އެކަލޭގެފާނު ސަލާމަތް ކުރެއްވީ އާޝޫރާ ދުވަހު ކަމަށެވެ. އާޝޫރާ ދުވަހަކީ ފިރުއައުނުގެ ކިބައިން މޫސާގެފާނު ސަލާމަތްކުރައްވައި ފިރުއައުނާއި އޭނާގެ ލަޝްކަރު ޣަރަގުކުރެއްވި ދުވަސް ކަމަށްވެސް ޚުތުބާގައި ބުނެފައިވެއެވެ.

މިކަމާ ގުޅިގެން މަޝްހޫރު ދީނީ އިލްމުވެރިޔާ އަދި ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވީ، އާޝޫރާ ދުވަހާ ގުޅިގެން ސާބިތުވަނީ އެއީ މޫސާގެފާނު ފިރުއައުނުގެ ކިބައިން ސަލާމަތްކުރެއްވި ދުވަސް ކަމަށެވެ. އެނޫން ނަބީބޭކަަލުންނާ އެދުވަހާ ގުޅުވައިގެން ބައެއް ފޮތްތަކުގައި އައިސްފައިވާ ކަމަށް ޚުތުބާގައި ބަޔާންކޮށްފައިވާ ވާހަކަތަކަކީ ސައްހަ ވާހަކަތަކެއް ނޫންކަމަށެވެ.

މި މައްސަލައާ ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވައި ދީނީ އިލްމުވެރިޔާ އައްޝައިޚް އާދަމް ނިޝާން ވިދާޅުވީ، ޚުތުބާގައި ވަނީ ކީރިތި ނަބިއްޔާގެ މައްޗަށް ހަދާފައިވާ ދޮގު ބުހުތާނު (މައުޟޫއު) ހަދީސެއްގައި ހުރި، ސާބިތުނުވާ ވާހަކަތަކެއް އާއްމުކޮށްފައި ކަމަށެވެ.

ޚުތުބާ ލިޔަނީ ޝައިޚަކަށްވެފައި، ޚުތުބާތައް ފާސްކުރަން ބޮޑު ކޮމިޓީއެއް އެކުލަވާލާފައި އޮންނައިރު، މިފަދަ އެތައްކަމެއް ތަކުރާރުވަމުން އަންނަކަން ފާހަގަކުރެވޭ ކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ. އެގޮތުން ލާދީނީ ސެކިއުލާރ ފިކުރުގެ ގޮވާލުމާ އެއްގޮތަށް ގުރުއާނުގެ އާޔަތްތަކާއި ހަދީސްތައްވެސް މާނަ އޮޅުވާލައި ގެންނަކަން މީގެ ކުރިންވެސް ސަމާލުކަމަށް ގެނެސްފައިވާކަމަށް ޝައިޚް ނިޝާން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އިސްލާމިކް މިނިސްޓްރީގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 24 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް