ފުޓުބޯޅަ އަށް އިންގިލާބީ ބަދަލެއް ގެނެވޭނެ ކަހަލަ ދުރު ރާސްތާ ޕްލޭނަކާއެކު، ކުރީގެ ޓުއަރިޒަމް މިނިސްޓަރު އަލީ ވަޙީދު (ބަލަކް)ގެ އެޓޯލްސް ފުޓުބޯޅަ ކުލަބު ރަސްމީކޮށް ލޯންޗުކޮށްފި އެވެ.
ދިވެހިވަންތަ ލޯގޯއެއް ފެނިގެންދާ މި ކުލަބު ރަސްމީކޮށް ލޯންޗުކޮށްފައި ވަނީ އެކަމަށްޓަކައި ބުރާސްފަތި ދުވަހުގެ ރޭ ހިރިޔާ ސްކޫލުގައި ބޭއްވި ޚާއްސަ ހަފްލާއެއްގަ އެވެ. އެ ހަފްލާގައި ރާއްޖޭގެ ކުރީގެ މަޝްހޫރު ފުޓުބޯޅަ ކުޅުންތެރިންނާއި، މިހާރުގެ ކުޅުންތެރިންގެ އިތުރުން ފުޓުބޯޅަ ޚިދުމަތްތެރިން ވެސް ވަނީ ބައިވެރިވެފަ އެވެ.
އާންމު ރައްޔިތުންގެ ތެރެއިން ވެސް ގިނަ ބަޔަކު ބައިވެރިވި މި ހަފްލާގައި ބަލަކް ވަނީ އެޓޯލްސް އެފްސީގެ އަމާޒުތައް ހިއްސާކޮށްފަ އެވެ. އެގޮތުން އެ ކުލަބުގެ ފުރަތަމަ އެއް އަހަރު ދުވަހުގެ އަމާޒަކީ، ބައިނަލްއަޤުވާމީ ނެޓުވޯކެއްގައި ކުލަބު ހިމެނުމެވެ. ކުލަބުގެ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ކޮންމެ ރަށެއްގައި އެޓޯލްސް އެފްސީގެ ވިޔުގަ ޤާއިމު ކުރުމަށް ބަލަކް ވަނީ އަމާޒު ހިފައިފަ އެވެ. އެއަށްފަހު، ފަސް އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ޤައުމީ ޗެމްޕިއަނުންނަށް އެޓޯލްސް އެފްސީ ހަދަން ބޭނުންވާއިރު، ދިހަ އަހަރު ދުވަހުގެ ތެރޭގައި ބޭނުންވަނީ އޭއެފްސީ ކަޕް ކާމިޔާބު ކުރުމަށެވެ. އޭގެ ފަހުން ފަނަރަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ޕްރޮފެޝަނަލް ޤައުމީ ޓީމެއް އެކުލަވާލުމަށް އަމާޒު ކަނޑައަޅައިފައިވެ އެވެ. ކުލަބަށް ވިހަ އަހަރު ވެގެންދާއިރު، އަމާޒު ހިފާފައި ވަނީ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވާނެ ފެންވަރުގެ ފުޓުބޯޅަ ޖީލެއް ބިނާ ކުރުމަށެވެ. އެޓޯލްސް ފުޓުބޯޅަ ކުލަބުގެ ހެޑް ކޯޗަކީ ބަލަކް އެވެ.
މިއީ އިނގިރޭސި ވިލާތުގައި ހުންނެވި ދުވަސްވަރު އިނގިރޭސި އެފްއޭއިން ހޮވާ ސީޒަން އެވޯޑްތަކުގެ ތެރެއިން ސައުތު ލަންޑަނުގެ އެންމެ މޮޅު ކޯޗަކަށް ހޮވުނީ އޭނާ އެވެ. ބަލަކްގެ އިރުޝާދުގެ ދަށުން ސްޕޯޓިން ލަންޑަނާއެކު އޭނާ ވަނީ ލަންޑަނުގެ ޑިސްޓްރިކްޓް ލީގުގެ ސެންޗަނަރީ ކަޕް ކާމިޔާބުކޮށްފަ އެވެ. އެއަށްފަހު ރާއްޖެ އައިސް ބަލަކް ވަނީ، އޭނާގެ 40 ވަނަ އުފަންދުވަހުގައި ފުޓުބޯޅައިގެ ޕްރޮޖެކްޓެއް އިއުލާން ކުރާނެ ކަމަށް ވެސް ވިދާޅުވެފަ އެވެ.
ބަލަކް އަކީ ދިވެހި ފުޓުބޯޅަ އަށް މީގެ ކުރިން ވެސް ފަރިތަ މީހެކެވެ. ރާއްޖޭގެ އެންމެ ކާމިޔާބު ކުލަބުކަމަށްވާ، ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބުގެ މެނޭޖަރު ކަމަށާއި، ޤައުމީ ފުޓުބޯޅަ ޓީމުގެ މެނޭޖަރުކަން އޭނާ ވަނީ އަދާކޮޮށްފަ އެވެ. އެއަށްފަހު، ނިއުގެ ޗެއާމަންކަމާ ހަވާލުވީއިރު، ބަލަކްގެ ޗެއާމަން ކަމުގައި ނިއު އިން ވަނީ ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. ހަތަރު އަހަރުގެ ތެރޭގައި ނިއު އިން ވަނީ ޖުމުލަ 13 ތައްޓެއް އޭރު ކާމިޔާބުކޮށްފަ އެވެ. ފުޓުބޯޅައިގެ މަސައްކަތަކަށް ފަހު މިފަހުން ބަލަކް އުޅުނީ ސިޔާސީ މަސައްކަތުގަ އެވެ. އެގޮތުން މި ސަރުކާރުގެ ޓުވަރިޒަމް މިނިސްޓަރުގެ މަގާމުން އޭނާ ވަނީ އަދާކުރައްވައިފަ އެވެ. އެ މަގާމުގައި ހުންނަވާ ބަލަކް ވަނީ ވަގުތޫ ގޮތުން ކުޅިވަރު ވުޒާރާ ހިންގުމާ ވެސް ހަވާލުވެ ވަޑައިގެންފަ އެވެ.