ރައްޔިތުންގެ ބުރަ މަސައްކަތުން ގެނެވެނު ފެހި ޤާނޫނުއަސާސީއަށް ދިމާވެފައިވާ އެންމެ ބޮޑު މުސީބާތް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
"ރައްޔިތުންގެ ބަދަލު"ގެ ނަމުގައި ގދ. ތިނަދޫގައި ހުކުރު ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ނިޒާރު ވިދާޅުވީ ރައީސް ޔާމިންއަކީ ފެހި ޤާނޫނުއަސާސީއަށް ދިމާވި އެންމެ ބޮޑު މުސީބާތް ކަމަށްވާއިރު މި ވާހަކަ ދައްކަން މި ޖެހުނީ ރައްޔިތުންނަށް އަނިޔާވެރިވާ ހިސާބަށް ދިޔުމުން ކަމަށެވެ.
ރައީސް ޔާމިންގެ ވެރިކަން ނިމިއްޖެ ކަމަށް ވިދާޅުވަމުން ވެރިކަން ގެންނަނީ ވެސް ރައްޔިތުންގެ ބާރުން ކަމަށާއި އަދި އެވެރިކަން ނިންމާނީ ވެސް ހަމަ އެރައްޔިތުންގެ ބާރުން ކަމަށް ނިޒާރު ވިދާޅުވިއެވެ.
ރައްޔިތުންގެ ބާރާއި އެކު ނޫނީ ރިޔާސީ ނިޒާމުގެ ވެރިކަން ދެމި އޮންނަން ނުޖެހޭ ކަމަށާއި ވެރިކަމުގެ ބާރު ރައްޔިތުންގެ ކިބައިގައި އޮންނަ އޮތުމަކީ ޤާނޫނު ގަޔާއި މި ނިޒާމުގައި އެކަން އެކަށައެޅިފައިވާ ގޮތް ކަމަށް ވެސް ވިދާޅުވިއެވެ.
ސަރުކާރަށް މުޅި ރާއްޖޭގެ ރައްޔިތުން ނޫނެކޭ ބުނަމުންދާއިރު ސުޕްރީމް ކޯޓުގެ ފަނޑިޔާރުގެ އެހީ ހޯދައިގެން ވެރިކަން ދަހަމައްޓަން ނުޖެހޭ ކަމަށާއި މެމްބަރުންނަށް އަނިޔާވެރިވުމަކީ ރައްޔިތުންނަށް އަނިޔާވެރިވުން ކަމަށް ވެސް ނިޒާރު ވިދާޅުވިއެވެ.
"ރައްޔިތުންގެ ލޯބި ހޯދުމަށް މަސައްކަތް ކުރެއްވިދާނެ. މެމްބަރުންނަށް އަނިޔާވެރިވުމަކީ ރައްޔިތުންނަށް އަނިޔާވެރިވުން. މުލި ރާއްޖެ އޮތީ ރައީސް ޔާމިންއާ ދެކޮޅަށް. ވެރިކަން ކުރުމުގެ ބޭނުމެއް ނެތް ރައްޔިތުންގެ ލޯބި ނުލިބޭނެ ކަމަށް ވާނަމަ،" އޭނާ ވިދާޅުވިއެވެ.
ރައީސް ޔާމިން 2018 ވަނަ އަހަރު ރައްޔިތުންނާ ހަމައަށް ގެނެސްދޭނެ މެނިފެސްޓޯއެއް ނެތް ކަމަށް ވިދާޅުވަމުން ރައީސް ޔާމިންއަކީ ލާމަރުކަޒީ ނިޒާމާ މުޅިން އިދިކީލަ ބޭފުޅެއް ކަމަށްވެސް ނިޒާރު ފާހަގަކުރެއްވިއެވެ.