އަދާލަތު ޕާޓީއާއި އެމްޑީއާއެކު އުފެދިފައިވާ އެމްޑީޕީގެ ކޯލިޝަނަކީ ރައްޔިތުންގެ ބޮޑު އަގުލަބިއްޔަތެއް ލިބިގެން ވެރިކަން ކުރާނެ ކޯލިޝަނެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.
"އުފާވެރި އަމާންރާއްޖެ" ކެމްޕޭން ޖަލްސާގައި ވ. ކެޔޮދޫގައި ވާހަކަފުޅުދައްކަވަމުން، ރައީސް ޞާލިހު ވިދާޅުވީ އެކި ކަންކަމުގައި ރައްޔިތުންގެ ޚިޔާލު ތަފާތުވުމުން، ކޯލިޝަނަކާއެކު ނުވަތަ ގިނަ ބަޔަކާއެކު ވެރިކަން ކުރުމަކީ މުހިންމުކަމެއް ކަމުގައެވެ. ރާއްޖޭގެ ހާލަތު އޮތީ އެގޮތަށް ކަމުން، ގިނަ ބައެއްގެ ހިޔާލު ހޯއްދަވައިގެން މަސައްކަތް ކުރައްވާފައިވުމުން އަމާންކަން ދެމެހެއްޓުނު ކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެމަނިކުފާނަށް ގަބޫލުފުޅު ކުރެއްވުނީ ރާއްޖޭގެ ވެރިކަން ކުރެވޭނީ ގިނަބަޔަކާއި ގުޅިގެން ކަމުގައި ވެސް ރައީސް ސާލިޙު ވިދާޅުވިއެވެ.
އަދި އަދާލަތު ޕާޓީގެ ވިސްނުން އަދި އެމްޑީއޭގެ ވިސްނުންވެސް ގަބޫލުކުރާ ބަޔަކު ތިބޭނެ ކަމަށާއި، ވަކި ބަޔަކު ބާކީ ކޮށްފައި ވަކި ބަޔަކު ބޭނުންވާ ގޮތަށް ކަންކުރާނަމަ ހަމަޖެހުމާއި އަމާންކަން ގެއްލިގެން ދާނެ ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ މިހާރު އުފެދިފައި އޮތް ކޯލިޝަނަކީ ރައްޔިތުންގެެ އަގުލަބިއްޔަތު ލިބިގެން ވެރިކަން ކުރާނެ ކޯލިޝަނެއް ކަމަށެވެ.
ރައީސް ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕޭންގައި ކެޔޮދޫއަށް 7 ވައުދެއް ވެވަޑައިގެންނެވި ކަމަށާއި، އެހެން އެކަން ކުރަން ޖެހުނީ މީގެ ކުރިން ކަމެއް ކުރެވިފައި ނެތުމުން ކަމަށެވެ. ރައީސް ވިދާޅުވީ ރަށްރަށަށް ވަޑައިގަތުމުން ދެން އިތުރުން ބޭނުންވަނީ އެންމެ 3 ކަމެއް ކުރަން ކަން ރަށްރަށުން ބުނަމުންދާ ކަމަށާއި، ށ. ފޯކައިދޫއަކީ އެކަމުގެ ހެތްކެއް ކަމަށެވެ. 2018 ވަނަ އަހަރު ވަޑައިގެންނެވި ކޮންމެ ރަށަކުން ބޮޑު ލިސްޓެއް ހުށަހަޅަމުން ދިޔަ ކަމަށާއި، ވައުދުތައް ފުދެމުންދާވަރަކަށް ރައްޔިތުން ބޭނުންވާ ކަންކަން ދަނީ މަދުވަމުން ކަމަށް އަދި، ރައްޔިތުން އެދޭގޮތަށް ބަދަލު ގެންނެވުމަށް އަބަދުވެސް ހުންނަވާނެކަމަށް ރައީސް ވިދާޅުވިއެވެ.
ކެޔޮދޫގެ ބަނދަރު ނިމިއްޖެ ކަމަށާއި، ސްކޫލުގެ މަލްޓިޕަރޕަސް ހޯލު ހުޅުވިގެންދާއިރު ކްލާސްރޫމްތައް ނިމެމުންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި ޒުވާނުންނަށްޓަކައި ވޮލީކޯޓުގެ މަސައްކަތް އޮތީ ކޮންޓްރެކްޓް ކުރެވިފައި ކަމަށާއި، ސިއްހީ ހިދުމަތް އެންމެ ރަނގަޅަކަށް ނެތް ނަމަވެސް ހެލްތް ސެންޓަރުގެ ޕްރޮޖެކްޓް ވީހާވެސް އަވަސްކޮށް ހިދުމަތް އިތުރުކުރުމުގެ މަސައްކަތް ވީހާވެސް އަވަހަކަށް ފަށާ އެކަން ކުރިއަށް ގެންގޮސްދެއްވާނެކަމަށް ވިދާޅުވިއެވެ.