ކ. މާލެ
|
15 ޖުލައި 2017 | ހޮނިހިރު 02:08
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު
ރާއްޖެ އެމްވީ
އިދިކޮޅު ހަރަކާތް
ސަރުކާރު މިއޮތީ އިނދަޖެހި ބަލިކަށިވެފައި: ޝާހިދު
ތިނަދޫ އަކީ އުއްމީދީ ރަށެއް
ޤާނޫނު އަސާސީއަކީ ހުރިހާ އެންމެން ތަބާވާން ޖެހޭ އެއްޗެއް
ސަރުކާރަށް ތާއީދެއް ނެތް

އެތައް ރައްޔިތުންނެއްގެ ތާއީދާއި އެކީ ވެރިކަމަށް އައި ސަރުކާރު މިއަދު މިފެންނަނީ އިނދަ ޖެހި ބަލިކަށި ވެފައިވާ މަންޒަރު ކަމަށް ހެންވޭރު އިތުރު ދާއިރާގެ މެމްބަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

ގދ.ތިނަދޫގައި ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަންވެސް ކުރައްވާފައިވާ ޝާހިދު ވިދާޅުވީ މިސަރުކާރު މިހާރު ދެމި އޮންނަނީ ދެތިން ބިކަ މީހުން ލައްވާ ކައްތިރި ޖައްސައިގެން ކަމަށާއި އެވަރުންވެސް މިސަރުކާރު ބަލިވެއްޖެ ކަމަށެވެ.

ރާއްޖޭގެ ރައްޔިތުން ތިބީ ރައީސް ޔާމިނަށް ދޫދޭން ނޫން ކަމަށާއި މި ރައްޔިތުން މިއަދު ނިކުމެ، ގުޅި ލާމެހިގެން މި ސަރުކާރަށް ނޫނެކޭ ބުނަމުންދާކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލޭގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އަލިއަޅުވާލާ ވާހަކަދައްކަވަމުން ޝާހިދު ވިދާޅުވީ އެ ނިންމި ނިންމުމަކީ ރާއްޖޭގެ ދުސްތޫރީ ހަޔާތުގައި ހިންގި ހަޑި މުޑުދާރު އަމަލެއް ކަމަށެވެ.

މި ނިންމުމުގެ ސަބަބުން ރައްޔިތުންގެ ހިތް ތަކުގައި ނުތަނަވަސް ކަމެއް އުފެދުނު ނަމަވެސް މިއަދު ތިނަދޫއިން އެކަނިވެސް ފެނިގެންދަނީ މިކަމަށް ހައްލު ގެނެވޭނެ ފަދަ ފޮނި އުއްމީދުތައް ކަމަށް ޝާހިދު ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ތިނަދޫއަށް ނިސްބަތްވާ ޕީޕީއެމްގެ ކުރީގެ ދެ މެމްބަރުންނަށް އިޝާރާތްކުރައްވާ އަބްދުﷲ ޝާހިދު ވިދާޅުވީ ރާއްޖޭގެ އެތަން މިތަނުން ބަތަލުން އުފަންވަމުން އަންނައިރު ތިނަދޫއިން އަނެއްކާވެސް ދެ ބަތަލުން އުފަންވެފައިވާ ކަމަށެވެ.

އެގޮތުން ސުޕްރީމް ކޯޓުގެ ނިންމުމާއި އެކީ ތިނަދޫގެ ދެ މެމްބަރުން އެގޮނޑިން އެއްލާލި ކަމުގައި ވިޔަސް މުޅި ތިނަދޫގެ ހުރިހާ ރައްޔިތުން އެއް އަޑަކުން މިއަދު ގޮވަމުންދަނީ ކުރިން އިންތިހާބުވި ވަރަށް ވުރެ މާ ފުރިހަމައަށް ދެންވެސް އެމެމްބަރުން ހަމަ އެގޮނޑިއަށް އިންތިހާބުކޮށްދެއްވާނެކަމަށް ކަން ޝާހިދު ފާހަގަކުރެއްވިއެވެ.

"ވެރިކަން ހިންގުމުގެ ބާރު، އަދުލު އިންސާފު ޤާއިމް ކުރުމުގެ ބާރު، މުސްތަގިއްލު މުއައްސަސާތަކުންނާއި ރައްޔިތުންނާއި ރައްޔިތުންގެ މަޖިލީހުންނާއި ހުރިހާ ފަރާތްތަކުންވެސް ޤާނޫނު އަސާސީއަށް އަމަލު ކުރަން ފެށުމާއި އެކު އެއަށް ކިޔަމަންވެ އަމަލު ކުރަންވާނެ ކަމަށް ބަޔާންކޮށްފައިވޭ" ޝާހިދު ވިދާޅުވިއެވެ.

ދިވެހި ދައުލަތުގެ އެންމެހާ ބާރުތައް ހިންގަން ވާނީ ޤާނޫނު އަސާސީގެ ތަރަހައިގެ ތެރެއިން ކަމަށްވާއިރު އެގޮތަށް އެ ކަންތައް ނުކޮށްފިނަމަ އެއީ ބާތިލްކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.

- ކޮމެންޓް