ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް އަދި އެ ގައުމުގެ ކުރީގެ ކެޕްޓަން ސެމިއުލް އެޓޫ އިސްތިއުފާ ދިނުމަށް ގިނަ ކުލަބުތަކަކުން ގޮވާލަން ފަށައިފި އެވެ.
އެފްރިކާ އާއި ކެމަރޫނުގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު އެތައް ފަހަރަކު ހޯދާފައިވާ ބާސެލޯނާގެ ކުރީގެ ފޯވަޑް އިސްތިއުފާ ދިނުމަށް ގޮވާލަމުންދަނީ ގަވާއިދާ ހިލާފު ގިނަ ކަންތައްތަކެއް ކުރަމުންދާ ކަމުގެ ތުހުމަތުގަ އެވެ.
މީގެ ތެރޭގައި އެއް ކަމަކީ ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ދައުރު ހަތަރު އަހަރުން ހަތް އަހަރަށް އިތުރުކުރުމުގެ އިސްލާހު ފާސްކުރުމެވެ. ދެ ވަނަ ކަމަކީ ކެމަރޫނު އެފްއޭގެ ގަވާއިދުތަކަށް ގެނެސްފައިވާ ބަދަލުތައް އެކަށީގެންވާ ގޮތަކަށް އާއްމު ކުރަމުންނުދާ ކަމަށް ކުރާ ތުހުމަތުތަކެވެ. ތިން ވަނަ ކަމަކީ ބެޓިން ކުންފުނިތަކުގެ އެޖެންޓްކަމާއި އެމްބެސެޑަރުކަން އެޓޫ ކުރަމުންދިއުމެވެ. މީގެ ސަބަބުން ކެމަރޫނުގެ ގައުމީ ޓީމާއި ކުލަބު މެޗުތަކުގެ ނަތީޖާ ވަކިގޮތަކަށް އަނބުރަމުންދާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
ކެމަރޫނުގެ ފުޓްބޯޅަ ފެޑަރޭޝަން ޒަމާނީ ކުރުމަށް އުމުރުން 42 އަހަރުގެ އެޓޫ އިންތިހާބުކުރެވުނުތާ ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި އޭނާ އަށް ކުރެވޭ ތުހުމަތުތައް އެންމެ ބޮޑަށް ތިލަކުރަމުންދަނީ އެ ގައުމުގެ އެމެޗާ ކުލަބުތަކުގެ ޖަމިއްޔާ އެމެޗާ ކްލަބްސް އެސޯސިއޭޝަނެވެ.
އެ ޖަމާއަތުން ވަނީ ކެމަރޫނުގެ ކުޅިވަރާ ބެހޭ ވަޒީރު ފުޓްބޯޅަ ފެޑަރޭޝަނުގެ ކަންކަމުގެ ތެރެއަށް ވަދެ ގަވާއިދާ ހިލާފަށް ކުރަމުންދާ ކަންކަން ހުއްޓުވަން ގޮވާލައިފަ އެވެ. އަދި މިކަމުގައި ދުނިޔޭގެ ފުޓްބޯޅަ ޖަމިއްޔާ ފީފާގެ އެހީތެރިކަން ވެސް ހޯދުމަށް ވަނީ ގޮވާލައިފަ އެވެ.