ކ. މާލެ
|
10 ޖުލައި 2023 | ހޯމަ 11:45
އެފްޑީއެސްގެ ރައީސްކަމުގައި 12 އަހަރު ހޭދަ ކުރި އިބްރާހީމް ނަސީމް (ނަސީމްބެ)
އެފްޑީއެސްގެ ރައީސްކަމުގައި 12 އަހަރު ހޭދަ ކުރި އިބްރާހީމް ނަސީމް (ނަސީމްބެ)
އިބްރާހީމް ނަސީމް (ނަސީމްބެ)
ގޮންޖެހުންތަކާއެކު ވެސް އެފްޑީއެސް ހިންގުމުގައި 12 އަހަރު، މުޅި އުމުރު އިޖުތިމާއީ މަސައްކަތަށް!
އެފްޑީއެސް ވުޖޫދުވި ފަހުން މިވީ 17 އަހަރުގެ ތެރެއިން، ނަސީމްބެ ވަނީ 12 އަހަރު ރައީސްކަމުގައި ހޭދަކޮށްފައި

ފ.އަތޮޅު މަދަރުސާގެ މުދައްރިސެއްގެ ވަޒީފާ އިން ފެށި މަސައްކަތުގައި މިއަދު ވަނީ ގިނަ ކަންކަން ހާސިލްކޮށްފަ އެވެ. ޒުވާން އުމުރުން ފެށިގެން މިއަދާ ހަމައަށް ވެސް އުމުރުގެ ބޮޑު ބައި އުޅެފައި ވަނީ އިޖުތިމާއީ މަސައްކަތުގަ އެވެ. ފ.ފީއަލީ އިބްރާހީމް ނަސީމް (ނަސީމްބެ) އަކީ މުޅި ފ.އަތޮޅަށް ވެސް ފަރިތަ މޫނެއް އަދި ނަމެކެވެ. އިޖުތިމާއީ މަސައްކަތުގައި ބޮޑަށް އުޅެފައި ވަނީ ރަށުގައި އުފެއްދު ފީއަލީ ޑިވެލޮޕްމަންޓް ސޮސައިޓީ (އެފްޑީއެސް) ގައެވެ.

ރަށުގައި އޭރު އޮންނަނީ އެންމެ ޖަމުއިއްޔާ އެކެވެ. ނަމަވެސް އެކި ފަހަރު މަތިން ކުރެވުނު މަސައްކަތާއެކު، އެފްޑީއެސް ވުޖޫދު ކޮށްފައި ވަނީ 2006 ވަނަ އަހަރުގެ ފެބްރުވަރީ މަހުގެ ދެ ވަނަ ދުވަހު އެވެ. އޭރު ރަށުގެ ޙާލަތު އޮތް ގޮތުން އެކަމަށް ގިނަ ގޮންޖެހުންތަކާ ވެސް ކުރިމަތިލާން ޖެހުނެވެ. އެފްޑީއެސް ވުޖޫދު ކުރުމުގައި އެންމެ އިސް ދައުރެއް އަދާކޮށްފައި ވަނީ ޢަބްދުﷲ ޢަރީފް އަދި މުޙައްމަދު ޝަކީބް އެވެ. އެކަމުގައި ރަށުގެ ހަރު މީހުންގެ ޚިލާޔާ މަޝްވަރާ ވެސް ހޯދި އެވެ. އައު ޖަމުއިއްޔާ އެއް އުފެއްދި ނަމަވެސް، އޭރު ވަނީ މަލާމާތާއި، ފުރައްސާރައާ ކުރިމަތިލާން ޖެހިފަ އެވެ. އެހެން ނަމަވެސް، އެކަންކަން ގިރާ ކުރުމަށްފަހު މި ފާއިތުވި 17 ވަރަކަށް އަހަރުގެ ތެރޭގައި އެ ޖަމުއިއްޔާ ވަނީ ރަށު ތަރައްޤީގައި ގިނަ ކާމިޔާބީތަކެއް ހާސިލްކޮށްފަ އެވެ. އެ ހުރިހާ ކާމިޔާބީއެއްގެ ފަހަތުގައި ހުރި އެކަކީ ނަސީމްބެ އެވެ.

އެފްޑީއެސްގެ ރައީސްކަމުގެ މަގާމުގައި ނަސީމްބެ ވަނީ 12 އަހަރު ހޭދަކޮށްފަ އެވެ. އެ މުއްދަތުގައި އެ ޖަމުއިއްޔާ އިން ވަނީ ރަށު ފެންވަރުގައި، އަދި އަތޮޅު ފެންވަރުގައި ވެސް ގިނަ ކަންކަން ކުރިއަށް ގެންގޮސްފަ އެވެ. ފ.އަތޮޅު މަދަރުސާ އަށް 25 އަހަރު ފުރުމުގެ މުނާސަބަތާ ގުޅުވައިގެން އެފްޑީއެސް އިން ވަނީ އެ މަދަރުސާގައި ޒަމާނީ ފެންވަރުގެ މިސްކިތެއް ބިނާކޮށްފަ އެވެ. ރަށުގެ މަސްޖިދުލް ފަލާޙު މިސްކިތުގެ ފާޚަނާ ބަރީގެ އިތުރުން، ވުޟޫ ކުރަން ޚާއްސަ ސަރަހައްދެއް ވަނީ ޤާއިމުކޮށްދީފަ އެވެ. މުޅި ރަށަށް ހުުޅުވާލައިގެން ސްޕެލިން ބީ މުބާރާތްތަކާއި، ޤުރުއާން މުބާރާތްތައް ވަނީ ފާއިތުވި އަހަރުތަކުގައި ބާއްވައިފަ އެވެ. އަނެއްކޮޅުން ފ.އަތޮޅު މަދަރުސާގެ އަހަރީ އިނާމު ދިނުމުގެ ޖަލްސާ ވެސް އެފްޑީއެސް އިން ވަނީ ސްޕޮންސާ ކޮށްދީފަ އެވެ.

ޖަމުއިއްޔާގެ ލެވެލްގައި ވެސް އަދި އަމިއްލަ ގޮތުން ވެސް ބޮޑަށް އިޖުތިމާއި ކަންކަމުގައި މި އުޅެނީ. އެންމެ ފުރަތަމަ ޓީޗިން ކޯސް ހެދިއިރު، އުމުރުން އަށާރަ އަހަރު ވެސް ނުވޭ. ގާތްގަނޑަކަށް ސޯޅަ ވަރަކަށް އަހަރު ވާނީ. އެހާ ހިސާބުން ފެށިގެން މިއަދާ ހަމަ އަށް އައިއިރު، މުޅިން ވެސް އިޖުތިމާއީ މަސައްކަތުގައި މި އުޅުނީ. ދެން އެފްޑީއެސްގައި އެންމެ ފާހަގަކޮށްލެވޭ އެއް މަސައްކަތަކީ، ސްކޫލަށް 25 އަހަރު ފުރުމާ ގުޅިގެން މިސްކިތެއް ބިނާކޮށްދިނުން. ދެން ރަށު ކުޑަ މިސްކިތުގައި ފާޚަނާ ބަރި އަކާއި، ވުޟޫ ކުރާ ތަނެއް ޤާއިމުކޮށްދިނުން. މި ނޫން ވެސް ހުންނާނެ ބައިވަރު ކަންކަން.
އިބްރާހީމް ނަސީމް (ނަސީމްބެ)
ފީއަލީ ސިއްޙީ މަރުކަޒުގެ އިވެންޓެއްގެ ތެރެއިން އިބްރާހީމް ނަސީމް

ރަށުގެ ސްކޫލްގައި ތައުލީމު ހާސިލް ކުރަމުން އައި ގްރޭޑް 10ގެ ދަރިވަރުންނަށް ޚާއްސަކޮށްގެ މާލެއިން މުދައްރިސެއް ގެނެސްގެން އެކި އެކި ކުލާސްތައް ވެސް ވަނީ ހިންގައިދީފަ އެވެ. ރަށުގައި އެފްޑީއެސް އިން ވަނީ "އައިލެންޑް ޕްރީސްކޫލް" ގެ ނަމުގައި ޕްރީ ސްކޫލެއް ވެސް ހިންގައިފަ އެވެ. ކުއްޔަށް ހިންގަމުން އައި ޕްރީ ސްކޫލް ހިންގުމަށް ފަހުން ވަނީ އަމިއްލަ އިމާރާތެއް ވެސް ތަރައްޤީ ކޮށްފަ އެވެ. އެކަމަށް ޕްލޭންތައް އެކުލަވާލައި މަސައްކަތް ކުރަމުން ދަނިކޮށް، ޕްރީ ސްކޫލްތައް ހިންގުން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމަށް ނިންމުމާއެކު، އައިލެންޑް ޕްރީ ސްކޫލަށް ހުއްޓުމެއް އައެވެ.

އައިލެންޑް ޕްރީ ސްކޫލް ހިންގި ދުވަސްވަރު، ބިލަބޮން އިންޓަނޭޝަނަލް ސްކޫލްގެ މުދައްރިސަކު ގެނެސް، ޕްރީ ސްކޫލް ޓީޗަރުންނަށް ވަނީ އެކި އެކި ތަމްރީނު ޕްރޮގްރާމްތައް ހިންގައިފަ އެވެ. ހަމަ އެ ދުވަސްވަރު، އެފްޑީއެސް އިން ވަނީ ޕްރީ ސްކޫލް ތިން ޓީޗަރަކު އެ ޖަމުއިއްޔާގެ ޚަރަދުގައި ތަމްރީނުކޮށްފަ އެވެ. މީގެ އިތުރުން މ.އަތޮޅު، ދ.އަތޮޅު އަދި ފ.އަތޮޅުގެ ތެލޭސިމިއާ ކުދިންނަށް އަމާޒުކޮށްގެން ވަނީ ތެލެސީމިއާ ފޯރަމްތަކެއް ކުރިއަސް ގެންގޮސްފަ އެވެ.

ކުޅިވަރުގައި ވެސް އެފްޑީއެސް އިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބު މަސަައްކަތްތަކެއް ކޮށްފަ އެވެ. އެގޮތުން ޖަމުއިއްޔާގެ މެމްބަރުންނަށް ބާއްވާ މުބާރާތްތަކުގެ އިތުރުން، ރަށުގެ ކުޑަކުދިންނަށް ޚާއްސަ މުބާރާތްތަކެއް ވެސް ކުރިއަށް ގެންދިޔަ އެވެ. ކުޑަކުދިންނަށް ފުޓުބޯޅަ މުބާރާތް އަދި ބަށި މުބާރާތް ވަނީ ކާމިޔާބު ކަމާއެކު ކުރިއަށް ގެންގޮސްފަ އެވެ. ރަށުން ބޭރުގެ ފަރާތްތަކަށް ބައިވެރިވެވޭ ގޮތަށް، "އިންވިޓޭޝަން ކަޕް"ގެ ނަމުގައި ވަނީ ވޮލީ ބޯޅަ މުބާރާތެއް ބާއްވައިފަ އެވެ. އެ މުބާރާތުގައި ރާއްޖެ އިން ބޭރުގެ އެކި އެކި ޤައުމުތަކުގެ ޤައުމީ ޓީމަށް ނިސްބަތްވާ ކުޅުންތެރިން ވަނީ ކުޅެފަ އެވެ. އެ މުބާރަތަކީ މެދު ރާއްޖެ ތެރޭގައި ކުރިއަށް ގެންދިޔަ، ފެންވަރު ރަނގަޅު، އެންމެ ފޯރިގަދަ އެއް މުބާރާތަށް ވާނެ އެވެ.

ކުޅިވަރު މުބާރާތްތައްް ވެސް ހުންނާނެ ވަރަށް ފެންވަރުގައި ކުރިއަށް ގެންގޮސްފައި. ރަށު ފެންވަރުގައި ވެސް އަދި އަތޮޅު ފެންވަރުގައި ވެސް. ހަމައެކަނި އެފްޑީއެސްގެ މެމްބަރުންނަކަށް ނޫން. ރަށުގެ ކުޑަކުދިންނަށް ވެސް އަމާޒުކޮށްގެން ގިނަ މުބާރާތްތަކެއް ކުރިއަށް ގެންދިޔައިން. ފުޓުބޯޅަ މުބާރާތް އަދި ބަށި މުބާރާތް. ދެން ވަރަށް ފަހުން ތައާރަފް ކުރި މުބާރާތެެއް އިންވިޓޭޝަން ކަޕް އަކީ. އެއީ ޖަމުއިއްޔާގެ ބައެއް މެމްބަރުން ދިން ޚިލާޔަކަށް ފެށި ކަމެއް. ކާމިޔާބު ކަމާއެކު ކުރިއަށް ގެންދެވުނު އެ މުބާރާތް ވެސް.
އިބްރާހީމް ނަސީމް (ނަސީމްބެ)
ފީއަލީ ސިއްޙީ މަރުކަޒުގެ އިވެންޓެއްގެ ތެރެއިން އިބްރާހީމް ނަސީމް

ރަށްފުށުގެ ފެންވަރަށް ބަލާއިރު، މި ހުރިހާ ކަންކަމެއް ކުރުމަަކީ ވަރަށް ގިނަ ޚަރަދު ހިނގާނެ ކަމެކެވެ. އެފްޑީއެސް އިން އެކަންކަމަށް އާމްދަނީ ހޯދަނީ އެކި ގޮތްގޮތަށް މަސައްކަތް ކޮށްގެންނެވެ. ޖަމުއިއްޔާ އަށް ދާއިމީ ގޮތެއްގައި އާމްދަނީ ހޯދުމަށް އެންމެ ފުރަތަމަ ފެށި މަސައްކަތަކީ ކައިރީގައި އޮތް ރިސޯޓަށް ބޮޑުބެރު ޖަހަން ދިޔުމެވެ. ބެރު ޖަހާ ކޮންމެ ރެޔަކަށް 500 ރުފިޔާ ލިބޭ ގޮތަށް ފެށި މަސައްކަތް، ފަހުން ވަނީ 1000 ރުފިޔާ އަށް ބޮޑުކޮށްފަ އެވެ. ޖުމުލަގޮތެެއްގައި އެފްޑީއެސް އަށް އެކަމުން މަހެއްގެ މައްޗަށް އާމްދަނީގެ ގޮތުގައި 5000 އެއްހާ ރުފިޔާ ވަދެ އެވެ.

އޭގެ ފަހުން ދެން ކުރި މަސައްކަތަކީ ޖަމުއިއްޔާގެ ނަން މަތީގައި ރިސޯޓަށް ދޯންޏެއް ކުއްޔަށް ދިނުމެވެ. ޖަމުއިއްޔާގެ ޚަރަދުގައި ތަރައްޤީ ކުރި އެ ދޯނިން މިއަދު ވެސް އެފްޑީއެސް އަށް ހެޔޮވަރުގެ އާމްދަނީ އެއް ދަނީ ލިބެމުންނެވެ. އާމްދަނީ ހޯދުމަށް ދެން ކުރަމުން އައި މަސައްކަތަކީ ޖަމުއިއްޔާގެ މެމެބަރުން ފާނު ދަތުރު ނުވަތަ ކަންނެލި ދަތުރު ދިޔުމެވެ. އެއީ މަދުވެގެން އަހަރަަކު ދެ ފަހަރު ކަހަލަ ގޮތަކަށް ކުރަމުން އައި ކަމެކެވެ. އެފްޑީއެސްގެ މާލޭ ކޮމެޓީން ޖަމުއިއްޔާގެ ހަރަކާތްތަކަށް ބޭނުންވާ ސްޕޮންސާ ހޯދުމުގެ މަސައްކަތް ކުރާއިރު، ނަސީމްބެ ވަނީ އެ ކޮމެޓީގެ ނަން ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. ޚާއްސަކޮށް އެެފްޑީއެސް ކުރިއަށް ގެންދިޔުމުގައި އެ ކޮމެޓީން ކޮށްފައިވާ މަސައްކަތްތައް ވަނީ ފާހަގަކޮށްފަ އެވެ.

އިޖުތިމާއީ މި މަސައްކަތްތަކުގެ އިތުރުން، ނަސީމްބެ އަކީ ޒުވާނުން ބިނާ ކުރުމަށް އިސްކަމެއް ދޭ މީހެކެވެ. މިއަދު ވެސް ހުރީ އެ އަޒުމުގަ އެވެ. ޖަމުއިއްޔާގެ ކަންކަން ކުރިއަށް ގެންދިޔުމަށް ޒުވާނުންގެ އަތް މައްޗަށް ދޫކޮށްލާފައި، ނަސީމްބެ ހުރީ އެކަންކަމުގައި އެހީތެރިވެދިނުމަށެވެ. ރަށުގެ ސިޔާސީ މަސްރަހުގައި ވެސް އެންމެ ވަރުގަދަ އެއް ނަމަކީ ނަސީމްބެ އެވެ. މިހާތަނަށް ރަށުގައި ބޭއްވި ހުރިހާ ކައުންސިލް އިންތިޚާބެއް ކާމިޔާބު ކުރުމުގައި ނަސީމްބެގެ ދައުރު ބޮޑުއިރު، މިހާރުގެ ކައުންސިލް ރައީސް އަދި ނައިބު ރައީސް އަކީ ސްކޫލް ދައުރުން ފެށިގެން ނަސީމްބެ އާއެކު އެކި އެކި މަސައްކަތުގައި އުޅުނު މީހުންނެވެ.

ޒުވާނުން މިހާރު ކަންކަމުގައި އުޅެން ޖެހޭ. އަބަދު ވެސް އިސްކަމެއް ދިނިން ޒުވާނުންނަށް ފުރުސަތު ހޯދައި ދިނުމަށް. އޭރު ޒުވާނުން މަސައްކަތް ކުރި ގޮތާއި، މިހާރު ކުރާ ގޮތް ވަރަށް ތަފާތު. އޭރު ކުރަނީ ލިބޭ އެއްޗަކަށްވުރެ ބޮޑަށް ވޮލެންޓިއާކޮށް، އެހެންވިޔަސް މިހާރު އެކަން އޮންނަނީ ލިބޭ އެއްޗެއްގެ މައްޗަށް. މިހާރު ދެން ބޭނުންވަނީ އަމިއްލަ ކަންކަމަށް ވަގުތު ހޯދަން. އަމިއްލަ މަސައްކަތާއި، އަމިއްލަ އާއިލާ އަށް. އެކަމަކު ޒުވާނުންނަން ކަންކަމުގައި އަތް ގާތްކޮށްދީ، ފަސޭހަކޮށްދެން ހުންނާނަން.
އިބްރާހީމް ނަސީމް (ނަސީމްބެ)

ސްކޫލް މުދަައްރިސެއްގެ ގޮތުގައި ފެށި ވަޒީފާ އިން ނަސީމްބެ ވަނީ، ގިނަ މަގާމުތަކެއް އަދާކޮށްފަ އެވެ. ސްކޫލްގައި ދެ އަހަރު ހޭދަ ކުރުމަށްފަހު، ދެން ބަދަލުވީ ރިސޯޓު ދާއިރާ އަށެވެ. ރިސޯޓު ދާއިރާގައި އުޅުނުއިރު، ކޮންމެ ވެސް ވަރަކަށް އަމިއްލަ އަށް މަސައްކަތް ކުރުން ކުރިއަށް ގެންދިޔަ އެވެ. އެއަށްފަހު ދެން ބަދަލުވީ ފީއައްޔަށް އައްޔަން ކުރި ކައުންސިލަރުގެ މަގާމަށެވެ. އެ މަގާމުން މެދު ޕްރޮވިންސްގެ ޔުޓިލިޓީސް ބޯޑު މެމްބަރަަކށް ބަދަލުވީ ލާމަރުކަޒީ ޤާނޫނުގެ ދަށުން ކައުންސިލަރުން އިންތިޚާބު ކުރުމާއެކު އެވެ. އޭގެ ފަހުން މަސްވެރިކަމުގެ ދާއިރާގައި އުޅުމަށްފަހު، މިހާރު ނަސީމްބެ އަކީ ފީއަލީ ޞިއްޚީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓާ، ހެލްތު ސާވިސްގެ މަގާމު ފުރަމުން އަންނަ ފަރާތެވެ.

- ކޮމެންޓް