ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް ރިޓާރޔާޑް މުހައްމަދު ނާޒިމްގެ މައްޗަށް ކޮށްފައިވާ ޖަލު ހުކުމް އަލުން ތަހްޤީޤް ކުރުމަށް ރައީސް ޔާމިން ގޮވާލަންޖެހިވަޑައިގަންނަވާނެ ކަމަށް ކުރީގެ ހައުސިން މިނިސްޓަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.
ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ގއ. ވިލިނގިލީގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުން އަސްލަމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާއަކަށް ހުންނަވާ ބޭފުޅަކީ ރައްޔިތުންގެ ހައްގުތައް ހިމާޔަތް ކުރައްވަން ހުންނަވާ ބޭފުޅަކަށްވާއިރު ނުހައްގުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިދިނުމަށް މަސައްކަތް ނުކުރައްވާނެ ކަމަށެވެ.
އެހެންކަމުން ކާނަލް ނާޒިމްގެ ގެއިން ފެނުނު ފިސްތޯލައިގައި އޭނާގެ ފިންގަރ ޕްރިންޓް ނޫންކަން ފުލުހުންގެ ފޮރެންސިކް ރިޕޯޓުން ދައްކާއިރުވެސް އެއީ އެމަނިކުފާނާއި ބެހިވަޑައިގަންނަވާ ކަމެއް ނޫން ކަމަށް ވިދާޅުވުމަކީ ރައްޔިތުން ބަލައިގަންނާނެ ކަމެއް ނޫން ކަމަށް އަސްލަމް ވިދާޅުވިއެވެ.
ރައީސް ޔާމިން ރައީސުލްޖުމްހޫރިއްޔާގެ މަޤާމުގައި ހުންނަވައި ރައްޔިތުންނަށް ނުހައްގުން އަނިޔާ ލިބެމުންދާ މަންޒަރު ފެންނަމުންދާއިރުވެސް އެކަމާއި އަޅާނުލައްވާކަމީ ރައްޔިތުން މިއަދު ބަލައިގަންނާނެ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލިސް މެމްބަރުންގެ ގޮނޑި ގެއްލޭ ގޮތަށް ސުޕްރީމް ކޯޓުން ނިންމި ނިންމުމަށް އިޝާރާތްކުރައްވާ އަސްލަމް ވިދާޅުވީ މުޅި މަޖިލިސް އެކީގައި އިދިކޮޅު ފަރާތްތަކާއި ގުޅޭނެ ދުވަހެއްވެސް އަންނާނެ ކަމަށާއި ސުޕްރީމް ކޯޓުގެ އެނިންމުމާއި އެކީ ޕީޕީއެމްގެ މެމްބަރުން ގަދަކަމުން އަލުން އަނބުރާ އެޕާޓީއަކަށް ނުގެންދެވޭނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ ސުޕްރީމް ކޯޓުގެ ނިންމުމާއެކު ވޯޓް ލުމުގެ ހައްގު ނިގުޅައިގަންނަން އެއްވެސް މެމްބަރަކު ބޭނުމެއް ނުވާނެ ކަމަށާއި ސަރުކާރު ނިސްބަތްވާ ސާފު މެޖޯރިޓީއެއް އޮވެ އާރާއި ބާރު އޮވެ ކަންކަން ނިމިގެންދިޔަ ގޮތް ވަރަށް ސާފުކޮށް ފެންނަން އެބައޮތް ކަމަށެވެ.
"ވަރަށް ބޮޑަށް އުއްމީދު ކުރިން އެގޮތަށް ސުޕްރީމް ކޯޓުން ނުނިންމާނެ ކަމަށް. އެހެން ނަމަވެސް އެކަން ނުވާނެ ކަމަށްވެސް ނުވިސްނަން. މިމަސައްކަތަށް ހުއްޓުމެއް އައިސްގެން ނުވާނެ. ރާއްޖެއަށް ޒަމާނީ ޑިމޮކްރަސީއެއް އައިސްގެން މިހާތަނަށް ފުރާފުރިހަމަ ވެގެން ގޮސްފައެއް ނުވޭ. މިކަން ހުއްޓައެއް ނުލާނަން. އާހިރުގައި މޮޅުވާނީ އިދިކޮޅު ފަރާތްތައް. މާގިނަ މެމްބަރުން އަންނާނެ" އަސްލަމް ވިދާޅުވިއެވެ.
މަޖިލީހުގެ ރައީސް އަބްދުﷲ މަސީހާއި ދެކޮޅަށް ފުރަތަމަ މަޖިލިސްއަށް ހުށަހަޅެމުން ސަރުކާރުން ހީފުޅުކުރެއްވީ މަސީހާއި ދެކޮޅަށް 42 މެމްބަރުންގެ ވޯޓް އިދިކޮޅު ފަރާތްތަކަށް ނުލިބޭނެ ކަމަށާއި އެހެންކަމުން އެބަދަލު ގެންނެވީ ކަމަށެވެ. އެހެންނަމަވެސް ފެނިގެން ދިޔައީ ބޮޑުތަނުން މެމްބަރުން މަސީހާ ދެކޮޅަށް ސޮއިކުރި ތަން ކަމަށެވެ.
މިއަދު ފެންނަ އަނެއް ހަޤީޤަތަކީ މިއަދާ ހަމައަށްވެސް ރައީސް ޔާމިން ދޫކުރައްވާ ރައީސް މައުމޫނު އިސްލާހަށް މަސައްކަތް ފައްޓަވަފާނެ ކަމަށް، އެއްވެސް ބޭފުޅަކު ޤާބޫލެއް ނުކުރައްވާނެ ކަމަށާއި އަދި އިދިކޮޅު ފަރާތްތައް ގުޅިވަޑައިގަންނަވާ މެމްބަރުންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.