ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 16:50
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ ދައުރުން ބޭރުގެ ޖަލްސާތައް
ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ އެޖެންޑާ، ދުރާލައި ލިޔުމުން އަންގައިދިނުމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން އެދިއްޖެ
29 މެމްބަރުން ސޮއިކުރައްވައި، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވަނީ 22 ޖޫން 2023ގައި
ޖުލައި 3 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން ތާވަލްކޮށް، އެކަން އަންގާފައިވަނީ ޖުލައި 2 ވަނަ ދުވަހުގެ 16:30ގައި
އަސްލަމް ވަނީ އެ މައުލޫމާތުތައް ދެން އޮންނަ ޖަލްސާ އެއްގެ ކުރިން ދުރާލައި އެމްޑީޕީގެ ޕީޖީ ގްރޫޕާ ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައި

މަޖިލީހުގެ ދައުރުން ބޭރުގައި ބާއްވާ ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާނެ ކަންކަން ދުރާލައި، ލިޔުމުން އަންގައިދިނުމަށް، މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ)ގެ ޕީޖީ ގްރޫޕުން މަޖިލީހުގައި އެދިއްޖެއެވެ.

މިފަދައިން އެދިވަޑައިގެންފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ލީޑަރު މުހައްމަދު އަސްލަމް، މަޖިލީހުގެ އަމީން އާއްމު ފާތިމަތު ނިއުޝާއަށް އެޑްރެސްކުރައްވައި ހޯމަ ދުވަހު ފޮނުއްވި ސިޓީފުޅެއްގައެވެ.

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަށުން، 29 މެމްބަރުން ސޮއިކުރައްވައި، ދައުރުން ބޭރު ޖަލްސާތަކެއް ބާއްވައިދިނުމަށް އެދިވަޑައިގެން ހުށަހަޅުއްވާފައިވަނީ 22 ޖޫން 2023ގައެވެ. އެ ހުށަހެޅުމާ ގުޅިގެން، ޖުލައި 3 ވަނަ ދުވަހު ޖަލްސާއެއް ބާއްވަން ތާވަލްކޮށް، އެކަން އަންގާފައިވަނީ ޖުލައި 2 ވަނަ ދުވަހުގެ 16:30ގައެވެ.

މިއީ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވާއިރު، ޖަލްސާއަށް ހާޒިރުވެވަޑައިގަތުމުގައި މެމްބަރުންނަށް ދަތިތަކާ ކުރިމަތިވެވަޑައިގަންނަވާނެ ކަމެއްކަމަށް އެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. އަދި ހޯމަ ދުވަހުގެ ޖަލްސާގައި ކަން ހިނގި ގޮތަށް ރިއާޔަތްކުރާއިރު، ހޯމަ ދުވަހުގެ ޖަލްސާ ނިންމާލާފައިވަނީ، މަޖިލީހުގެ ގަވާއިދާއި މީގެ ކުރިން މަޖިލީހުގައި އަމަލުކުރި ގޮތާ ޚިލާފަށްކަމަށް އެ ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން ކުރިއަށް އޮތް ދުވަސްތަކުގައި ދައުރުން ބޭރުން ބާއްވާ ޖަލްސާތަކުގެ ތާވަލާއި އެ ޖަލްސާތަކުގެ އެޖެންޑާގައި ހިމަނާނެ މައްސަލަތައް ކުރިއާލައި އެނގޭނެ ގޮތަކަށް ހިއްސާކޮށްދިނުމަކީ މުހިންމު ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމަށް އަސްލަމްގެ ސިޓީފުޅުގައި ވެއެވެ.

އަސްލަމް ވަނީ އެ މައުލޫމާތުތައް ދެން އޮންނަ ޖަލްސާއެއްގެ ކުރިން ދުރާލައި އެމްޑީޕީގެ ޕީޖީ ގްރޫޕާ ހިއްސާކޮށްދިނުމަށް އެދިވަޑައިގެންފައެވެ.

އަސްލަމް ފޮނުއްވި ސިޓީފުޅު

ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ފެށުމަށްފަހު، 3 މިނެޓުތެރޭގައި ވަނީ ނިންމާލާފައެވެ.

ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ހަސަން އަފީފެވެ.

ޖަލްސާ ފައްޓަވަމުން އަފީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެމްޑީޕީން ވަކިވެވަޑައިގެންފައި ވާތީ، އެމްޑީޕީގެ އަދަދު މިހާރު ކުރިން ހުރި ވަރަށްވުރެ ދަށްވެފައިވާކަމަށެވެ.

އެެހެންކަމުން މިހާރު ހުށަހެޅިފައިވާ ރިޕޯޓަށް އެގޮތުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭކަމަށް އަފީފް ވިދާޅުވިއެވެ. އަފީފް ވިދާޅުވީ ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށަހަޅުއްވަންޖެހޭ އިސްލާހުތައް ހުށަހެޅުއްވުމުން ކަމަށެވެ.

އެހިސާބުން މެމްބަރުން ނިޒާމީ ނުކުތާ ނަންގަވަން ވެސް މަސައްކަތްކުރެއްވިއެވެ.

ނަމަވެސް މަޖިލީހުގެ ޖަލްސާ ނިންމާލީ އެ ފުރުސަތު ދިނުމަކާ ނުލައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 10 ގަޑިއިރު ކުރި
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް