ކ. މާލެ
|
3 ޖުލައި 2023 | ހޯމަ 09:28
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
ދައުރުން ބޭރު ޖަލްސާ
ދައުރުން ބޭރުން ބޭއްވި ފުރަތަމަ ޖަލްސާ 3 މިނެޓުތެރޭ ނިންމާލައިފި
ނިޒާމީ ނުކުތާ ނަންގަވަން ބޭނުންވާކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދެވި
ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފު
އަފީފް ވަނީ ޖަލްސާ ފެށުނުތާ 3 މިނެޓު ނުވަނީސް ޖަލްސާ ނިންމަވާލައްވާފައި

ދައުރުން ބޭރުން ބާއްވާ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ފެށުމަށްފަހު، 3 މިނެޓުތެރޭ ނިންމާލައިފިއެވެ.

ދައުރުން ބޭރުގައި ބާއްވާ ފުރަތަމަ ޖަލްސާ ހޯމަ ދުވަހު ހެނދުނު 9:00ށް ތާވަލު ކޮށްފައިވާއިރު، މި ޖަލްސާގެ އެޖެންޑާގައި އޮތީ ދާއިމީ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތެވެ.

މި ޖަލްސާގެ ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން އަފީފެވެ.

ޖަލްސާ ފައްޓަވަމުން އަފީފް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި، ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ މެދު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ޗެކްމާކް ރަޝީދު) އެ ޕާޓީން ވަކިވެވަޑައިގެންފައިވާތީ އެމްޑީޕީގެ އަދަދު މިހާރު ކުރިން ހުރި ވަރަށްވުރެ ދަށް ވެފައިވާކަމަށެވެ.

އަދި ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ މެންބަރުންގެ އަދަދު މިހާރު ކުރިން ހުރިވަރަށްވުރެ އިތުރު ވެފައިވާކަމަށް ޙަސަން އަފީފް ވިދާޅުވިއެވެ.

ވުމާއެކު، މިހާރު ހުށައެޅިފައިވާ ރިޕޯޓަށް އެގޮތުގެ މަތިން ގެންނަންޖެހޭ ބަދަލުތައް ގެންނަންޖެހޭކަން ފާހަގަ ކުރައްވައި ޙަސަން އަފީފް ވިދާޅުވީ، ޖަލްސާ ކުރިއަށް ގެންދެވޭނީ މިހާރު އައިސްފައިވާ ބަދަލުތަކާއެކު ރިޕޯޓު އަލުން މެންބަރުންނަށް ފޯރުކޮށްދީ، އެއަށް މެންބަރުން ހުށައަޅުއްވަން ޖެހޭ އިސްލާޙުތައް ހުށައެޅުއްވުމުން ކަމަށެވެ.

އެހިސާބުން ނިޒާމީ ނުކުތާ ނަންގަވަން ބޭނުންވާކަމަށް ބައެއް މެންބަރުން ވިދާޅުވަމުން ގެންދަވަނިކޮށް، އަފީފް ވަނީ ޖަލްސާ ފެށުނުތާ 3 މިނެޓު ނުވަނީސް ޖަލްސާ ނިންމަވާލައްވާފައެވެ.

މިހާރު އެމްޑީޕީގައި ތިއްބެވީ 54 މެންބަރުންނެވެ.

އޭގެ އިތުރުން، ޕީޕީއެމްގައި 5 މެންބަރުން، އެމްއެންޕީގައި 3 މެންބަރުން، ޖޭޕީގައި 2 މެންބަރުން، އެމްޑީއޭގައި 2 މެންބަރުން، އަދި ވަކި ޕާޓީއަކަށް ނިސްބަތް ނުވާ 18 މެންބަރުން ތިއްބަވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް