ކ. މާލެ
|
1 ޖުލައި 2023 | ހޮނިހިރު 22:07
އިންޑިއާގައި މޭވާއާއި ތަރުކާރީ ވިއްކާ ބައެއް
އިންޑިއާގައި މޭވާއާއި ތަރުކާރީ ވިއްކާ ބައެއް
ރޮއިޓާސް
މޭވާއާއި ތަރުކާރީ
އުފުލިފައިވާ، މޭވާއާއި ތަރުކާރީގެ އަގުތަކުގެ ނޭދެވޭ އަސަރު އިންޑިއާގެ ބޯޑަރުން ބޭރަށް ފޯރަފާނެބާ؟
އިންޑިއާގެ ބާޒާރުތަކުގައި މޭވާއާއި ތަރުކާރީގެ އަގުތައް އުފުލެމުން ދަނީ އޭގެ އެންމެ އިންތިހާއަށް
ދަނޑުބިންތަކުން ފެން ހިންދޭނެ ގޮތެއް ނެތި، ފެން ދަނީ ބޮޑުވަމުން
ބޯވެލި ފަތާއި ބޮނޑިކޮޕީ ފަދަ ބާވަތްތަކުގެ އަގު އަރައިގެން ދިޔައީ ފަތުއަޑުކިޔާފައި

މޫސުމީ ނޭދެވޭ ބަދަލުތަކަކީ ދެ މިޔަލީ ކަނޑިއެކޭވެސް ބުނެވިދާނެއެވެ. ކޮންމެ ފަރާތަކަށް ޖެހުނު ކަމުގައި ވީނަމަވެސް ސަލާމަތެއް ނެތެވެ. އާދަޔާ ޚިލާފަށް ހޫނު ގަދަވިއަސް، ގަދައަށް ވިއްސާރަ ކުރިއަސް އެކަމުގެ ނޭދެވޭ އަސަރުތައް އިންތިހާއެވެ. މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު، ސީދާ ގޮތުން އެންމެ ބޮޑަށް ފޯރަމުން ދާ އެއް ގައުމަކީ އަވައްޓެރި އިންޑިއާއެވެ. އާދަޔާ ޚިލާފަށް ގަދައަށް ހޫނުވުމާއި، ގަދަ ވިއްސާރައިގެ ސަބަބުން އެކި ކަހަލަ ގޮންޖެހުންތަކާއި، ގެއްލުންތަކާ ކުރިމަތިލާން ޖެހެއެވެ. އެކަމުގެ އަސަރަކީ، ހަމަ އެކަނި އިންޑިއާގެ ސަރަހައްދީ އިމުގެ ތެރޭގައި އޮންނާނެ ކަމެއް ކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. މޫސުމީ ނޭދެވޭ ބަދަލުތަކާއެކު، އިންޑިއާގެ ބާޒާރުތަކުގައި މޭވާއާއި ތަރުކާރީގެ އަގުތައް އުފުލެމުން ދަނީ އޭގެ އެންމެ އިންތިހާއަށެވެ.

މި އަހަރުގެ ޖޫން މަހަށް ފެށުނީއްސުރެ އިންޑިއާއަށް ދަނީ އާދަޔާ ޚިލާފަށް ގަދައަށް ހޫނު ވަމުންނެވެ. ބައެއް ސަރަހައްދުތަކުގެ ފިނިހޫނުމިން 40 ޑިގްރީ ސެލްސިއަސްއަށްވުރެ ވެސް މައްޗަށް އަރާފައި ވާކަމަށް ވަނީ ރެކޯޑް ކޮށްފައެވެ.

ގަދަ ވިއްސާރައިގެ ސަބަބުން ފެންބޮޑުވެ، ދަނޑުބިންތަކުން ފެން ހިންދޭނެ ގޮތް ނުވުމާއި، އާދަޔާ ޚިލާފު ގަދަ ހޫނުގެ ސަބަބުން ދަނޑުތަކުގެ އުފެއްދުންތެރިކަމަށް ނޭދެވޭ އަސަރުވަނީ ފޯރާފައެވެ.

އާދަޔާ ޚިލާފަށް ހޫނު ގަދަވުން އެކަންޏެއް ނޫނެވެ. ގަދަ ވިއްސާރައިގެ ސަބަބުން އިންޑިއާގެ ދަނޑުވެރިންނަށް ވަނީ ކުރިމަތިލާން ގެއްލުމާވެސް ޖެހިފައެވެ. ގަދަ ވިއްސާރައިގެ ސަބަބުން ފާލަންތަކާއި މަގުތައް ދޮވެވިގެންގޮސް، ފެނު އަޑީގައި ޣަރަޤުވުމުގެ ސަބަބުން، ޝިޕްމަންޓްތަކަށް ވަނީ ބުރޫ އަރާފައެވެ. މޭވާއާއި ތަރުކާރީއަކީ އުމުރު ކުރު އުފެއްދުންތަކަކަށް ވާއިރު، އެފަދަ ތަކެތި ހަލާކުވުމުގެ ކުރިން ބާޒާރަށް ފޯރު ކޮށްދިނުމުގައި ދަނޑުވެރިންނަށް އުފުލަން ޖެހިފައިވާ ވޭން ބޮޑެވެ.

ދަނޑުބިންތަކުގެ އުފެއްދުންތެރިކަން ހީނަރުވެފައި ވަނިކޮށް، ސަޕްލައިއަށް ބުރޫ އަރަމުން ދިއުމުގެ ނަތީޖާއެއްގެ ގޮތުން، އެންމެ އާންމުކޮށް ބޭނުންކުރާ ތަރުކާރީގެ އަގުތައް އުފުލެން ފެށީ އިންތިހާ ހަލުވި މިނުގައެވެ. ބޯވެލި ފަތާއި ބޮނޑިކޮޕީ ފަދަ ބާވަތްތަކުގެ އަގު އަރައިގެން ދިޔައީ ފަތުއަޑުކިޔާފައެވެ.

މީގެ ކުރިން ޓޮމާޓޯއަކީ ދޭސީ އުފެއްދުމެއް. ފުދޭ ވަރަކަށް ގިނައިން އުފައްދާނެ. އެހާ އަގުވެސް ހެޔޮ ވާނެ. އެކަމަކު ހުއްޓުމެއް ނެތި ކުރި ވިއްސާރައާ ހެދި ގަސްތައް މުޅިން ހަލާކުވީ. އެހެންވެ، އަހަރެމެން މި ވިއްކާ ތަރުކާރީތައް ސަޕްލައި ކުރަން ޖެހުނީ ވަރަށް ދުރު ހިސާބުތަކުން. އަގުތައް އުފުލިގެން މިއުޅެނީ އުފެއްދުންތެރިކަން ދަށްވުމާ، ސަޕްލައި ހީނަރުވެގެން.
ސަންތޯޝް ޔާދޭވް؛ ތަރުކާރީ ހޯލްސޭލްކުރާ މީހެއް

އިންޑިއާގެ ގޭބިސީތަކުގައި އެންމެ އާންމުކޮށް ބޭނުންކުރާ އެއް ބާވަތް ކަމަށްވާ ޓޮމާޓޯގެ (ރީޓެއިލް) އަގުތަކަށް ބަލާއިރު، މީގެ ކުރިން 5 ރުޕީޒްއާއި 10 ރުޕީޒްއާ ދެމެދު އަގެއްގައި ވިއްކި ޓޮމާޓޯ ކިލޯއެއްގެ އަގު ވަނީ 100 ރުޕީޒްއަށް އުފުލިފައެވެ. އަދުގެ މާލީ ބާޒާރުގެ ރޭޓުން ދިވެހި ރުފިޔާއިން ބަލާނަމަ، 0.93 ލާރިއާއި 1.83 ރުފިޔާއާ ދެމެދު އަގެއްގައި ވިއްކި ޓޮމާޓޯ ކިލޯއެއްގެ އަގު، 18.65 ރުފިޔާއަށް ބޮޑުވީއެވެ.

އިންޑިއާގެ މޫސުމާބެހޭ އިދާރާއިން ލަފާކުރާގޮތުގައި، ކުރިއަށް އޮތް ދުވަސްތަކަކީވެސް އިންޑިއާގެ އެކި ހިސާބުތަކަށް މޫސުމީ ވިއްސާރަ ކުރާނެ ދުވަސްވަރެކެވެ. ހުޅަނގާއި އިރުމަތީގެ އިތުރުން އިރުއުތުރުގެ ސަރަހައްދުތަކަށް ގަދައަށް ވިއްސާރަކުރާނެ ކަމަށް ލަފާކޮށްފައިވާއިރު، މޭވާއާއި ތަރުކާރީގެ ބާވަތްތަކުގެ އަގުތައް، އަދިވެސް އިތުރަށް އުފުލިގެން ދާނެ ކަމަށް ބެލެވެއެވެ.

- ކޮމެންޓް