Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 16:13
އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާ މަޖިލިސް މެންބަރުން
އިދިކޮޅު ހަރަކާތުގައި އިސްކޮށް ހަރަކާތްތެރި ވެވަޑައިގަންނަވާ މަޖިލިސް މެންބަރުން
މުހައްމަދު ޝަރުހާން
މެމްބަރުންގެ ގޮނޑި ގެއްލުން
ގޮނޑިގެއްލޭ މައްސަލައަށް މަޖިލީހުގެ 31 މެންބަރުން ތަދައްޚުލްވާން ހުށަހަޅައިފި
މައްސަލަ ހުށަހެޅުއްވީ ދިވެހި ރައްޔިތުންގެ ނަމުގައި އޭޖީ
މައްސަލައަށް ހުރިހާ ޕާޓީއެއްގެ މަޖިލިސް މެންބަރުން ތަދައްޚުލް ވެފައިވޭ
ބައެއް ވަކީލުންވެސް ވަނީ ތަދައްޚުލް ވެފައި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ އުސޫލްތަކެއް ކަނޑައެޅުމަށްޓަކައި އެޓާނީ ޖެނެރަލް، ސުޕްރީމް ކޯޓަށް ހުށަހަޅުއްވާފައިވާ މައްސަލައަށް ތަދައްޚުލް ވެވަޑައިގަތުމަށް ރައްޔިތުންގެ މަޖިލީހުގެ 31 މެންބަރަކު ފޯމު ހުށަހަޅުއްވައިފިއެވެ.

އެކި ޕާޓީތަކުގެ މެންބަރުން ހިމެނޭ ގޮތަށް މި މައްސަލައަށް ތަދައްޚުލް ވެވަޑައިގަތުމަށް މިހާތަނަށް 31 މެންބަރަކު ފޯމު ހުށަހަޅާފައިވާކަން އެމްޑީޕީގެ ތަރުޖަމާނު އަދި ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އަލްއުސްތާޛް އިމްތިޔާޒް ފަޙުމީ އާއި ޕީޕީއެމްގެ މައުމޫން ފެކްޝަންގެ ސެކެޓްރީ ޖެނެރަލް ޢަބްދުލް އަލީމް އާދަމް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

މި މައްސަލައަށް ތަދައްޚުލް ވުމަށް، މެންބަރުންގެ އިތުރުން ބައެއް ލޯ ފަރމް ތަކުންވެސް ވަނީ ހުށަހަޅާފައެވެ. އެގޮތުން، މަޝްހޫރު ގާނޫނީ ވަކީލް ޝާހީން ހަމީދާއި މައުމޫން ހަމީދު ހިމެނޭ ގޮތަށް ގާނޫނީ ވަކީލުންތަކެއް ވަނީ މި މައްސަލައަށް ތަދައްޚުލް ވެވަޑައިގެންފައެވެ. 

ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން، ޝާހީން ވިދާޅުވީ ޕްރިމިއާ ޗެމްބާގެ ފަރާތުން މި މައްސަލައަށް ތަދައްޚުލްވެފައިވަނީ އޭނާ އާއި މައުމޫނު ހަމީދުގެ އިތުރުން މާޒު ޝަރީފު އާއި މުހައްމަދު އިބްރާހިމް އާއި އައިޝަތު ޝިފާލާ އަދި އިބްރާހިމް ޝަމީލެވެ.

ރައްޔިތުންގެ ހާއްސަ މަޖިލީހުގެ ނައިބު ރައީސްކަން ވެސް ކުރެއްވި ޝާހީން ވިދާޅުވީ، މި މައްސަލައަށް ތަދައްޚުލްވެވަޑައިގަތީ، މައްސަލައިގައި ފުރިހަމަ އިންސާފެއް ނުލިބިދާނެތީ އާއި ގާނޫނު އަސާސީއާ ހިލާފު ކަންކަތްތަކެއް ހުރި ކަމަށް ގަބޫލުކުރެއްވޭތީއެވެ.

"މި މައްސަލަ ހުށަހަޅުއްވާފައި ވަނީ އެކްސްޕާޓޭ މައްސަލައެއްގެ ގޮތުގައި. އެކްސްޕާޓޭ މައްސަލައަކީ ވަރަށް ހާއްސަ އުސޫލްތަކެއްގެ ދަށުން ހުށަހަޅައިގެން، ވަރަށް މުހިންމު ޒިންމާތަކެއް ބިނާވާ ބާވަތެއްގެ ހުށަހެޅުމެއް. އެއް ފަރާތް ހިމެނިގެން ހުށަހަޅައިގެން. އަނެއް ފަރާތަށް ވެސް ގެއްލުމެއް ލިބޭނެ ކަންކަން ބަޔާން ކުރަންވާނެ. މިފަދަ މައްސަލަތަކުގައި ވަކި ފަރާތަކަށް ރައްދު ނުވާތީ ދެ ފަރާތައް އިންސާފު ލިބޭ ގޮތަށް ހުށަހެޅުން އޮންނަން ވާނީ. މި މައްސަލައިގައި އެ ވަރަށް އެޓާނީ ޖެނެރަލްގެ ހުށަހެޅުން އޮތް ކަމަށް ގަބޫލެއް ނުކުރެވޭ. އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ މި މައްސަލަ ހުށަހަޅާފައިވާ ގޮތުން އެއް ފަރާތަކަށް ފައިދާވާ ގޮތަށް ހިނގައިދާނެ ކަމަށް،" އޭނާ ވިދާޅުވިއެވެ

ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންފައިވާ މެންބަރަކު ޕާޓީ ބަދަލުކޮށްފި ނަމަ މެމްބަރުކަމުގެ ގޮނޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް އެދި އެޓާނީ ޖެނެރަލް ވަނީ  ސުޕްރީމު ކޯޓުގައި އެދިފައެވެ.

ތިން ހާލަތެއް މެދުވެރިވެއްޖެ ނަމަ މެންބަރެއްގެ ގޮޑި ގެއްލޭނެ ކަމަށް ކަނޑައަޅައިދިނުމަށް ދައުލަތުން ވަނީ އެދިފައެވެ.

އެއީ މެންބަރަކު ހޮވޭ ސިޔާސީ ފިކުރަކާ ހިލާފުވުމާއި ޕާޓީ ވަކިވުމާ އަދި އެހެން ޕާޓީއަކާ ގުޅުމެވެ. މައްސަލަ ހުށަހެޅީ ގާނޫނު އަސާސީގެ 26 ވަނަ މާއްދާގެ (ނ) އާއި 30 ވަނަ މާއްދާގެ (ހ) އާއި 74 ވަނަ މާއްދާ އާއި 75 ވަނަ މާއްދާ މާނަކޮށްދިނުމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އަލީ ޔޫސުފް
- ކޮމެންޓް