ފާރިސް މައުމޫންގެ މައްޗަށް ދައުލަތުން އުފުލި ދައުވާގެ ޝަރީއަތް ކުރިން ތާވަލް ކޮށްފައިވާ ތާރީހު އަވަސްކުރި ގޮތާ މެދު ފާރިސްގެ ފަރާތުން ސުވާލު އުފައްދައިފި އެވެ.
ބުރާސްފަތި ދުވަހު ފާރިސްގެ މައްޗަށް ދައުލަތުން އުފުލާފައިވާ ޝަހްސު އޮޅުވާލުމުގެ ދައުވާއާ ގުޅިގެން ބޭއްވި ޝަރީއަތުގެ އަޑުއެހުން ފެށުމުގެ ކުރިން ފާރިސްގެ ގާނޫނީ ވަކީލު މައުމޫން ހަމީދު ވަނީ ހުރި ކަންބޮޑުވުންތައް ހިއްސާ ކުރައްވާފަ އެވެ.
އެގޮތުން، ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހުން އެދައުވާ ކްރިމިނަލް ކޯޓަށް ހުށަހެޅުމުން މިމަހުގެ 4 ވަނަ ދުވަހު ކޯޓަށް ހާޒިރުވުމުން އެ ދައުވާގެ ލިޔެކިޔުންތައް ހަވާލުކޮށް، މައްސަލަ ބައްލަވަނީ އާދަމް އާރިފް ކަމަށް ވިދާޅުވި ކަމަށެވެ. އަދި މައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް މިމަހުގެ 17 ވަނަ ދުވަހު ބޭއްވޭނެ ކަމަށް ވިދާޅުވި ކަމަށެވެ.
ނަމަވެސް 17 ވަނަ ދުވަހަށް ތާވަލްކޮށް ފާރިސްއަށް ފަހުން ޗިޓް ފޮނުވިއިރު، އެމައްސަލަ ބައްލަވާ ގާޒީއަކީ އަހުމަދު ޝަކީލު ކަމަށް އެނގިފައިވާ ކަމަށެވެ.
މައުމޫން ހަމީދު ވިދާޅުވީ މިމަހުގެ 17 ވަނަ ދުވަހަށް ފާރިސްގެ މައްސަލައަށް ޗިޓް ފޮނުވާފައިވަނިކޮށް، ކުއްލިއަކަށް ބުދަ ދުވަހުގެ ރޭ ފާރިސްއަށް ޗިޓެއް ފޮނުވައި، ބުރާސްފަތި ދުވަހުގެ 11:30 އަށް ކޯޓަށް ހާޒިރު ވުމަށް އަންގާފައިވާ ކަމަށެވެ.
ވަކީލު މައުމޫން ހަމީދު ވިދާޅުވީ ކޯޓުގެ އެޗިޓަށް ބުރާސްފަތި ދުވަހުގެ އަޑުއެހުމަށް ވަޑައިގެން ޝަރީއަތް ފެށުމުގެ ކުރިން މިމައްސަލައިގައި އިންސާފު ލިބުމަށް ދަތިތަކެއް ކުރިމަތިވާ ކަމަށް ގަބޫލު ކުރެވޭ ކަމަށް ގާޒީ އަރިހުގަިއ ދެންނެވި ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހު މި ޝަރީއަތުގެ އަޑުއެހުމަށް ވަޑައިގެންނެވިއިރު، މައްސަލަ ބައްލަވަން އިންނެވި ގާޒީއަކީ މި މައްސަލަ ބެލުމަށް މިހާތަނަށް ކަނޑައެޅި ތިންވަނަ ގާޒީ ކަމަށާއި މިމައްސަލައިގެ ފުރަތަމަ އަޑުއެހުން 17 އަށް ތާވަލްކޮށް 13 ވަނަ ދުވަހަށް ކުއްލިއަކަށް އަވަސް ކޮށްފައިވަނީ ކޮން އުސޫލެއްގެ ދަށުންތޯ ވެސް މައުމޫން ވަނީ ސުވާލު އުފައްދަވާފަ އެވެ.
މައުމޫން ހަމީދު ވަނީ މިއަޑުއެހުން ކުރިން ތާވަލް ކޮށްފައިވާ ގޮތަށް މިމަހުގެ 17 ވަނަ ދުވަހަށް ފަސްކޮށްދިނުމަށް އެދިވަޑައި ގަންނަވާފަ އެވެ.
މައުމޫން ހަމީދުގެ އެވާހަކަތަކާ ގުޅިގެން ދައުލަތުގެ ގާނޫނީ ވަކީލު އެވާހަކަތަކާއި ދެކޮޅަށް އެއްޗެއް ވިދާޅުވެފައެއް ނުވެއެވެ. މިހާރު އެމައްސަލަ ބައްލަވާ ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ބުރާސްފަތި ދުވަހަށް މައްސަލަ އަވަސްވި ގޮތް ޖެހޭނީ އިދާރީ ގޮތުން ބަލާލަން ކަމަށެވެ. އަދި ގާޒީ ބަދަލުވުމުގައި ކަންކަން ހިނގާފައިވާ ގޮތް އެނގިވަޑައި ނުގަންނަވާ ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.
ގާޒީ ވިދާޅުވި މިމަހުގެ 17 އަށް މިމައްސަލަ ތާވަލް ކޮށްފައިވީ ނަމަވެސް އެދުވަހު ބަލަން ހުރި މައްސަލަތަކުގެ ތާވަލް ހުރި ގޮތުން އެދުވަހު މިމައްސަލައިގެ ޝަރީއަތުގެ އަޑުއެހުމެއް ނުބޭއްވޭނެ ކަމަށެވެ. އެހެންކަމުން މިމަހުގެ 20 ވަނަ ދުވަހަށް މިމައްސަލައިގެންޝަރީއަތުގެ އަޑުއެހުމެއް ބޭއްވުމަށް ނިންމާ ޗިޓް ވެސް ވަނީ ފާރިސް މައުމޫނާއި ހަވާލު ކޮށްފަ އެވެ.
ކްރިމިނަލް ކޯޓަށް ފާރިސް މައުމޫންގެ މި މައްސަލަ ހުށަހަޅާފައި ވަނިކޮށް، ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުލްބާރީ ޔޫސުފް ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކުރައްވާފަ އެވެ. އަދި ފާރިސްގެ މިމައްސަލަ ބެއްލެވުމަށް ކުރިން ހަމަޖެއްސެވި ގާޒީ ޝަކީލް ވެސް ވަނީ ފެމިލީ ކޯޓަށް ބަދަލު ކުރައްވާފަ އެވެ. އަދި ފާރިސްގެ މައްސަލަ ބެލުމަށް އެންމެ ފުރަތަމަ ހަވާލު ކުރެއްވި އާދަމް އާރިފްއަކީ މިވަގުތު ކްރިމިނަލް ކޯޓުގެ އިސް ގާޒީ އެވެ.