ހަމުގެ ބައްޔަކާ ގުޅިގެން ޑޮކްޓަރުން ލިޔެދިން ބޭސް ސިޓީގައިހުރި ބޭސްތަކަށް 8 ލައްކަ ދީނާރު ނުވަތަ 611 ޑޮލަރު އަރާކަމަށް އުއްމު މުހައްމަދު ގާތުގައި ފާމަސިސްޓް ބުނުމާއެކު، އޭނާގެ ޚިޔާލު ބަދަލުވިއެވެ. އުއްމު މުހައްމަދުގެ ތިމާގެ ބައެއް މީހުން ފަދައިން އޭނާވެސް އެނބުރުނީ، ގުދުރަތީ ވެށިން ލިބެންހުރި ފަރުވާތަކާ ދިމާއަށެވެ. އެއީ ޖީބަށް ލުއި ގޮތަކަށް ވީމައެވެ.
އެކި ކަހަލަ ފަތްޕިލާވެލި ބޭނުންކޮށްގެން ގަދީމީ ބޭސް ތައްޔާރުކޮށްގެން ވިއްކާ ފިހާރައިން، ދެ ދަރިންގެ މަންމައަށް ލިބުނީ އުފާވެރި ޚަބަރެކެވެ. އުމުރުން 34 އަހަރުގެ އުއްމު މުހައްމަދުގެ ފަރުވާއަށް ކުރަން ޖެހުނު ޚަރަދު، އެ ފިހާރާގައި 8 ގުނަ ހެވެވެ. ޒަމާނީ ބޭސްފަރުވާގެ އާލާތްތަކާއެކު ހިންގާ ފާމަސީތަކަކީ ޖެހިފައި އޮތް ތަކުލީފެއް ކަމުގައި ސިފަކުރަމުން އުއްމު މުހައްމަދު ވަނީ، އަތްމަތި ދަތިކޮށް އުޅޭ މީހުންނަށް އޮތް ގޮތަކީ އެ ބަލީގައި މަރުވެ ދިއުންތޯ ސުވާލު ކޮށްފައެވެ.
މި ވަގުތު ފާމަސީތަކަކީ ޖެހިފަ އޮތް ތަކުލީފެއް، އަގު ބޮޑުކަމުން. ފަގީރުން މިދަނީ ފަތްޕިލާވެލީގެ ގަދީމީ ބޭސްވެރިކަމަށް ބަދަލުވަމުން. އަގުތައް ހާދަހާއޭ ބޮޑީ! މުޅިން ހަމަ ވިޔަފާރިއަކަށް ވެ ނިމިއްޖެ. ކޮންމެ ފާމަސީއެއްގަ ބޭސް މި ވިއްކަނީ އެކި އަގުތަކުގަ. އަހަރެންވެސް ދިޔައިން ފާމަސީއަކަށް. ބޭސް ސިޓީއަށް އަރައޭ ބުނީ 8 ލައްކަ ދީނާރު. ކާކު އަތުގަ އެވަރުގެ ތަނަވަސްކަމެއް އޮތީ؟ ދެން ފަރުވާ ނުލިބި މަރުވާންވީތަ؟ އެހެންވެ، ގަދީމީ ބޭސްވެރިކަމާ ދިމާއަށް މި އެނބުރެނީ. މާ ބޮޑަށްވެސް އަގު ހެޔޮ... އަހަރެންގެ އާއިލާ މީހުންވެސް އަބަދު ބޭނުންކުރަނީ ގަދީމީ ބޭސް. އެމީހުންގެ ތަޖުރިބާއަށް ބަލާއިރު، ފަތްޕިލާވެލީގެ ބޭހުން ނަތީޖާވެސް ފެނިފަ ހުރީ. އަހަރެންގެ ފިރިހެން ދަރިފުޅަކީ ހަކުރު ބަލި ހުންނަ ކުއްޖެއް. މަށަކީ ހަމުގެ މައްސަލަތައް ހުންނަ މީހެއް. އެކަންކަމަށް ފަރުވާ ހޯދަން އަހަރެން މިތަނަށް އަންނަނީ.އުއްމު މުހައްމަދު؛ ކަސްޓަމަރެއް
ފިހާރައިގެ ވެރިޔާ، އިބްރާހީމް އަލް-ޖަބޫރީއަކީ ފާމަކޮލޮޖީ ޕްރޮފެސަރެކެވެ. ޕާމަކޮލޮޖީއަކީ އެކި ކަހަލަ ޑްރަގްތަކާއި ކެމިކަލްތައް، ދިރޭ އެއްޗެހީގައި ޓެސްޓުކޮށްގެން އެކަމުން ނުކުންނަ އަސަރުތަކުގެ ސައެންޓިފިކް ދިރާސާކުރުމާ ބެހޭ އިލްމެވެ. އަލް-ޖަބޫރީ ބުނިގޮތުގައި އޭނާގެ ފިހާރައިން ޚިދުމަތް ހޯދާ މީހުންގެ ތެރޭގައި އެކި ކަހަލަ ބަލިތައް ތަހައްމަލުކުރާ މީހުން އުޅެއެވެ. ހަމުގެ ބަލިތަކާއި ބޮޑުކަމުދިއުމުގައި ވޭން އުފުލާ މިހުންނާއި، ބޮޑުކަމުދާ ހޮޅި އިންފެކްޓްވެގެން އަންނަ މީހުންގެ އިތުރުން، މާ ގިނައިން އިސްތަށި ފައިބާ މައްސަލައަށް ހައްލެއް ލިބޭތޯ އަންނަ މީހުންވެސް ހިމެނޭ ކަމަށް އަލް-ޖަބޫރީ ބުންޏެވެ.
ބައެއް މީހުން އެބަ އާދޭ ކުޑަކަމުދާ ނިޒާމުގަ އިންފެކްޝަނެއް އުފެދިގެން. މީ ވަރަށް ކުޑަކުޑަ ކަމެއް އަސްލުގަ. ދެން އެމީހުން މިދަނީ ޑޮކްޓަރަށް. ގޮސް ސްކޭންތައް ހަދާ، އެގޮތް މިގޮތް އެބަ ހަދާ. އެމީހުން ވެދާނެ މާ ބޮޑު އަގެއް ދައްކާނެ ތަނަވަސްކަން ނެތް ބަޔަކަށް. އެއްވެސް ހާލެއްގަ އަހަރެން މި ބުނަނީ ކޮންމެ ކޮންމެ ގަދީމީ ބޭހުގެ ވާހަކައެއް ނޫން... އެކަމަކު ސިއްހަތާބެހޭ ވުޒާރާއާ، ފަތްޕިލާވެލީގެ ބޭސްވެރިކަމާބެހޭ ގައުމީ މަރުކަޒުން ހުއްދަ ދޫކޮށްފަ ހުންނަ މިކަހަލަ ބޭހަކުން، އެފަދަ މީހަކަށް ކުރާ ފައިދާ ބޮޑުވެދާނެއޭ މި ބުނަނީ. އެއްވެސް ހާލެއްގަ އަހަރެން މި ބުނަނީ، ސަރޖަރީއެއް ހަދަން ޖެހިއްޖިއްޔާ އެކަން ނުކޮށް، ގަދީމީ ބޭސްވެރިކަމަށް ބަރޯސާވާށެކޭ ނޫން. ބޭސްވެރިކަމުގެ ތާރީޚަށް ބަލާއިރުވެސް، ސަރޖަރީ ހަދާފަ އެބަހުރި.ޑރ އިބްރާހީމް އަލް-ޖަބޫރީ؛ ފާމަކޮލޮޖީ ޕްރޮފެސަރ
އިރާގުގެ ބައެއް މީހުން ގަދީމީ ބޭސްވެރިކަން ޚިޔާރުކުރަނީ އެމީހުންގެ ގަބޫލުކުރުންތައް ހުންނަ ގޮތެއްގެ ސަބަބުން ކަމުގައި ވީނަމަވެސް، ޒަމާނީ ބޭސްވެރިކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރެވޭހާ ތަނަވަސްކަން ނެތުމުގެ ސަބަބުން ގަދީމީ ބޭސްވެރިކަން ޚިޔާރުކުރަން މަޖުބޫރުވާ މީހުންވެސް މަދެއް ނޫނެވެ.
އިރާގުގެ ސިއްހަތާބެހޭ ވުޒާރާއާ ގުޅިގެން ހިންގާ ދައުލަތުގެ ރެގިއުލޭޓަރީ އިދާރާއެއް ކަމަށްވާ، ނޭޝަނަލް ސެންޓަރ ފޮރ ހަރބަލް މެޑިސިން ނުވަތަ ފަތްޕިލާވެލީގެ ބޭސްވެރިކަމާބެހޭ ގައުމީ މަރުކަޒުގެ އިސްވެރިޔާ، ޑރ ހައިދަރު ސަބާހު ވިދާޅުވިގޮތުގައި، އިގްތިސާދީ ހާލަތު އޮތް ގޮތުން، ބޭސްވެރިކަމަށް ކުރަންޖެހޭ ޚަރަދުތައް ކުރުމުގައި އާންމުންނަށް ވަނީ ތަކުލީފުތަކެއް އުފުލަން މަޖުބޫރުވެފައެވެ.
އިރާގުގެ ސިއްހީ ނިޒާމަކީ އެއް ޒަމާނެއްގައި މުޅި މެދުއިރުމަތީގައިވެސް އޮތް އެންމެ ވަރުގަދަ، އެންމެ ކާމިޔާބު އެއް ނިޒާމެވެ. ނަމަވެސް ހަނގުރާމައާއި ހަމަނުޖެހުންތަކާއި، ބައިނަލްއަގުވާމީ ފެންވަރުގައި ތަންފީޒުކުރަމުންދާ ދަތިކުރުމުގެ ފިޔަވަޅުތަކާއި، 2003 ވަނަ އަހަރު އެމެރިކާ އިސްވެ އޮވެ އިރާގު ހިފުމާއި، ފުޅާ ދާއިރާއެއްގައި ފެތުރިފައިވާ ކޮރަޕްޝަނުގެ ސަބަބުން، މިއަދު އެ ނިޒާމު ވަނީ މުޅިން ހަފުސްވެފައެވެ.
އާންމު ސިއްހީ ޚިދުމަތްތަކަކީ ރައްޔިތުންގެ އަތުން އެއްވެސް ފީއެއް ނުނަގައި ފޯރުކޮށްދެމުންދާ ޚިދުމަތަކަށް ވީނަމަވެސް، އެކަށީގެންވާ ގޮތެއްގައި ބޭހުގެ ސަޕްލައި ލިބެން ނެތުމާއި، ސިއްހީ ކަންކަމަށް ބޭނުންވާ އާލާތްތައް ލިބުން ދަތިވުމުގެ ނަތީޖާއެއްގެ ގޮތުން، ގިނަ މީހުންނަށް މަޖުބޫރުވަނީ ޕްރައިވެޓް ސެކްޓަރުގެ ތެރެއިން ސިއްހީ ފަރުވާ ލިބިގަތުމަށެވެ. އެއީ އިންތިހާއަށް ޚަރަދު ބޮޑު ކަމެކެވެ.
އެބަ އުޅޭ އެއްވެސް ގޮތަކަށް ޑޮކްޓަރެއްގެ ގާތަށް ނުދާ މީހުން. އަހަރެން ގާތަށް އެބަ އާދޭ ގްރީން ޒޯނުންވެސް މީހުން. އަބޫ ޣުރައިބުން ވަރަށް ގިނަ މީހުން އާދޭ. ފައްލޫޖާއިންވެސް މީހުން އާދޭ. އެމީހުންނަކީ ޑޮކްޓަރަށް ދައްކާ ބައެއް ނޫން. އެމީހުން ބޭނުންކުރަނީ ފަތްޕިލާވެލި.މުހައްމަދު ސަބުހީ؛ ފަތްޕިލާވެލީގެ ގަދީމީ ބޭސް ވިއްކާ ފިހާރައެއްގެ ވެރިޔާ
ކައިރި މާޒީގައި މި ފާއިތުވީ އަހަރުތަކަށް ބަލާއިރު، ވެރިރަށް ބަޣުދާދުގައި ހުޅުވި ފަތްޕިލާވެލީގެ ގަދީމީ ބޭސްވެރިކަމަށް ޚާއްސަ ފިހާރަތައް ވަރަށް ބޮޑަށް އިތުރުވެފައިވާކަން ޑރ. ސަބާހު ވަނީ ފާހަގަކުރައްވާފައެވެ. އެކަމަށް ބޭނުންވާ ހުއްދަ ހޯދައިގެން ޕަތްޕިލާވެލީގެ ބޭސްވެރިކަމުގެ ޚިދުމަތްދޭ ތަންތަނުގެ އަދަދު މިހާރު 460ށް އަރައެވެ. 2020 ވަނަ އަހަރު އެ އަދަދު އުޅުނީ 350ގައި ކަމަށް ޑރ. ސަބާހުގެ ތަފާސް ހިސާބުތަކުން ދައްކައެވެ.
ކަން މިހެން އޮތްއިރު، އެކި ފިހާރަތަކުން ދޭ ޚިދުމަތުގެ ފެންވަރުގައިވެސް ފަރަގުތަކެއް ހުރިކަން ފާހަގަކުރަން ޖެހެއެވެ. ބައެއް ފިހާރަތަކުން ދޭ ބޭހަކީ އެކަމަށް ބޭނުންވާ ހުއްދައާއެކު ވިއްކާ ބޭހެވެ. ބަންދުކޮށްފައި ހުންނަނީވެސް އެކަމަށް އެކަށީގެންވާ ގޮތަކަށެވެ. އެންމެ އިހުގެ ގޮތަށް ފަތްޕިލާވެލި އެއްކޮށްގެން، ކަސްޓަމަރުގެ ކުރިމަތީގައި ބޮޑު ޖާޑިއަކުން އެކި ކަހަލަ ސާމާނުތައް ނަގައި އެއްކޮށްގެން ބޭސް ތައްޔާރުކޮށްދޭ މީހުންވެސް އުޅެއެވެ.
މުހައްމަދު ސަބުހީއަކީ އާއިލީގޮތުން ގަދީމީ ބޭސްވެރިކަން ވާރުތަކުރި މީހެކެވެ. އޭނާގެ ބޭބެވެސް ހިނގި މަގުން ކުރިއަށްދާ ސަބުހީއަކީ 1980ގެ އަހަރުތަކުން ފެށިގެން ގަދީމީ ބޭސް ވިއްކުމުގެ މަސައްކަތުގައި އުޅޭ މީހެކެވެ.
މީ މަށަށް ވާރުތަކުރި ކަމެއް. ހަމަ އެއާއެކީ، އެތައް ދުވަހެއްގެ މަސައްކަތާ، ފަރިތަކުރުންތަކާ ތަޖުރިބާތައްވެސް ހޯދިން. މި ސެންޓަރު ހުޅުވައިގެން، ދާއިމީ ބަލިތަކުގަ އުޅޭ މީހުންނަށްވެސް އަހަރެން ފަރުވާކުރިން. މީހުން ކައިރިން ކަންކަން ދަސްކޮށް، އެމީހުންގެ ތަޖުރިބާތަކުންވެސް ކަންކަން ދަސްކުރިން.ހަސަން އާބިދު އަލީ؛ ފަތްޕިލާވެލީގެ ބޭސް ވިއްކާ ފިހާރައެއްގެ ވެރިޔާ
ކަން މިހެން އޮތްއިރު، ޑޮކްޓަރު ލިޔެދޭ ބޭސް ސިޓީގައި ހުރި ބޭހުގެ ބަދަލުގައި، ފަތްޕިލާވެލީގެ ގަދީމީ ބޭސްވެރިކަމަށް ބަރޯސާވުމަކީ ނުރައްކާ ބޮޑު އަދި އެންމެ ރަނގަޅު ގޮތުގައި ފަރުވާ ނުކުރެވިއްޖެނަމަ ބަލި މީހާގެ ފުރާނައަށްވެސް ނުރައްކާތަކެއް ކުރިމަތިކުރުވާ ކަމެއްކަން، އެތެރެ ހަށީގެ ޑޮކްޓަރު، ޑރ. އަލީ ނަސީރު ވަނީ ފާހަގަ ކުރައްވާފައެވެ.
ޑޮކްޓަރު ދިން ބޭސް ސިޓީގައި ހުރި ބޭހުގެ ބަދަލުގައި ފަތްޕިލާވެލީގެ ގަދީމީ ބޭސްވެރިކަމުގެ ތެރެއިން ފަރުވާ ހޯދުމުގެ ސަބަބުން، ބައެއް މީހުންނަށް އައިސީޔޫގައިވެސް ފަރުވާ ދޭން ޖެހިފައި އެބަހުއްޓެވެ. މި ހުރިހާ ކަމެއްވެސް ގުޅެނީ އިރާގުގައި އެކަށީގެންވާ ސިއްހީ ނިޒާމެއް ގާއިމުވެފައި ނެތުމާކަން ޑރ. ނަސީރު ފާހަގަކުރައްވައެވެ. އުއްމު މުހައްމަދު ފަދަ މީހުންނަށް، މިއަދު އެނޫން ގޮތެއް ނެތެވެ.