Advertisement
ކ. މާލެ
|
13 ޖުލައި 2017 | ބުރާސްފަތި 11:21
ރިލްވާނާއި، ރިލްވާންގެ މަންމަ އެކުގައި - ރިލްވާނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ އެދިފަ
ރިލްވާނާއި، ރިލްވާންގެ މަންމަ އެކުގައި - ރިލްވާނާއި ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ އެދިފަ
ގޫގުލް
ރިލްވާން ވަގަށް ނެގުން
ރިލްވާނާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށްދިނުމަށް އޭނާގެ މަންމަ އެދިއްޖެ
ރިލްވާން ވަގަށްނަގާފައިވާތާ 1069 ދުވަސް
ރިލްވާން ވަގަށްނެގި ފަހުން، އޭނާއަށް ވީނުވީ ގޮތެއް މިހާތަނަށް ހޯދިފައިނުވާކަމަށް ފުލުހުން ބުނޭ
ވަކިވަކި ފަރުދުންނަށްވެސް އަޅުގަނޑުގެ ދަރިފުޅާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީއެންމެ އަވަހަކަށް ޢާއިލާއާ ހިއްސާކޮށްދިނުމަށް އެދެން

ވަގަށް ނަގާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އާ ގުޅޭ އެއްވެސް މައުލޫމާތެއް އެނގޭ ފަރާތެއް ހުރިނަމަ އެ މައުލޫމާތެއް ހިއްސާކޮށްދިނުމަށް ރިލްވާންގެ މަންމަ އެދިއްޖެ އެވެ.

 

ރިލްވާންގެ މަންމަ އެދިފައިވަނީ، ރިލްވާން ވަގަށްނަގާފައިވާތާ 1069 ދުވަސް ވެފައިވާއިރު، އެކަމާ ގުޅޭ ގޮތުން ނެރުނު ނޫސް ބަޔާނެއްގައެވެ.

 

ނޫސްބަޔާނުގައި ރިލްވާންގެ މަންމަ ބުނީ، ރިލްވާން ވަގަށްނެގި ހާދިސާއާގުޅޭ އެއްވެސް މަޢުލޫމާތެއް ދައުލަތުގެ އެއްވެސް އިދާރާއަކުން އަދިމިހާތަނަށް ހާމަކޮށްފައެއް ނުވާ ކަމަށެވެ. އަދި އެކަމާ ގުޅޭ ގޮތުން އެއްވެސް މަޢުލޫމާތެއް ފުލުހުންނަށް އެނގޭނަމަ އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުންގެ މައްޗަށް އަމުރެއް ނެރެދެއްވުމަށްއެދި މިހާރު ކޯޓަށް ވަނީ މައްސަލަ ހުށަހަޅާފައިކަމަށް ރިލްވާންގެ މަންމަ ބުނެ އެވެ. މި މައްސަލައިގެ ފުރަތަމަ އަޑުއެހުމުގައި ރިލްވާން ވަގަށްނެގި ފަހުން، އޭނާއަށް ވީނުވީ ގޮތެއް މިހާތަނަށް ހޯދިފައިނުވާކަމަށް ފުލުހުން ބުނެފައިވާކަންވެސް ރިލްވާންގެ މަންމަ ފާހަގަކޮށްފައިވެއެވެ.

 

ރިލްވާންގެ މަންމަ އައިމިނަތު އީސާ ބުނީ، ރިލްވާނަށްވީގޮތުގެ މައުލޫމާތު ފުލުހުންނަށް ހޯދިފައިނުވާއިރު، ވަކިވަކި ފަރުދުންނަށްވެސް އަޅުގަނޑުގެ ދަރިފުޅާ ގުޅޭ ގޮތުން އެއްވެސް މައުލޫމާތެއް އެނގޭ ނަމަ ވީއެންމެ އަވަހަކަށް ޢާއިލާއާ ހިއްސާކޮށްދިނުމަށްއެދޭ ކަމަށެވެ. އަދި ދައުލަތުގެ އިސްވެރިންނާއި ވަކިން ޚާއްސަކޮށް އެދުވަސްވަރު ރާއްޖޭގެ ޓުއަރިޒަމް މިނިސްޓަރުގެ މަޤާމުގައި ހުންނެވި، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ ކުރީގެ ނައިބު އަޙްމަދު އަދީބަށް ރިލްވާނާ ބެހޭގޮތުން އެއްވެސް މައުލޫމާތެއް އެނގިވަޑައިގަންނަވާނަމަ، އެކަން  ލަސްނުކޮށް ހިއްސާކޮށްދެއްވުމަށް އެދި ވަރަށް އާދޭހާއެކު އެދޭކަމަށެވެ.

 

ރިލްވާންގެ މަންމަ ބުނީ، ރިލްވާން ގެއްލުވާލުމުގައި ޝާމިލްވި އެތައް ބަޔަކު މިއަދު ރާއްޖޭގައި ނެތްކަމަށް ބުނިނަމަވެސް، އެބަޔަކު ހޯދުމަށް ފުލުހުންކޮށްފައިވާ މަސައްކަތްތައް ހާމަކޮށްދިނުމަށްވެސް ފުލުހުންގެ ކިބައިން އެދޭކަމަށެވެ. އަދި މީގެ ކުރިން ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކުން އެނގޭ ފަރާތްތައް ރާއްޖޭގައި މިއަދު ދިރިނޫޅޭ ނަމަ އެފަރާތްތައް ހޯދުމަށް އިންޓަޕޮލް މެދުވެރިކޮށް މަސައްކަތް ކޮށްދިނުމަށް ރިލްވާންގެ މަންމަ ވަނީ ސަރުކާރަށް ގޮވައިލައިފަ އެވެ.

 

ރިލްވާނަށް ވީ ގޮތެއް ނޭނގި ފާއިތުވެ މިދާ ކޮންމެ ދުވަހަކީވެސް ހިތާމައިން ފުރިގެންވާ ހިތްދަތި ދުވަހެއް ކަމަށް ރިލްވާންގެ މަންމަ ބުނެފައިވެއެވެ.

 

"އަޅުގަނޑުގެ ދުޢާއަކީ އެއްވެސް އާއިލާއަކަށް މިފަދަ ހިތާމަވެރި ކަމެއް މާތް ﷲ މެދުވެރި ނުކުރެއްވުމެވެ. އަދި އަޅުގަނޑުގެ މިހިތާމަތަކަށް ކެތްތެރިކަން ދެއްވުން އެދި މާތް ﷲ ގެ ހަޟްރަތުގައި ދުޢާ ދަންނަވަމެވެ." ރިލްވަންގެ މަންމަގެ ބަޔާނުގައި ބުނެފައިވެއެވެ.

 

މިނިވަން ނިއުސްގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ އެންމެ ފަހު ފެނިފައިވަނީ 2014 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 8 ވަނަ ދުވަހުގެ ރޭގެ ވަގުތެއްގައި ހުޅުމާލެ ފެރީ ޓާމިނަލް އިންނެވެ. ރިލްވާން ވަގަށް ނެގި މައްސަލަ ތަހުޤީޤްކުރުމަށްފަހު ފުލުހުން ހާމަކޮށްފައިވަނީ ރިލްވާނަށް ބަޔަކު އެތަށް ފަހަރެއްގެ މަތިން ފާރަލާފައިވާކަމަށެވެ. އަދި ހުޅުމާލެއިން ފެނުނު ރަތް ކާރުގެ ތެރެއިން އިސްތަށްޓެއްގެ ޑީއެންއޭ ރިލްވާންގެ މަންމަގެ ޑީއެންއޭ އާއި ދިމާވާކަމަށްވެސް ފުލުހުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް
13 ޖުލައި 2017 | ބުރާސްފަތި 16:33
އަދަބު
މިހާާރު އަދީބު ބުނާނެ ރިލުވާނު ވީ ރައީސް ބަނޑުގައޭވެސް. އޭރުން ކަލޭމެން މީޑިއާ ތަކުން އަވަސް އަވަހަށް އެހެން ގޮވީމަ ރަނގަޅުވާނެ