ކ. މާލެ
|
27 ޖޫން 2023 | އަންގާރަ 15:16
ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު އާރިފް
ޕްލޭނިންގ މިނިސްޓްރީގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު، މުހައްމަދު އާރިފް
"ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުން
"ގަސްތުކުރަނީ އީދަށްފަހު، ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓް އިއުލާންކުރަން، ސީދާ ތާރީޚެއް އަދި ކަނޑައެއްނާޅާ"
އޭގެތެރޭގައި ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު ހިމެނޭ
32 ޓަވަރު އިމާރާތްކުރުމަށް ވަނީ ހަމަޖެހިފައި
ޓަވަރުތައް ތަރައްގީކުރަނީ 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި

މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގާ"'ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އީދަށްފަހު އިއުލާންކުރުމަށް ގަސްތުކުރައްވާކަމަށް، ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ސީނިއަރ އެގްޒެކެޓިވް ޑިރެކްޓަރު މުހައްމަދު އާރިފް ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހުގެ ރޭ ރާއްޖެ ޓީވީގެ ފަލަސުރުޚީގައި ވާހަކަފުޅުދައްކަވަމުން އޭނާ ވިދާޅުވީ، ފްލެޓް ދިނުމަށްޓަކައި ކުރަންޖެހޭ މަސައްކަތް މިހާރު އޮތީ އެންމެ ފަހުގެ މަރުހަލާގައި ކަމަށެވެ. މާލޭ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ފްލެޓު ދިނުމަށް ހިންގާ، "ގެދޮރުވެރިޔާ" ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންގެ ވަގުތީ ލިސްޓު އާއްމުކުރާނެ ވަކި ތާރީޚެއް އަދި ކަނޑައަޅާފައި ނުވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ބިންވެރިޔާ ސްކީމާއި ގެދޮރުވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބޭ މީހުންނާއި ފްލެޓް ލިބޭ މީހުން އެއްފަހަރާ އިއުލާން ނުކުރުމަށް ނިންމެވީ، އެ ދެ މަސައްކަތަކީވެސް ވަރަށް ބޮޑު މަސައްކަތަކަށް ވުމުން ކަމަށެވެ. މީގެ އިތުރުން އެކަން އެގޮތަށް ކުރަން ނިންމި ސަބަބުތަކުގެ ތެރޭގައި؛ ފްލެޓް އިއުލާން ކުރުމާ ގުޅިގެން ވަރަށް ގިނަ މީހުންނާ އެކި ކަހަލަ މުއާމަލާތުތައް ކުރަން ޖެހުމުން، ދިމާވެދާނެ ދަތިތައް މަދުކުރުން ހިމެނޭ ކަމަށެވެ.

ވަރަށް ގިނަ ބަޔަކާ ކޮމިއުނިކޭޓްކުރައްވަން ވީމަ މި ބޭފުޅުންނަށް ވެސް އުނދަގޫވާނެ. ބޭފުޅުން ވަރަށް ގިނަ ސުވާލުކުރައްވަން ބޭނުންވާނެ.
އާރިފް

ހޯމަ ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، ޕްލޭނިންގ މިނިސްޓަރު މުހައްމަދު އަސްލަމްވެސް ވިދާޅުވީ އެ ލިސްޓު މާ ލަހެއްނުވެ އާންމު ކުރައްވާނެ ކަމަށެވެ. އަދި އެ ލިސްޓު އިއުލާންކުރަންދެން މާގިނަ ދުވަހު އިންތިޒާރުގައި ދެން ތިބެން ނުޖެހޭނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރު ކުންފުންޏެއް ކަމަށްވާ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)ން ދަނީ, "ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި 4،000 ހައުސިންގ ޔުނިޓު އެޅުމުގެ މަސައްކަތް ކުރަމުންނެވެ. އެ ހުރިހާ ހައުސިންގ ޔުނިޓުތައް 2024ގައި ނިމޭނެކަމަށް ޕްލޭނިންގ މިނިސްޓްރީން ބުނެއެވެ.

އެ 4،000 ހައުސިން ޔުނިޓަކީ އިންޑިއާގެ ދެ ކުންފުންޏަކާ ހަވާލުކޮށްގެން އިމާރާތްކުރަމުންދާ ތަންތަނެވެ. އޭގެ ތެރެއިން 137 މިލިއަން ޑޮލަރަށް 2،000 ޔުނިޓު އަޅަނީ އިންޑިއާގެ ޖޭއެމްސީ ޕްރޮޖެކްޓްސްއިން ކަމަށާއި، 2،000 ޔުނިޓު އަޅަނީ އިންޑިއާގެ އެންބީސީސީ ކުންފުނިން ކަމަށް މައުލޫމާތު ލިބިފައިވެއެވެ. 17 ނުވަތަ 18 ބުރީގެ ޓަވަރުތަކެއްގެ ގޮތުގައި ޖުމުލަ 32 ޓަވަރު އިމާރާތް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރެއިން ކޮންމެ ޓަވަރެއްގައި ހުންނާނީ 128 އެޕާޓުމަންޓެވެ. އޭގެ ތެރޭގައި، ދެ ކޮޓަރީގެ 1،200 އެޕާޓުމަންޓާއި ތިން ކޮޓަރީގެ 2،800 އެޕާޓުމަންޓު ހިމެނެއެވެ.

Advertisement

Advertisement
- ކޮމެންޓް