ކްރިމިނަލް ކޯޓުން ބޭރުކޮށްލި ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ތިން މައްސަލައިގައި ހިމެނޭ ލިޔެކިޔުންތައް ބަދަލުކޮށްފި އެވެ.
މި ތިން މައްސަލަ ޕްރޮސެކިއުޓާރ ޖެނަރަލްގެ އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅާފައިވަނީ ބުދަ ދުވަހު އެވެ.
ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލީ އާދީއްތަ ދުވަހުގެރޭ ބާއްވަން ހަމަޖެއްސި ޝަރީއަތުގެ މަޖިލީހަށް ޕްރޮސިކިއުޓަ ޖެނެރަލް އޮފީހުގެ ވަކީލުން ކޯޓަށް ހާޒިރުނުވުމުންނެވެ.
ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން ޕްރޮސިކިއުޓަ ޖެނެރަލް އައިޝަތު ބިޝާމް ވިދާޅުވެފައިވަނީ ގާސިމްގެ މައްޗަށް ދައުވާކޮށްފައިވާ ތިން މައްސަލަ ވެސް ކޯޓުން ބޭރުށްލީ ޝަރީއަތް ފަސްކޮށް ދިނުމަށް އެދިފައި ވަނިކޮށް ކަމަށެވެ.
އެކަން ކޯޓްގެ ރަޖިސްޓްރާއަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ކަމަށް ވެސް ބިޝާމް ވިދާޅުވި އެވެ.
ގާސިމްގެ މައްޗަށް ދައުލަތުން ވަނީ ރިޝްވަތު ދިނުމަށް ހުށަހެޅުމާއި، ރަސްމީ ހައިސިއްޔަތުން ކުރަންޖެހޭ ކަންކަމަށް ނުފޫޒު ފޯރުވަން އުޅުމާއި، ވޯޓު ދޭން ހުރި މީހަކަށް ނުރަނގަޅު ނުފޫޒު ފޯރުވަން އުޅުމުގެ ދައުވާ އެވެ.
ގާސިމްގެ މައްސަލަ ކޯޓުން ބޭރުކޮށްލި އިރު އެ މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންގެ ތެރެއިން އޭރު އިސް ގާޒީއަކަށް ހުންނެވި އަބްދުލްބާރީ ޔޫސުފް މިހާރު ވަނީ ޖުވެނައިލް ކޯޓަށް ބަދަލުކޮށްފައެވެ.
ބުރާސްފަތު ދުވަހު ކްރިމިނަލް ކޯޓުން ނިކުމެވަޑައިގަންނަވައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނަރަލްގެ އޮފީހުގެ ވަކީލުން އެމައްސަލަތަކާ ގުޅޭ ލިޔެކިޔުންތައް ހިއްސާ ކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިމައްސަލަތައް އިންސާފުވެރިކަމާ އެކު ކުރިއަށް ގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.