ކ. މާލެ
|
26 ޖޫން 2023 | ހޯމަ 17:55
ހުޅުމާލެ
ހުޅުމާލެ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
މާލެ ރައްޔިތުންނަށް ގޯތި ދިނުން
ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި
ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 5،000 ގޯތި ދޫކުރާނެ
10،314 މީހުންނަށް ގޯތި ލިބޭ
ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖުލައި 15 އާ ހަމައަށް ވަނީ ހުޅުވާލާފައި

މާލެއަށް ދިމާވެފައިވާ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލު ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ގެދޮރުވެރިން ޕްރޮގްރާމުގެ ތެރެއިން ހިންގާ ބިންވެރިޔާ ސްކީމުގެ ތެރެއިން ގޯތި ލިބުނު މީހުންގެވަގުތީ ލިސްޓުއާންމުކޮށްފިއެވެ.

މި ސްކީމުގެ ދަށުން ގޯތި ލިބޭ މީހުންގެ ވަގުތީ ލިސްޓު މިހާރު ސަރުކާރުގެ ގެޒެޓުގައި ވަނީ އާންމުކޮށްފައެވެ. އަންނަ ޖުލައި 15 އާ ހަމައަށް ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

ބިންވެރިޔާ ޕްރޮގްރާމުގެ މިފަހަރު ޖުމްލަ 5،000 ގޯތި ދޫކުރާނެއެވެ. އެއީ ހުޅުމާލެއިން 1000 ގޯއްޗާއި ގުޅީފަޅުން 2000 ގޯއްޗެވެ. އަދި ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ގޯތި ދޭނެއެވެ.

Advertisement

ގޯއްޗަށް ކުރިމަތިލުމުގެ ސުންގަޑި ހަމަވީއިރު 15،164 ފޯމު ހުށަހަޅާފައިވެއެވެ. މީގެ ތެރެއިން 12،794 ފޯމަކީ ޝަރުތު ހަމަވާ ފޯމުތައް ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެފައިވެއެވެ. އެއީ 19،858 މީހުންނެވެ.

މި ލިސްޓުގައި ވާގޮތުން 10،314 މީހުންނަށް ގޯތި ލިބިގެންދެއެވެ. ބާކީ ޝަރުތުހަމަވާ 9،544 މީހުންނަށްވެސް ގޯތި ދިނުމަށް ސަރުކާރުން ވަނީ ނިންމާފައެވެ.

ރިޔާސީ މިދައުރު ނިންމާނީ އެންމެ ބޭނުން ޖެހިފައިވާ މާލޭގެ ރައްޔިތުންނަށް އިންވަކިކޮށް، ރޯނުދަމާ، ބިންކަނޑާ، ގޯތީގެ ފަތް ދެއްވުމަށްފަހުގައިކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު އިއުލާނުކުރެއްވީ 2022 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.

އެގޮތުން މާލޭ ރަށްވެހިންނަށް ހުޅުމާލެއިން މަދުވެގެން 1,000 ގޯތި، ގުޅީފަޅުން މަދުވެގެން 2,000 ގޯތި ދެއްވާނެ ކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މީގެ އިތުރުން ގިރާވަރު ފަޅު ހިއްކާ އެބިމުންވެސް މަދުވެގެން 2,000 ގޯތި މާލޭ ރަށްވެހިންނަށް ދެއްވާނެކަމަށް ރައީސް ވައުދުވެވަޑައިގެންނެވިއެވެ. މި މަސައްކަތްވެސް މިހާރު ކުރިއަށްދާކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.

Advertisement

Advertisement
- ކޮމެންޓް