މި ދުވަސްވަރު ޚަބަރުތަކުގެ ފަލަ ސުރުޚީތަކުން އެންމެ ގިނައިން ފެންނަ، އަދި އެންމެ ގިނައިން އަޑުއިވޭ އެއް ނަމަކަށް ވާނީ 'އޯޝަންގޭޓް'އެވެ. އޯޝަންގޭޓަކީ، އުތުރު އެތުލާންޓިކް ކަނޑުގެ ސަރަހައްދަށް މީގެ ގަރުނަކަށްވުރެ ގިނަ ދުވަސް ކުރިން އަޑިއަށް ދިޔަ މަޝްހޫރު ފަސިންޖަރު ލައިން "ޓައިޓޭނިކް" އޮތް ސަރަހައްދަށް ފީނުމަށް ދާދި ފަހުން ފޮނުވާލި ސަބްމަރސިބަލް، "ޓައިޓަން"ގެ ބެލެނިވެރި ކުންފުންޏެވެ.
ކަނޑުގެ އެތައް ސަތޭކަ މީޓަރެއްގެ އަޑީގައި އޮތް ޓައިޓޭނިކުގެ ބައިތައް ބަލައިލުމަށް، އެންމެ 22 ފޫޓުގެ ސަބްމަރސިބަލް، 5 މީހުންނާއެކު ފީނުމުގެ ދަތުރަށް ފުރީ ޖޫން 18 ވީ އާދީއްތަ ދުވަހުއެވެ. ދަތުރު ފެށިތާ 1 ގަޑިއިރާއި 45 މިނެޓަށްފަހު ޓައިޓަންގެ ޚަބަރެއްނުވެގެން، ބައިނަލްއަގުވާމީ ފެންވަރުގައި ޚާއްސަ އޮޕަރޭޝަނެއް ފެށިއެވެ. 5 ދުވަހުގެ މަސައްކަތުން، ޓައިޓަންގެ ބައިތައް، ޓައިޓޭނިކްގެ ބައިތަކާ މާ ދުރުނޫން ހިސާބަކުން ފެނުނުއިރު، ހުރިހާ ފަސިންޖަރުންނާއި ސަބްމަރސިބަލް ޕައިލެޓްވެސް މަރުވީކަމަށް އެމެރިކާގެ ކޯސްޓްގާޑުން ނިންމީ ޖޫން 22 ވަނަ ދުވަހުއެވެ.
ޓައިޓަންގައި ތިބީ މަހުޖަނުންނާއި ވިޔަފާރިވެރިންނާއި އޯޝަންގޭޓުގެ ކޯފަރުންޑަރަކަށް ވާއިރު، މިހާދިސާއަށް ލިބޭ ސަމާލުކަން ވަކިން ބޮޑެވެ. ޓައިޓަންއަކީ އެ ވަރުގެ މިޝަންއަކަށް އެންމެ އެކަށީގެންވާ އުޅަނދެއް ނޫންކަމަށް ބުނެ، ދުނިޔޭގެ އެކި ކަންކޮޅުތަކުން ދަނީ އޯޝަންގޭޓަށް ފާޑުކިޔުންތައް އަމާޒުކުރަމުންނެވެ. ކަން މިހެން އޮތްއިރު، އޯޝަންގޭޓުގެ ކޯފައުންޑަރުންގެ ތެރޭގައި ހިމެނޭ ގިއޭލްމޯ ސޮންލައިން ވަނީ، ކުންފުނީގެ ދިފާއަށް ވާހަކަދައްކަން ފަށާފައެވެ.
ތެދަށް ބުނަންޏާ، ޓައިޓޭނިކް ފެތިފަ އޮތް ސަރަހައްދަށް އަޑިއަށް މި ކުރާ ދަތުރުތަކުގެ މަގުސަދެއް ނޫން އެއްވެސް ހާލެއްގަ އެއީ، ވައިބުރުޖެހުން. އެތަނަށް ފީނާ ކޮންމެ މީހެއްގެ ހިތުގަވެސް އޮވޭ އެއީ އެތައް ބައެއްގެ މަގުބަރާ ކަމުން، އިހުތިރާމްގެ މިންވަރެއް. އެތަނަށް ދާ ކޮންމެ މީހަކުވެސް އެކަން އެ ކުރަނީ، އެ ހަނދާންތައް ދިރުވާ އާލާކުރަން. އެ ގަބުރުސްތާނުގެ މައުލޫމާތު ރެކޯޑް ކުރަން.ގިއޭލްމޯ ސޮންލައިން؛ އޯޝަންގޭޓްގެ ކޯފައުންޑަރު
ސޮންލައިން ބުނާގޮތުގައި 'ވައިބުރު ޖެހުން' ނުވަތަ، މާ ބޮޑު މަގުސަދެއް ނެތި، ފޫހި ފިލުވައިލުމަށް ވަގުތުތަކެއް ދުއްވައިލުމުގެ ނިޔަތުގައި ކަންކަން ކުރުމަކީ އޯޝަންގޭޓުގެ މަގުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމެއް ނޫނެވެ. އަދި ކަނޑުއަޑީގެ ފުން ސަރަހައްދުތަކަށް ފީނައި، ސަބްމަރސިބަލްތަކާ ގުޅޭ ގާނޫނުތަކަކީ ގަވައިދުތަކަކީވެސް އިންތިހާއަށް "ތަދު" އެއްޗެއް ކަމަށް އޭނާ ބުނެއެވެ.
ޓައިޓަންގެ ބައިތައް ފެނުނުއިރު އެ އުޅަނދު ވަނީ މުޅިން ކުދިކުދި ވެފައެވެ. އެއީ ސަބްމަރސިބަލް، އޭގެ އެތެރެއަށް ވާގޮތަށް ގޮވި ގޮވުމުގެ ސަބަބުންނެވެ. ޓައިޓޭނިކް ބަލައިލުމަށް ފަތުރުވެރިން ގޮވައިގެން ފިނި ޓައިޓަންގެ ބައިތައް ހޯދީ، ކަނޑު އަޑިއަށް ފީނުމުގެ ގާބިލުކަން ލިބިފައިވާ ރޮބޮޓް އުޅަނދެއް ބޭނުން ކޮށްގެންނެވެ. ކެނެޑާގެ ބޯޓަކުން ދޫކޮށްލި ރޮބޮޓް އުޅަނދުން ޓައިޓަންގެ ބައިތައް ހޯދީ، މީގެ ގަރުނެއް ކުރިން ފެތުނު ޓައިޓޭނިކް މަނަވަރުގެ ކޮޅުފަސްކޮޅާ އެންމެ 488 މީޓަރު ދުރުން، ކަނޑުގެ ސަތަހާގައި ފެތުރިފައި ވަނިކޮށެވެ. އެއީ ކަނޑުގެ ލޮނުގަނޑުގެ މަތީ ފަށަލައިން ބަލާކަމުގައި ވާނަމަ 2.5 މޭލު ނުވަތަ 4 ކިލޯމީޓަރު ފުނެވެ.
ޓައިޓަން ގޮވި ހާދިސާގައި މި ދުނިޔެ ދޫކުރި ޗީފް އެގްޒެކެޓިވް އޮފިސަރު، ސްޓޮކްޓަން ރަޝްއާ ބައިވެރިވެގެން ސޮންލައިން، "އޯޝަންގޭޓް އެކްސްޕެޑިޝަން" އުފެއްދީ 2009 ވަނަ އަހަރުއެވެ. ބާރސެލޯނާގައި ހުންނަ އޭނާގެ ގޭގައި ހުރެގެން ވާހަކަ ދައްކަމުން ސޮންލައިން ބުނީ، އެ ސިނާއަތާގުޅޭ ގަވައިދުތަކަކީ، ގިނަ ފަހަރަށް އަދާހަމަ ގަވައިދުތަކެއް ނޫން ކަމަށެވެ. ނުވަތަ "މުސްކުޅި" އުސޫލުތަކެއް ކަމަށެވެ.
އާނ! ގަވައިދުތައް އެބަހުރި. އެކަމަކު، ނިކަން ވިސްނާލަބަ. އެހާ ފުނަށް ފީނާ މާ ގިނަ ސަބްމަރސިބަލްތަކެއް ނުހުރޭ. އެހެންވެ، ވަރަށް މަދު ގާނޫނަކާ ގަވައިދެއް މި އޮންނަނީ. ގިނަ ލިޔުންތަކަކީ މާ ކުރީގެ، މުސްކުޅި އެއްޗެހި. ނޫނީ ވަކި ޚާއްސަ ހާލަތްތަކަކަށް އަމާޒުކޮށްގެން، ސީދާ އެކަމަށް ތައްޔާރުކޮށްފަ އޮންނަ އުސޫލުތަކެއް. އެހެންވެ، އެ އުސޫލުތަކުގެ ތެރެއިން ދަތުރުތައް ހަމަޖެއްސުމަކީ ހަމަ ވަރަށް ހައްސާސް ކަމެއް.ގިއޭލްމޯ ސޮންލައިން؛ އޯޝަންގޭޓްގެ ކޯފައުންޑަރު
ސޮންލައިން ބުނާގޮތުން، އޯޝަންގޭޓްގެ އެއްވެސް ކަމަކާ އޭނާ ނުބެހޭތާ މިހާރު 10 ވަރަކަށް އަހަރު ވެދާނެއެވެ. ނަމަވެސް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ސޮންލައިންއަކީ އޯޝަންގޭޓުގެ މައިނޯރިޓީ ހިއްސާދާރުންގެ ތެރޭގައި އަދިވެސް ގުނައިލެވޭ އެކަކެވެ.
ޓައިޓަންއިން ދަތުރުކުރި 5 މީހުންގެ ތެރޭގައި ހިމެނެނީ އުމުރުން 58 އަހަރުގެ އިނގިރޭސި ބިލިއަނަރު އަދި އެކްސްޕްލޯރަރ ހަމީޝް ހާޑިންގް، ފަރަންސޭސި އޯޝަނަގްރާފަރ އަދި ޓައިޓަންގެ ތަޖުރިބާކާރެއް ކަމަށްވާ އުމުރުން 77 އަހަރުގެ ޕޯލް-އޮންރީ ނާޖިއޯލެޓްއާއި، ޕާކިސްތާނަށް އުފަން އުމުރުން 48 އަހަރުގެ ވިޔަފާރިވެރިޔާ ޝާހްޒާދާ ދާވޫދާއި، އޭނާގެ 19 އަހަރުގެ ފިރިހެން ދަރިފުޅު ސުލައިމާން ދާވޫދެވެ. ސުލައިމާނުގެ ދެބަފައިންނަކީވެސް އިނގިރޭސި ރަށްވެހިކަން ހޯދާފައިވާ 2 މީހުންނެވެ. 5 ވަނަ މީހަކީ ސަބްމަރސިބަލް ޕައިލެޓެއްގެގޮތުގައި އިން، އޯޝަންގޭޓްގެ ޗީފް އެގްޒެކެޓިވް އަދި ބާނީ ސްޓޮކްޓަން ރަޝްއެވެ. އޭނާއަކީ އެމެރިކާގެ ރައްޔިތެކެވެ.
މި ކަހަލަ މިޝަނަކާ ކުރިމަތިލާ ކޮންމެ ފަހަރަކު ޑައިވް ކޮމިއުނިޓީން ނަގާ ރިސްކެއް އެއީ، ބޮޑު ކާރިސާއެއް ދިމާވެއްޖިއްޔާ މުޅި ކޮމިއުނިޓީއަށް އާންމުންގެ ފަރާތުން ފުރައްސާރައާ އެއްޗެހި ގޮވުންތަކާ ކުރިމަތިލުން. އާންމުން ބުނާނެ، އެއީ ހިނގައިގެން ވާނެ ކަމެއް ނޫނޭ. އެކަމަކު، ޖައްވީ ހޯދުންތަކާ ގުޅޭ ފަދައިން، މި 5 މީހުންގެ ޝަޚްސު ނަގަހައްޓާ، ހަނދާންތައް ދަމަހައްޓަން ކުރަންޖެހޭ ހާދިސާ ތަހުގީގުކުރުން. އެކަން ކުރަންވީ، ކަންކަން ގޯހުން ގޯހަށް ދިޔަ ސަބަބު ދެނެގަންނަން. އެކަންކަމުން ފިލާވަޅު ލިބިގަނެ، ކުރިއަށް ދާންވީ.ގިއޭލްމޯ ސޮންލައިން؛ އޯޝަންގޭޓްގެ ކޯފައުންޑަރު
ޕާކިސްތާނުގެ ދެބަފައިންނަކީ އެންމެ ފަހު ވަގުތު، އެހެން ބަޔަކު އެ ފުރުސަތު ދޫކޮށްލުމުން ޓައިޓަންގެ ދަތުރުގައި ބައިވެރިވި 2 މީހުންނެވެ. އެންމެ ފަހު ވަގުތު ފުރުސަތު ދޫކޮށްލީވެސް ދެބަފައިންނެވެ. އެމީހުން އެ ފުރުސަތު ދޫކޮށްލީ، ގިނަ ދިރާސާތަކެއް ކުރުމަށްފަހު، ޓައިޓަންގައި މިޝަން ކުރިއަށް ގެންދިއުމުގައި ހުރި ނުރައްކާތަކެއް ފެނި، އެ ވާހަކަތައް ސްޓޮކްޓަންއާ ހިއްސާކުރުމަށްފަހު ވެސް އެދެވޭ އިޖާބައެއް ނުލިބުމުގެ ސަބަބުންނެވެ.