ދިވެހި ރައްޔިތުން އެމީހުންގެ މައްޗަށް ވެރިކަން ކުރާނޭ ވެރިޔަކު ކަނޑައެޅުމަށް ބޭއްވި ރިޔާސީ އިންތިޚާބެއްގެ ބުރެއް ބާތިލް ކޮށްލި އެވެ. ރައީސް އަބްދުﷲ ޔާމީންގެ އިގްތިސާދީ ވައުދުތަކަށް މަގު ފަހިކޮށްދިނުމަށް އިންވެސްޓާރ ކޮންފިޑެންސް ގާއިމްކޮށްދިނުމުގެ ނަމުގައި މަހާސިންތާއެއް ބޭއްވި އެވެ. ސަރުކާރަށް ދަތިކަމެއް މެދުވެރިވާ އިރަށް ވަރުގަދަ ބަޔާންތައް ނެރުނު މަންޒަރުތައް ފެނިގެން ގޮސްފި އެވެ. ރައީސް ޔާމީނަށް ޕީޕީއެމްގެ ބާރުތައް ލިބޭ ގޮތަށް ހުކުމް ނެރުނެވެ. ރައީސް ޔާމީންގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ ވަޒީރުންގެ އިތުބާރު ނެތް ކަމަށް ފާސްކޮށްފާނެތީ، ރައްޔިތުންގެ މަޖިލީހުގެ އެ ބާރަށް އެންމެ ފަހު ބަސް ބުނާނީ ފަސް ފަނޑިޔާރުން ކަމަށް ކަނޑައަޅައިފި އެވެ. އެންމެ ފަހުން ރައްޔިތުން އިންތިޚާބްކޮށްފައިވާ އެ މީހުންގެ މަންދޫބުން ފުރުއްވަމުން ގެންދަވާ ރައްޔިތުންގެ ގޮނޑިތަކުގެ ދެމި އޮތުން ވެސް ކަނޑައަޅަން މިވަނީ ހުށަހަޅާފަ އެވެ.
ރައީސް ޔާމީނުގެ ވެރިކަން 2013 ވަނަ އަހަރު ފެށުނު ފަހުން، މި ފާއިތުވި ދުވަސްތަކުގެ ތެރޭގައި ޖުޑިޝަރީ އެމަނިކުފާނަށް "އޮޅުވާ" މަންޒަރު ފެނިގެން ވަނީ ގޮސްފަ އެވެ. މިހާރު މި ހިނގާ ކަންތައްތަކުން ވެސް މިފަދަ މަންޒަރެއް ދޭހަވާ ކަމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ގަބޫލުކުރެ އެވެ.
ޖުޑިޝަރީގެ ތެރޭގައި ބޮޑެތި ކަންތައްތަކެއް މި ހަފްތާ ތެރޭގައި ހިނގައިފި އެވެ. ކުއްލި ގޮތަކަށް ޖުޑިޝަލް ސާރވިސް ކޮމިޝަން (ޖޭއެސްސީ) ގެ ރައީސް ކަމުގެ މަގާމުން ފަނޑިޔާރު އަލީ ހަމީދު ވަކިކޮށް، އެ މަގާމަށް އަބްދުﷲ އަރީފް އައްޔަން ކުރެއްވުމާއި، ކްރިމިނަލް ކޯޓުގެ އިސްގާޒީގެ މަގާމުގައި ހުންނެވި އަބްދުލް ބާރީ ޔޫސުފާއި އެ ކޯޓުގެ ގާޒީ އަހުމަދު ޝަކީލް އެހެން ކޯޓްތަކަށް ބަދަލުކޮށްފި އެވެ. ފަހު ކާޑު ކުޅުއްވަން އުޅުއްވި އިރު، ތާސްބައިގައި މައްސަލައެއް އުޅުނީ ކަމަށް ވުން އެކަށީގެންވެ އެވެ. ތާސްބައިގެ ގަނޑު ހަމަނުވީތޯ، ނޫނީ ތާސްބައިގައި ކާލާމަންނައިގެ ބަދަލުގައި ޖޯކަރު ގަނޑު އޮތީތޯ އެވެ؟
ޖޭއެސްސީގެ މެންބަރުކަމުގެ މުއްދަތަކީ ގާނޫނު ބުނާ ގޮތުން ފަސް އަހަރެވެ. ގާނޫނުގެ ވާހަކަ ނުދައްކާ ކުރިއަށްދަމާތޯ އެވެ. ގާނޫނުގައި ސާފު ސަރީޙަ ބަހުން އެއްޗެއް ލިޔެފައި އޮތަސް ސުޕްރީމް ކޯޓުން އެއީ ދެ އަހަރޭ ބުނީމާ ދެން ކިޔާނީ ވަކި ކީކޭތޯ އެވެ؟ ޖޭއެސްސީއިން ފަނޑިޔާރު އަލީ ހަމީދު ވަކިކުރި އިރު، އިއްތިފާގުން އެ ކޮމިޝަނުގައި ގާޒީ ބާރީގެ ސުލޫކީ މައްސަލައެއް އޮތެވެ. އަލީ ހަމީދު އޮންނެވީ އާލާސްކަންފުޅާ ހޮސްޕިޓަލުގައި އެދުމަތި ކުރެވިފަ އެވެ. ގާޒީ ބާރީ އިންނެވި ބެންޗަކުން ވަނީ ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒުގެ މައްޗަށް އުފުލި ދައުވާ ސާބިތުނުވާ ކަމަށް ހުކުމް ވެސް ކޮށްފަ އެވެ. އެ ހުކުމާ މެދު ރައީސް ޔާމީން ހިތްހަމަޖެހިވަޑައިނުގަންނަވާ ކަން އެމަނިކުފާނު އަންގާރަ ދުވަހުގެ ރޭ ދެއްކެވި ވާހަކަފުޅުން އެނގެ އެވެ. އެ މައްސަލަ ސާބިތުވެފައިވާ ކަމަށާއި "އެހެން ނަމަވެސް އެ މައްސަލަ ނިމިގެން ދިޔަ ގޮތް ފެންނަ،" ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާޒުގެ މައްސަލަ އެފަދައިން ނިންމާފައިވަނިކޮށް، ގާޒީ ބާރީގެ މައްޗަށް ހުށަހެޅުނު ސުލޫކީ މައްސަލައަށް ހޯމަ ދުވަހުގެ ހެނދުނު ބޭއްވި ޖޭއެސްސީ ބައްދަލުވުމުގައި ގޮތެއް ނުނިންމުނެވެ. އެ މައްސަލައަށް ގޮތެއް ނިންމުނީ ޖޭއެސްސީގެ ރައީސް ކަމުގެ މަގާމަށް ފަނޑިޔާރު އަބްދުﷲ އަރީފް އިންތިޙާބުކޮށް، ހޯމަ ދުވަހުގެ ރޭ ބޭއްވި ބައްދަލުވުމުގަ އެވެ. ގާޒީ ބާރީ ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށް ނިންމީ، ޕީޖީން ހާޒިރުނުވެގެން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ މައްސަލަ އަނބުރާ ފޮނުވާލިތާ ގަޑިއިރެއް ވެސް ނުވަނީހެވެ. ގާސިމްގެ މައްސަލަ ކުރިއަށް ގެންދިއުމާ މެދު ގޮތެއް ނިންމަން ބޭއްވި އަޑުއެހުމަށް ޕީޖީގެ ވަކީލުން ވަޑައިނުގަތުމަކީ ވެސް އިއްތިފާގެކެވެ. އެ އަޑުއެހުން ކުރިއަށް ގެންގޮސް، ދައުވާ އިތުރަށް ކުރިއަށް ނުގެންދެވޭނެ ކަމަށް ތިން ގާޒީންގެ ބެންޗުން ނިންމި ނަމަ އެ މައްސަލައިގައި އެ ދައުވާތައް އަލުން ކުރުމުގެ ފުރުސަތު ގެއްލުނީހެވެ. ބެންޗުގައި އިންނެވި ގާޒީ އަހުމަދު ޝަކީލް ވަޑައިގަންނަވަން ޖެހުނީ ފެމިލީ ކޯޓަށެވެ. ޖޭއެސްސީން ބުނީ ދެ ގާޒީން ބަދަލުކުރީ ސުޕްރީމް ކޯޓުން އެދިގެން ކަމަށެވެ.
މި ހަފްތާއަކީ ވަރަށް ގިނަ އިއްތިފާގުތައް ޝަރުއީ ދާއިރާގައި ހިނގަމުންދާ ހަފްތާއެކެވެ. ގާސިމްގެ މައްސަލަ ބުދަ ދުވަހު އަލުން ހުށަހެޅުމާއެކު ބުރާސްފަތި ދުވަހަށް އެ ވަނީ ތާވަލުކުރެވިފަ އެވެ. މައްސަލައިގެ ލިޔެކިޔުންތައް ބަދަލުކޮށް މައްސަލަ އަވަހަށް ނިންމައި، އަވަސް އިންސާފު ފޯރުކޮށްދިނުމަށް ކަމަށް ވެދާނެ އެވެ. ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫންގެ މައްސަލައިގެ ފުރަތަމަ އަޑުއެހުން މިމަހުގެ 17 ވަނަ ދުވަހު ބޭއްވުމަށް ތާވަލުކޮށް ފާރިސްއަށް ޗިޓު ވެސް ހަވާލުކޮށްފައިވަނިކޮށް، ކުއްލިއަކަށް ބުރާސްފަތި ދުވަހަށް އަޑުއެހުމެއް ތާވަލުކުރީ އެވެ. އިބްތިދާއީ އަޑުއެހުން ބާއްވައި، އަވަހަށް މައްސަލަ ނިންމައި ފާރިސް އަށް ވެސް އަވަސް އިންސާފެއް ފޯރުކޮށްދިނުމަށް ކަމަށް ވެދާނެ އެވެ. މަރުގެ މައްސަލަތަކާއި އެ ނޫން ވެސް ބޮޑެތި ކުށްތަކުގެ މައްސަލަތައް ނުނި އަހަރު ދެ އަހަރު ވެގެން ދިޔަޔަސް ސިޔާސީ ބޭފުޅުންނަށް އެހާ ދުވަހު ހުކުމެއްގެ އިންތިޒާރުގައި ހުރުމަކީ ފަސޭހަ ކަމަކަށް ނުވާނެއެވެ. އެއީ ރަނގަޅު ގޮތަކަށް ވެސް ނުވެދާނެއެވެ.
ދެން އޮތީ އަނެއް އިއްތިފާގެވެ. މިފަހަރު ގާނޫނުގައި އޮތީ ދުސްތޫރީ މައްސަލަ ބަލަންވާނީ މަދުވެގެން ފަސް ފަނޑިޔާރުން ތިއްބަވައިގެން ކަމަށެވެ. ޕާޓީން ވަކިވާ މެންބަރުންނާއި، ޕާޓީން ވަކިކުރާ މެންބަރުންގެ އިތުރުން ޕާޓީ ބަދަލުކުރާ މެންބަރުންގެ ގޮނޑި ގެއްލުން ދައުލަތް ހިންގުމަށް ބޮޑު ހުރަހަކަށްވެ ދުސްތޫރީ ހައިޖާނުގަނޑަކަށް ވެގެން ބަންޑާރަނައިބު ހުށަހެޅުއްވި މައްސަލަ ބައްލަވަނީ ތިން ފަނޑިޔާރުންނެވެ. ސުޕްރީމް ކޯޓުން އެގޮތަށް ކަންތައް ކުރީމާ އެކަމާ ބަހެއް ބުނުމަށް ކެރިކުޅަދާނެވެގެންވާ އެހެން މީހަކު ނުހުންނާނެތާ އެވެ. ހަމަ މިފަދަ މައްސަލައަކަށް 2012 ވަނަ އަހަރު ސުޕްރީމް ކޯޓުން ފަރުވާ ދީފައިވަނިކޮށް، ފަސް ވަރަކަށް އަހަރު ފަހުން ދައުލަތުން މި ހުށަހެޅީ ވަރަށް ޚައްސާސް ދަނޑިވަޅެއްގަ އެވެ. ރައީސް ޔާމީނަށް ރައްޔިތުންގެ މަޖިލީހުގެ އަޣްލަބިއްޔަތު ގެއްލި މެންބަރުންތައް އެމަނިކުފާނަށް "ކުރުދޮށިން ދެމުންދާ" ދަނޑިވަޅެއްގަ އެވެ.
ގޮތް ހުސްނުވާނެ ކަމުގެ ޔަގީންކަން އެ ދެނީ ފަހު ކާޑު އޮތީމާ ކަމަށް ވުމަކީ ވެސް ހަމަ އިއްތިފާގެކެވެ. ހައިރާންވެ އަޖައިބުވެގެން ތިބެންވީ ކާލާމަންނަ ޖަހާ ވަގުތަށެވެ. މި ޑިގު ޖަހާނެ ކޮޅެއް އެނގޭނީ އެއިރުންނެވެ.