ކ. މާލެ
|
25 ޖޫން 2023 | އާދީއްތަ 16:24
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އެއްގެ ތެރެއިން
ރައްޔިތުންގެ މަޖިލިސް
ދައުރުން ބޭރުގައި ޖަލްސާއެއް ބޭއްވުން
ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް މަޖިލީހުން ދަނީ ތައްޔާރުވަމުން
މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލައިގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުމަށް ވަނީ ހަމަޖެހިފައި
މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ތެރޭގައި އެ ޖަލްސާތައް ބޭއްވުން ލާޒިމްކުރޭ

ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާ އެއް ބޭއްވުމަށް މަޖިލީހުން ދަނީ ތައްޔާރުވަމުންކަން ރާއްޖެ އެމްވީ އަށް ކަށަވަރުވެއްޖެއެވެ.

ތިން ބައިކުޅަ އެއް ބައި މެމްބަރުންގެ ސޮޔާއެކު، ދައުރުން ބޭރުން މަޖިލީހުގެ ޖަލްސާތަކެއް ބާއްވާދިނުމަށް އެދި ސިޓީއެއް ހުށަހަޅާފައި ވަނީ މި ޖޫން މަހުގެ 22 ވީ ބުރާސްފަތި ދުވަހުއެވެ. އެ ސިޓީގައި މަޖިލީހުގެ ދައުރު ނިންމާލިއިރު މަޖިލީހުގައި މުހިންމު މަސައްކަތްތަކެއް ނުކުރެވި ހުރިކަމަަށާއި މަޖިލީހުގެ ކޮމިޓީތައް ހިންގުން ހުއްޓިފައި އޮތުމުން އެ މަސައްކަތްތައް ކުރިއަށް ގެންގޮސްދިނުމަށް އެދިފައިވެއެވެ. މީގެ އިތުރުން 22 ޖޫން ވީ ބުރާސްފަތި ދުވަހު ބޭއްވި ޖަލްސާއަށް މަޖިލީހުގެ އެޖެންޑާގައި ހިމެނުމަަަށް މަޖިލީހުގެ ގަވާއިދުގައި ލާޒިމްކުރާ ކަންކަން ހިމަނާފައި ނުވާތީ އެކަމާއި މެދު ކަންބޮޑުވުން ފާޅުކޮށްފައިވެއެވެ.

އިތުބާރު ހުރި ފަރާތަކުން ރާއްޖެއެމްވީ އަށް މައުލޫމާތުދެމުން ބުނީ މަޖިލީހުގެ ޖަލްސާ ބޭއްވުމަށް ފުރިހަމަ ކުރަން ޖެހޭ ކަންކަން ކުރަމުންދާ ކަމަށެވެ. އަދި މަޖިލީހުގެ ގަވާއިދާއި އެއްގޮތަށް 14 ދުވަހުގެ ތެރޭގައި އެ ޖަލްސާ ބާއްވަން ޖެހޭ ކަމަށެވެ. އަދި މި ޖަލްސާ ބާއްވާނެ ތާރީހެއް އަދި ހާމަކޮށްފައި ނުވިނަމަވެސް އީދު ބަންދަށް ފަހު މި ޖަލްސާ އޮންނާނެ ދުވަހެއް އިޢުލާން ކުރާނެ ކަމަށް ބެލެވެއެވެ.

ދައުރުން ބޭރުން ޖަލްސާތަކެއް ބާއްވާ ދިނުމަށް އެދިފައި ވަނީ މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގެ ދަަށުން،ނެވެ. އެގޮތުން އެ ސިޓީގައި 3 ކަމަކަށް އެދިފައިވެއެވެ. އެއީ

1. މަޖިލީހުގެ ދާއިމީ ކޮމިޓީތައް މެދުނުކެނޑި ހިންގުމުގެ މައްސަލައިގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

2. މަޖިލީހުގެ ގަވާއިދަށް އިސްލާހު ގެނައުމަށް ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

3. މަޖިލީހުގެ ރައީސާއި ނާއިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލާގައި ބާއްވަންޖެހޭ ޖަލްސާއެއްނަމަ ބޭއްވުން

މަޖިލީހުގެ ގަވާއިދާ އެއްގޮތަށް 14 ދުވަހުގެ ތެރޭގައި އެ ޖަލްސާތައް ބޭއްވުން ލާޒިމްކުރެއެވެ. އެ 14 ދުވަސް ހަމަވާނީ ޖުލައި މަހުގެ 6 ވަނަ ދުވަހަށެވެ.

މަޖިލީހުގެ ގަވާއިދުގެ 45 ވަނަ މާއްދާގެ (ރ)ގައި ބުނެފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ދައުރުންް ބޭރުން ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަން ރައްޔިތުންގެ މަޖިލީހުގެ (1/3) ތިންބައިކުޅައެއްބައި މެމްބަރުން (ސަބަބު ބަޔާންކޮށް) ސޮއިކޮށް ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ހުށަހަޅައިފިނަމަ އެ ގަވާއިދުގެ އެހެން މާއްދާއެއްގައި އެހެން ގޮތަކަށް ބަޔާންކޮށްފައި ވީނަމަވެސް، އެ ޖަލްސާއެއް ނުވަތަ ޖަލްސާތަކެއް ބާއްވަންވާނެ ކަމަށެވެ. އެގޮތުން އެ ހުށަހެޅުން ހުށަހަޅާތާ 14 (ސާދަ) ދުވަހުގެ ތެރޭގައި އެ ޖަލްސާ ބޭއްވޭނެ ގޮތެއް ހަމަޖައްސައި، އެ ޖަލްސާ ނުވަތަ ޖަލްސާތައް މަޖިލީހުގެ ރައީސް ބާއްވަންވާނެ ކަމަށް ވަނީ ބުނެފައެވެ. އެ މާއްދާގެ ބޭނުމަށް (14) ސާދަ ދުވަސް ގުނާނީ ބަންދު ދުވަސްތައް ހިމަނައިގެން ކަމަށްވެސް އެ މާއްދާގެ (ރ)ގައި ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް