ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 19:06
މަޖިލިސް މެންބަރު ޝަފީގް
މަޖިލިސް މެންބަރު ޝަފީގް
މަޖިލިސް
މަޖިލިސް ހިންގުން
މަޖިލީހުގެ ގަވާއިދު އޮތީ އެންމެ ޚުދުމުޚުތާރު މީހާއަށްވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭހާ ސާފުކޮށް - ޝަފީގް
އޭނާ ވިދާޅުވީ މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި އޮތީ މަޖިލީހުގެ ރައީސްގެ އަމަލުފުޅުތައް ހުރިގޮތުން ކަމަށް
މަޖިލީހުގެ މަސައްކަތްތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އަދިވެސް އެމްޑީޕީން އިސްކަންދޭ
މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުގެ ވިސްނުމެއް ނެތް

މަޖިލީހުގެ ގަވާއިދު އޮތީ އެންމެ ޚުދުމުޚުތާރު މީހާއަށްވެސް މަޖިލީހުގެ ޖަލްސާ ކުރިއަށް ގެންދެވޭހާ ސާފުކޮށް ކަމަށް، މަޖިލީހުގެ ވެލިދޫ ދާއިރާގެ މެމްބަރު އަދި އެމްޑީޕީގެ ޕީޖީ ގްރޫޕްގެ ތަރުޖަމާނު، މުހައްމަދު އަބްދުﷲ ޝަފީގް (މޯޑް) ވިދާޅުވެއްޖެއެވެ.

ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަފީގް ވަނީ ރައީސް މުހައްމަދު ނަޝީދު މިހާރު މަޖިލީހުގައި އަމަލުކުރައްވާ ގޮތަށް ފާޑު ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މަޖިލީހުގެ ގަވާއިދު އޮތީ މަޖިލީހުގެ ހިންގުން ރައީސުލްޖުމްހޫރިއްޔާއަށް ނުވަތަ މަަޖިލީހުގެ މެޖޯރިޓީއަށް ކޮންޓްރޯލްކުރެވޭ ގޮތަކަށް ނޫންކަމަށެވެ. މަޖިލީހުގެ ހިންގުމާގުޅޭ ހުރިހާ ކަމެއް ކުރެވެން އޮތީ މަޖިލީހުގެ ރައީސަށް ކަމަށާއި، އެކަން ނުކުރައްވާ ބަހަނާދައްކަވަނީ ނަޝީދު ކަމަށް ޝަފީގް ވިދާޅުވިއެވެ.

ނޫސްވެރިންގެ ބައްދަލުވުމެއްގައި އޭނާ ވިދާޅުވީ، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ނުގެންދެވި އޮތީ މަޖިލީހުގެ ރައީސްގެ އަމަލުފުޅުތައް ހުރިގޮތުން ކަމަށެވެ. މަޖިލީހުގެ މަސައްކަތްތައް ސުލްހަވެރިކަމާއެކު ކުރިއަށް ގެންދިއުމަށް އަދިވެސް އެމްޑީޕީން އިސްކަންދޭކަމަށާއި، މަޖިލީހުގެ ގަވާއިދު އޮތް ގޮތުން، މަޖިލީސް ހުއްޓެންޖެހޭ ސަބަބެއް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. އަދި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައިވަނީ އަލަށް ނޫންކަމަށާއި، އަލަށް ވެގެންއުޅޭ ކަމަކީ އިތުބާރު ނެތް ބޭފުޅަކު ރިޔާސަތުގައި އިންނެވުން ކަމަށް އޭނާ ވިދާޅުވިއެވެ. މަޖިލީހުގެ ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ނުގެންދަވައި، މަޖިލީހުގެ ރިޔާސަތުގައި އިންނަވަން ނަޝީދު ދެކޮޅު ހައްދަވާފައިވަނީ އެއްވެސް ގާނޫނީ ހުއްޖަތެއް އޮވެގެން ނޫންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ގެންދިއުމުގެ މަޝްވަރާއެއް ކުރިއަށްނުދާކަމަށާއި، އެފަދަ ވިސްނުމެއް ވެސް ނެތްކަމަށް އޭނާ ވިދާޅުވިއެވެ. ބުރާސްފަތި ދުވަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގައި ނަޝީދު އަމަލުކުރެއްވި ގޮތަށްވެސް އޭނާ ވަނީ ފާޑުވިދާޅުވެފައެވެ. މަޖިލީހުގައި ބުރާސްފަތި ދުވަހު ޖަލްސާ ނިންމަވާލެއްވީ އެމްޑީޕީގެ މެމްބަރުންނަށް ބަހުސަށް ދޭންޖެހޭ ފުރުސަތު ނުދީ، މަޖިލީހުގެ ގަވާއިދާ ޚިލާފަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ. މީގެއިތުރުން މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމަށް ކުރިއަށް ގެންދިޔަ ބަހުސްގައިވެސް، މެމްބަރުންގެ ހުށަހެޅުންތަކަށް ގަވާއިދާއި އެއްގޮތަށް މަޖިލީހުގެ ރައީސް އިޖާބަދެއްވާފައި ނުވާކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދާއި ގާނޫނަށް ބަދަލުތަކެއް ގެންނަންޖެހޭކަމަށާއި، އެކަންކަން އެމްޑީޕީން ފާހަގަކޮށް ގަވާއިދަށް އިސްލާހުތަކެއް ހުށަހަޅާފައިވާނެކަމަށް ޝަފީގް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް