ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 18:42
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
މުހައްމަދު ނަޝީދު - ރައްޔިތުންގެ މަޖިލީހުގެ ރައީސް
ރައްޔިތުންގެ މަޖިލިސް
މަޖިލީހުގެ މަސައްކަތްތައް
މަޖިލީސް ޗުއްޓީއަށް، ނުނިމޭ މަސައްކަތްތައް ފުނިޖެހިފައި!
ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހު
މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18ގައި، ދެވަނަ ދައުރުގައި ބޭއްވީ ޖުމްލަ 14 ޖަލްސާ

ރައްޔިތުންގެ މަޖިލީހުގެ 2023 ވަނަ އަހަރުގެ ދެވަނަ ދައުރުގެ ޖަލްސާތައް ނިންމާލައި، މަޖިލީސް ވަނީ ޗުއްޓީއަށް ގޮސްފައެވެ.

ބުރާސްފަތި ދުވަހު މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. މަޖިލީހުގެ ދެވަނަ ދައުރު ނިންމާލީ، މަޖިލީހުގައި މަސައްކަތްތައް ނުނިމި ހުރުމާއެކު ދައުރު ދިގުދަންމާލުމަށް މެމްބަރުން އެދިވަޑައިގަންނަވަމުން ދަނިކޮށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ޖަލްސާގައިވެސް މެމްބަރުން ގެންދެވީ، ކުރަން ހުރި މަސައްކަތްތައް ނުނިންމައި ޗުއްޓީއަށް ދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ. އަދި މަޖިލީހުގެ ރައީސަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ އެކަމަށް އެދި ސިޓީއެއްވެސް ހުށަހަޅާފައެވެ. އެހެން އަހަރުތަކުގައި ދައުރު ނިންމާލާއިރު މަޖިލީހުގެ މަސައްކަތްތައް ދިޔަ ގޮތާމެދު މަޖިލީހުގެ ރައީސް ވާހަކަފުޅުދައްކަވައެވެ. އަދި ނިމުނު މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވައެވެ. އެއާޚިލާފަށް ބުރާސްފަތި ދުވަހުގެ ޖަލްސާ ނިންމާލީ ކުއްލި ގޮތަކަށެވެ.

ރައްޔިތުންގެ މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި، މަޖިލީހުގެ ކޮމިޓީތައް އެކުލަވާލުމުގެ މަސައްކަތާއި މަޖިލީހުގެ ރައީސާއި ނައިބު ރައީސްގެ އިތުބާރު ނެތްކަމުގެ މައްސަލަ ހިމެނެއެވެ. އަދި ބަންޑާރަނައިބު އިބްރާހީމް ރިފްއަތާއި ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދުގެ އިތުބާރު ނެތްކަމުގެ މައްސަލަވެސް، ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި ހިމެނެއެވެ. މީގެ އިތުރުން އިލެކްޝަންސް ކޮމިޝަނާއި ބްރޯޑްކޮމްއަށް މެމްބަރަކު އައްޔަންކުރުން ފަދަ، އިދާރާތަކާއި މުއައްސަސާތަކާ ގުޅުންހުރި މަސައްކަތްތައް ކޮމިޓީ މަރުހަލާގައި މަޑުޖެހިފައި އެބަހުއްޓެވެ.

މީގެ އިތުރުން، މަސައްކަތްތެރިންގެ ރައްކާތެރިކަމާ ގުޅުންހުރި ބިލާއި، އިންތިޚާބުތަކާ ގުޅުންހުރި އިސްލާހުތައް ހިމެނޭ ބިލްތައް މަޖިލީހުގައި ނުނިމި ހުރި މަސައްކަތްތަކުގެ ތެރޭގައި އެބަހުއްޓެވެ. ހަމައެހެންމެ ކުނި މެނޭޖްކުރުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލްފަދަ މުހިންމު ބިލްތައްވެސް މަޖިލީހުގައި އެބަހުއްޓެވެ.

ނިމިދިޔަ ދައުރުގައި މަޖިލީހުން ނިންމާފައިވާ މަސައްކަތްތަކުގެ ތެރޭގައި، ދަރިމައިނުވުމުގެ މައްސަލަ ރާއްޖޭގައި އިތުރުވަމުން ދާތީ، މި މައްސަލަ ތަހައްމަލުކުރަން ޖެހިފައިވާ ރައްޔިތުންނަށް، އިޖުތިމާއީ ސިއްހީ އިންޝުއަރެންސްގެ ގައުމީ ނިޒާމުގެ ދަށުން ބޭސްފަރުވާގެ ފުރުސަތު މިހާރަށްވުރެ ފުޅާކޮށް، ފަސޭހަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ގަރާރު ކޮމިޓީން ފާސްކުރުން ހިމެނެއެވެ. މީގެ އިތުރުން ގްލޯބަލް އޯގަނައިޒޭޝަން އޮފް ޕާލިމެންޓޭރިއަންސް އެގެއިންސްޓް ކޮރަޕްޝަން (ގޯޕެކް)ގައި ރައްޔިތުންގެ މަޖިލީހުން ބައިވެރިވުމަށް ފާސްކުރުމާއި، ލޯފަން މީހުންނަށް އަމިއްލައަށް ވޯޓުލެވޭގޮތަށް އާންމު އިންތިހާބުތަކާބެހޭ ގާނޫނަށް ގެނައި އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުން ހިމެނެއެވެ.

މަޖިލީހުގެ ދެވަނަ ދައުރުގެ ޖަލްސާތައް ފެށީ މޭ 18 ވަނަ ދުވަހުއެވެ. ދެވަނަ ދައުރުގައި ބޭއްވީ ޖުމްލަ 14 ޖަލްސާއެވެ. ޗުއްޓީއަށްފަހު މަޖިލީހުގެ މިއަހަރުގެ ތިންވަނަ ދައުރުގެ ޖަލްސާތައް ފަށާނީ އޮގަސްޓް މަހުއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް