ކ. މާލެ
|
22 ޖޫން 2023 | ބުރާސްފަތި 07:48
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިންނާއެކު ޗެތުރީ އުފާ ފާާޅުކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު އިންޑިއާގެ ކުޅުންތެރިންނާއެކު ޗެތުރީ އުފާ ފާާޅުކުރަނީ
ސިޑިބަރި
ސާފް ޗެމްޕިއަންޝިޕް
ކެޕްޓަން ޗެތުރީގެ ހެޓްރިކާއެކު ޗެމްޕިއަން އިންޑިއާ އަށް ވަރުގަަދަ ފެށުމެއް
މެޗުގައި ޖެހި ތިން ލަނޑާއެކު މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރައިފައި

ސާފް ޗެމްޕިއަންޝިޕް ގްރޫޕް އޭގައި ޕާކިސްތާނާ ދެކޮޅަށް ކުޅުނު މެޗުން މޮޅުވެ އެންމެ ފަހުގެ ޗެމްޕިއަން އިންޑިއާ އިން ވަރުގަދަ ފެށުމަކުން މުބާރާތް ފަށައިފި އެވެ.

ބުދަ ދުވަހުގެ ރޭ ސްރީ ކަންޓީރަވާ ސްޓޭޑިއަމްގައި ކުޅުނު މެޗު އިންޑިއާ އިން ކާމިޔާބު ކުރީ 4-0 އިންނެވެ. މެޗުގައި ވިދާލީ އިންޑިއާގެ ކެޕްޓަން ސުނިލް ޗެތުރީ އެވެ. އޭނާ ވަނީ މެޗުގައި ތިން ލަނޑު ޖަހައި، ހެޓްރިކް ހަމަކޮށްފަ އެވެ. މެޗު ފަށައިގެން 11 ވަނަ މިނެޓުގައި ޗެތުރީ ވަނީ އިންޑިއާ އަށް ލީޑު ނަގައިދީފަ އެވެ. އޭގެ ހަތަރު މިނެޓު ފަހުން އިންޑިއާގެ ދެ ވަނަ ލަނޑު ވެސް ޖެހީ ޗެތުރީ އެވެ. އެއީ ލިބުނު ޕެނަލްޓީއެއް ގޯލަށް ވައްދާލައިގެންނެވެ. ޗެތުރީ އޭނާގެ ތިން ވަނަ ލަނޑު ޖެހީ މެޗުގެ 75 ވަނަ މިނެޓުގަ އެވެ. އިންޑިއާގެ ފަހު ލަނޑު މެޗުގެ 80 ވަނަ މިނެޓުގައި ޖެހީ އުދަންތާ ސިންގް އެވެ.

މެޗުގައި ޖެހި ތިން ލަނޑާއެކު މިހާތަނަށް ސާފް ޗެމްޕިއަންޝިޕްގައި ޗެތުރީ ޖެހި ލަނޑުގެ އަދަދު ވަނީ 21 އަށް އަރައިފަ އެވެ. މުބާރާތުގެ އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާގެ ރެކޯޑު މުގުރާލުމަށް މިހާރު ޗެތުރީ ބޭނުންވަނީ އެންމެ ތިން ލަނޑެވެ. މުބާރާތުގައި މިހާތަނަށް އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔަކީ ރާއްޖޭގެ އަލީ އަޝްފާގު (ދަގަނޑޭ) އެވެ. ދަގަނޑޭ ވަނީ މުބާރާތުގައި ޖުމުލަ 23 ލަނޑު ޖަހައިފަ އެވެ. އުމުރުން މިހާރު 38 އަހަރުވެފައިވާ ޗެތުރީ ވަނީ އިންޑިއާ ޤައުމީ ޓީމަށް 138 މެޗުގައި 90 ލަނޑު ޖަހައިފަ އެވެ.

މުބާރާތުގައި ބުރާސްފަތި ދުވަހު ކުރިއަށް ދާނީ ގްރޫޕް ބީގެ މެޗުތަކުގެ ކުޅުމެވެ. ފުރަތަމަ މެޗުގައި ލެބަނާން ނުކުންނާނީ ބަންގްލަދޭޝްއާ ދެކޮޅަށެވެ. ދެ ވަނަ މެޗުގައި ދިވެހިރާއްޖެ ނުކުންނާނީ ބޫޓާނާ ދެކޮޅަށެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
22 ޖޫން 2023 | ބުރާސްފަތި 09:01
ޗޯތަރޭ
ޗެތްރީ ގެ މޮޅުކަން އިނގޭނެ ކުވައިތް މެޗް ގަ ، ބަޔަކު މީހުން ނިދި ގެއްލުވާލާފަ ވަރުބަލި ކަންމަތީ ތިއްބަ 4 ލަނޑު ކީއްކުރަން 20 ލަނޑުވެސް ޖެހޭނެ . ހެހެ