ކ. މާލެ
|
15 ޖޫން 2023 | ބުރާސްފަތި 22:26
އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓަރު، ޑރ. އަހުމަދު ޒާހިރު އަލީ
އިސްލާމިކް މިނިސްޓްރީ
ޑރ. އިޔާޒަށް ފުރައްސާރަކުރުން
ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކާތެރި ސިގްނަލެއް: އިސްލާމިކް މިނިސްޓަރު
އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރު ނުކުރުމަށް ގޮވާލައްވާފައިވޭ
މަގުމަތީގައި ދަތުރުކުރާ އެއްވެސް މީހަކަށް އުނދަގޫވާފަދަ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން

ރާއްޖެފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ނުރައްކާތެރި ސިގްނަލެއްކަމަށް، އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވެފައި މިވަނީ، އަދާލަތު ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒަށް، ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުންތަކެއް މަގުމަތިން ފުރައްސާރަކޮށް ދިމާކުރި މައްސަލައާ ގުޅިގެންނެވެ. މިމަހުގެ 14 ވީ ބުދަ ދުވަހު ޕީޕީއެމް/ޕީއެންސީން ކުރި މުޒާހަރާއެއްގައި ޑރ. އިޔާޒާ ދިމާކޮށް، ފުރައްސާރަކޮށްފައިވަނީ މަޖީދީ މަގުންނެވެ.

މިމައްސަލައަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެފަދަ އިސްލާމީ ގައުމެއްގައި ދީނީ އިލްމުވެރިންނަށް ފުރައްސާރަކޮށް ހެދުމަކީ ހިތާމަވެރި ކަމެއްކަމަށާއި، ނުރައްކާތެރި ސިގުނަލެއް ކަމަށެވެ. ޑރ. އިޔާޒަށް ފުރައްސާރަކޮށް މަގުމަތީގައި ހިންގި އަމަލު ކުށްވެރިކުރައްވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި އެއްވެސް މަގުސަދެއްގައި މިފަދަ އަމަލުތައް ތަކުރާރުނުކުރުމަށް ވެސް މިނިސްޓަރު ވަނީ ގޮވާލައްވާފައެވެ.

މިމައްސަލައާ ގުޅިގެން ޑރ. އިޔާޒު ވިދާޅުވީ މަގުމަތީގައި ދަތުރުކުރާ އެއްވެސް މީހަކަށް އުނދަގޫވާފަދަ އެއްވެސްކަމެއް ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫންކަމަށާއި، ޚިޔާލާއި ވިސްނުން ތަފާތުވުމަކީ ގަޔަށް ބޮލަށް އަރަންޖެހޭ ސަބަބެއް ނޫންކަމަށެވެ. މަގުމަތީގެ އަދަބުތައް ދަސްކުރަންޖެހޭ ކަމަށާއި، ތިމާއާ ޚިޔާލު ތަފާތުވާ މީހުންނާ މުއާމަލާތުކުރާނެ ގޮތް އުނގެނެންޖެހޭ ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ. އަދި ވިދާޅުވީ ދަށުދަރަޖައިގެ އަމަލުތައް ހިންގުމުން އެކަމުގެ ގެއްލުންވާނީ ތިމާއަށް ކަމަށެވެ.

ޕީޕީއެމް/ޕީއެންސީއަށް ނިސްބަތްކުރައްވައި ޑރ. އިޔާޒު ވިދާޅުވީ، ކިތަންމެ މުޒާހަރާއެއް ކުރިޔަސް, ކިތަންމެ ވަރަކަށް މުއައްސަސާތައްދޮށަށް އެއްވިޔަސް, ކިތަންމެ ވަރަކަށް މަގުމަތިން މީހުންނާ ފޮށުނަސް, ޖަލުގައި އޮތް މީހަކު މިނިވަނެއް ނުވާނެ ކަމަށެވެ. އަދި އެމީހަކު މިނިވަންވާނެ ހަމައެކަނި ގޮތަކީ މަތީ ކޯޓަކުން ދަށުކޯޓުގެ ހުކުމް ބާތިލްކުރުން ކަމަށް ޑރ. އިޔާޒު ވިދާޅުވިއެވެ.

ޑރ. އިޔާޒު އެ އިޝާރާތްކުރެއްވީ މިހާރު ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ، ކުރީގެ ރައީސް އަބްދުﷲ ޔާމީނަށެވެ.

ސޯޝަލް މީޑިއާގައި އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ ޑރ. އިޔާޒު ސައިކަލުގައި ވަޑައިގަންނަވަނިކޮށް ފަހަތުން ބަޔަކު އެއްޗެހިކިޔަމުން އަންނަތަނެވެ. އަދި ވަރަށް ހުތުރު ބަސްތައް ބޭނުންކޮށްފައިވެއެވެ. މި ވީޑިއޯ އާއްމުވުމާ ގުޅިގެން އަދާލަތު ޕާޓީން ވަނީ އެކަން ކުށްވެރިކޮށްފައެވެ. އަދި އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އެ ޕާޓީން ވަނީ ބުނެފައެވެ.

Advertisement

Advertisement
- ކޮމެންޓް