ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދޭ އެލެވަންސް 6،000 ރުފިޔާއާ ހަމައަށް ބޮޑުކޮށްފިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް މިހާރު ދެމުންދަނީ 2،000 ރުފިޔާގެ އެލަވަންސެކެވެ. ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްދޭ މާލީ އެހީގެ މިންވަރު މުރާޖަޢާކުރައްވައި، އިތުރު އިނާޔަތްތަކެއް ތަޢާރަފްކުރެއްވުމަށް ވަޒީރުންގެ މަޖިލީހުގެ ލަފާފުޅުގެ މަތިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ނިންމަވާފައިވާކަން އިއުލާނުކުރައްވާފައިވަނީ މިމަހުގެ 13 ވަނަ ދުވަހުއެވެ.
ބުރާސްފަތި ދުވަހު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖެންޑަރ މިނިސްޓަރު އާއިޝަތު މުހައްމަދު ދީދީ ވަނީ އިނާޔަތް ބޮޑުކޮށްފައިވާކަން އިއުލާނުކުރައްވާފައެވެ.
ނޫސްވެރިންގެ ބައްދަލުވުމުގައި އެލަވަންސަށް އައި ބަދަލު ތަފްސީލުކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން އާސަންދަ ކުުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އައްޒާމް ވަޖީހު ވިދާޅުވީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް މިހާރު ދެމުންދާ އެލަވަންސް 2،000 ރުފިޔާއިން 3،000 ރުފިޔާއަށް ބޮޑުކުރަން ނިންމަވާފައިވާކަމަށެވެ. އަދި އިތުރު 3 އިނާޔަތެއް ދޭން ނިންމާފައިވާކަމަށް ވިދާޅުވިއެވެ.
އެގޮތުން ނުކުޅެދުންތެރިކަން ހުރުމުގެ ސަބަބުން އަމިއްލައަށް ނޫޅެވޭ ފަރާތްތަކަށް އިތުރު 2،000 ރުފިޔާގެ އެލަވަންސެއް ދޭން ވަނީ ނިންމާފައެވެ. އަދި ސެލްފް ކެއަރ އެލަވަންސް ނުވަތަ ހުރި ނުކުޅެދުންތެރިކަމުގެ ސަބަބުން އަސާސީ ބޭނުންތަކަށް އާންމުކޮށް ބޭނުންކުރަންޖެހޭ އިތުރު ތަކެތި ހޯދުމަށް އެހީތެރިވެދިނުމަށް 1،000 ރުފިޔާ އިތުރަށް ދިނުމަށް ވަނީ ނިންމާފައެވެ. މި ދެ އެލަވަންސް ލިބޭނީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ތެރެއިން އުމުރުން 65 އަހަރުން ދަށުގެ ފަރާތްތަތަކަށެވެ.
މީގެ އިތުރުން އާއިލާގައި ހިމެނޭ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ އަދަދު އިތުރުނަމަ އިތުރު 1،000 ރުފިޔާގެ އެލަވަންސެއް ދޭނެއެވެ. މި އެލަވަންސް ދޭނީ އެއް ގޭބީސީގައި އެއް ގެއެއްގައި ނުކުޅެދުންތެރިކަން ހުންނަ 3 ނުވަތަ އެއަށްވުރެ ގިނަ މީހުން ހިމެނޭނަމަ 65 އަހަރުން ދަށުގެ މީހުންނަށެވެ.
މި ބަދަލާއެކު ދަފްތަރުކޮށްފައިވާ ހުރިހާ ފަރާތްތަކަށް މިހާރުލިބޭ 2،000 ރުފިޔާގެ އިނާޔަތަށް 50 އިންސައްތައިގެ އިތުރުވުމެއް އާދެއެވެ. މިއަހަރުގެ މެއި މަހުގެ ނިޔަލަށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ގޮތުގައި 11،371 މީހުން ވަނީ ދަފްތަރުކޮށްފައެވެ.