ކ. މާލެ
|
14 ޖޫން 2023 | ބުދަ 16:32
އުފަން ވަޒަނުގައި ގެދޮރު ދޫކޮށްލަން މަޖުބޫރު ވި މީހުންގެ ޢަދަދު، ތާރީޚު ކުރެވިފައި ނުވާ ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވާ ކަމަށް، އދއިން ބުނޭ
ގެދޮރު ގެއްލުމުގެ މައްސަލަ
ގެދޮރު ގެއްލުމުގެ މައްސަލަ: ޙައްލު، ޚިޔާލަށްވެސް ނުގެނެވޭ
މި ދުނިޔެ މަތީގައި މީހަކު އެންމެ ބިކަ ވެގެން ދާ އެއް ވަޤުތަކަށް ވާނީ، އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވެގެންދާ ވަޤުތު
އުފަން ވަޒަނުގައި ގެދޮރު ދޫކޮށްލަން މަޖުބޫރު ވި މީހުންގެ ޢަދަދު، ތާރީޚު ކުރެވިފައި ނުވާ ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވާ ކަމަށް، އދއިން ބުނޭ

މިދިޔަ ހަތަރު ފަސް އަހަރެއް ހާ ދުވަހަށް ބަލާއިރު ދުނިޔެ ދައްކަމުން ދިޔަ ކުލަވަރުތަކަކީ ބަނަ އަނދިރި ކަމާއި، ބިރުވެރި ކަމާއި ނާމާންކަމުން ފުރިގެންވި ކުލަވަރުތަކެކެވެ. އެ ކުލަތަކުން ކުރެހިގެން ދާ ތަސްވީރަކީ ހިތަށް ދަތި ކުރަނިވި މަންޒަރަކަށް އޮތީ ވެފައެވެ. ކޮންމެ ބާބެއްގެ ކޮންމެ ޞަފްޙާއަކަށް އެއްލި ކަމުގައި ވީ ނަމަވެސް، މިހާރަކަށް އައިސް މުޅިންހެންވެސް ފެންނަނީ އެފަދަ ވާހަކައެކެވެ. މި ފަހަރުވެސް ދައްކަން އޮތީ ހަމަ އެކަހަލަ ވާހަކައެކެވެ.

މި ދުނިޔެ މަތީގައި މީހަކު އެންމެ ބިކަ ވެގެން ދާ އެއް ވަޤުތަކަށް ވާނީ، އަމިއްލަ ވަޒަނުގައި ބީރައްޓެއްސަކަށް ވެގެންދާ ވަޤުތު ކަމާ މެދު މެދު ދެބަސް ވާނެ މީހަކު މަދު ވާނެއެވެ. އުފަން ވަޒަނުގައި، ދިރިއުޅުން އާރާސްތު ކުރަމުން ދިޔަ ގެދޮރުން ދޫކޮށްލަން މަޖުބޫރު ވި މީހުންގެ ޢަދަދު، ތާރީޚު ކުރެވިފައި ނުވާ ރެކޯޑް މިންވަރަކަށް އިތުރު ވެފައި ވާ ކަމަށް، އދއިން ވަނީ ހާމަ ކޮށްފައެވެ. ރެފިއުޖީންނާއި ބެހޭ އދގެ އިދާރާ (ޔޫއެންއެޗްސީއާރް) ގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން، މަޖުބޫރީ ހާލަތްތައް މެދުވެރިކޮށް ގެދޮރު ގެއްލިދިޔަ މީހުންގެ ޢަދަދު ވަނީ 110 މިލިއަނަށް އަރާފައެވެ. ރަޝިއާއިން ޔޫކްރައިންގައި ކުރަމުންދާ ވަރުގަދަ ހަނގުރާމައާއި، ސޫދާންގެ އަސްކަރީ ބާރުތަކުގެ މެދުގައި ބަދަލު ކުރަމުންދާ ހަމަލާތަކުގެ ސަބަބުން، މި ފަހުންވެސް އެތައް މިލިއަން ބައެއްގެ ގެދޮރު ވަނީ ގެއްލިފައެވެ.

ޔޫއެންއެޗްސީއާރް އިން ޖޫން 14 ވަނަ ދުވަހު އާންމު ކުރި ރިޕޯޓް ބުނާ ގޮތުގައި، 2022 ވަނަ އަހަރަކީ، މަޖުބޫރީ ހާލަތުގައި ގެދޮރު ގެއްލިދިއުމުގެ މައްސަލަ ރެކޯޑް މިންވަރަކަށް އިތުރުވި އަހަރެކެވެ. މިދިޔަ އަހަރު އެކަނިވެސް 19 މިލިއަން މީހުންގެ ގެދޮރު ގެއްލި، 2022 ވަނަ އަހަރު ނިމުނު އިރު، މަޖުބޫރީ ހާލަތުގައި ގެދޮރު ގެއްލި ދިޔަ މީހުންގެ ޢަދަދު 108.4 އަށް އޮތީ އަރާފައެވެ.

އޭގެ ފަހުން، މި ޢަދަދު، 110 މިލިއަނަށް އެރި އެރުމުގެ ފަހަތުގައި، ސޫދާންގައި 8 ހަފުތާއަށް ދިގުލާ ގޮސްފައި ވާ ހަނގުރާމަގަނޑުގެ ދައުރު ބޮޑު ކަމަށް، ރެފިއުޖީންނާ ބެހޭ އދގެ ހައިކޮމިޝަނަރު، ފިލީޕޯ ގްރާންޑީ ވަނީ ފާހަގަ ކުރައްވާފައެވެ.

2011 ވަނަ އަހަރު ސޫރިޔާގައި ހަނގުރާމަ ފެށުމުގެ ކުރިއަށް ހޭދަވި 20 އަކަށް އަހަރު ދުވަހަށް ބަލާއިރު، މުޅި ދުނިޔޭގެ ފެންވަރުގައިވެސް ރެފިއުޖީންނާއި، އަމިއްލަ ވަޒަނުގައި ގެދޮރު ގެއްލިފައި ވާ މީހުންގެ ޢަދަދު އޮތީ އެއް ހަމައެއްގައި ހިފެހެއްޓިފައެވެ. އޭރު އެ ޢަދަދު އުޅުނީ ގާތްގަނޑަކަށް 40 މިލިއަންގައެވެ.

ސޫރިޔާގައި އެ ޤައުމުގެ ސަރުކާރާ ދެކޮޅަށް ފެށި މުޒާހަރާތަކުގައި ދާޚިލީ ހަނގުރާމައެއްގެ ކުލަ ޖެހި، ދުނިޔޭގެ އެކި ކަންކޮޅުތަކުން އެތައް ބަޔަކު އެތަނަކަށް ޖަމާވެ، މި ފަހުގެ ތާރީޚުގައި ދުނިޔެ ދުށް އެންމެ ނުރައްކާތެރި ޓެރަރިސްޓު ޖަމާއަތްތައް އުފެދިގެން ދިޔަ ދިއުމަށް ފަހު، ކޮންމެ އަހަރަކުމެހެން، ގެދޮރު ގެއްލޭ މީހުންގެ ޢަދަދުތައް ދަނީ އިތުރު ވަމުންނެގެ. އިތުރު ވާ މިންވަރު އުޅެނީ 2 ގުނައަށް ވުރެ ވެސް މަތީގައެވެ. އދގެ ރިޕޯޓް ބުނާ ގޮތުން ވިއްޔާ، ކޮންމެ 74 މީހަކުން 1 އަށް ވުރެ ގިނަ ޢަދަދެއްގެ މީހުންނަކީ ގެދޮރު ގެއްލިފައި ވާ މީހުންނެވެ.

އެތައް ބައެއްގެ ގެދޮރު ގެއްލި ދިއުމަށް މަޖުބޫރު ކުރި ސަބަބުތަކަކީ، އާންމުކޮށްވެސް އެ އޮންނަ ސަބަބުތައް ކަމުގައި ވިދާޅުވެ ވާހަކަ ކުރިއަށް ގެންދަވަމުން ހައިކޮމިޝަނަރު ގްރާންޑީ ވަނީ، ހަނގުރާމާއާއި، ފުރައްސާރަ ކުރުންތަކާއި، ތަފާތު ކުރުމާއި، އަނިޔާއާއި މޫސުމީ ނޭދެވޭ ބަދަލުތަކަކީ މައިގަނޑު ސަބަބުތައް ކަން ފާހަގަ ކުރައްވާފައެވެ. ރެފިއުޖީންނަށް ވެފައި ވާ މީހުންގެ އާބާދީއިން، ބައިނަލްއަޤުވާމީ ހިމާޔަތަށް ބޭނުން ވެފައިވާ މީހުންގެ ގާތްގަނޑަކަށް 2 ބައިކުޅަ 1 ބައި ހިއްސާ ކުރަނީ އެންމެ 3 ޤައުމުންނެވެ. އެއީ ސޫރިޔާ، ޔޫކްރައިން އަދި އަފްޣާނިސްތާނެވެ.

މިކަންކަމަށް އޮތް ޙައްލުތަކަކީ ޚިޔާލަށްވެސް ގެންނަން ދަތި ކަންކަން. މޭޒެއް މައްޗަށް ގެންނަންވެސް އެހާ ދަތި ކަންކަން. މި ހުރިހާ ކަމަކާ ހެދި، އެނގެއެއްނު، އަހަރަމެން އުޅެމުން މި ދަނީ ފިކުރުތަކަށް ވަކި ކޮޅަކަށް ގޮސް ހުސްވެފަ އޮތް ދުނިޔެއެއްގަ. ބައިނަލްއަޤުވާމީ ފިއްތުންތައް ސީދާ ގޮތުން އެ ކުޅެލަނީ އިންސާނިއްޔަތާ. މިއީ ވަރަށް، ވަރަށް، ވަރަށް ކަންބޮޑުވާ މައްސަލައެއް.
ފިލީޕޯ ގްރާންޑީ؛ ރެފިއުޖީންނާ ބެހޭ އދގެ ހައި ކޮމިޝަނަރު

ކަން މިހެން އޮތްއިރު ރެފިއުޖީން ބަލައިގަތުމުގައި ޤައުމުތަކުން ގެންގުޅޭ ބީރައްޓެހި އަދި ހަރުކަށި ސިޔާސަތުތަކާ މެދު ގްރާންޑީ ވަނީ ކަންބޮޑުވުން ފާޅު ކުރައްވާފައެވެ. ނަމަވެސް، އެފަދަ އުސޫލަކުން ޢަމަލު ކުރާ ވަކިވަކި ޤައުމުތަކެއްގެ ނަން، އޭނާ ފާހަގައެއް ނުކުރައްވައެވެ.

ހުރަސްތަކާއި ގޮންޖެހުންތައް ހުރި ކަމުގައި ވީ ނަމަވެސް، މި ފަހަކަށް އައިސް މި ރޮނގުން ކޮންމެވެސް ވަރެއްގެ ކުރިއެރުންތަކެއް ވަނީ ހޯދިފައެވެ. އެގޮތުން ވިލާތުގެ އިއްތިޙާދު (އީޔޫ)ގެ ވަޒީރުން ވަނީ، ހިޖުރަވެރިންނާއި ރެފިއުޖީންގެ ޒިންމާ ހިއްސާކުރުމުގެ ކަންކަމާ ގުޅޭ އެއްބަސްވުމެއް އެކުލަވާލައްވާފައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް