ލާންސެޓް މަޖައްލާގައި ޝާއިއުކޮށްފައިވާ އައު ދިރާސާއެއް ބުނާގޮތުން, އިންޑިޔާގެ އާބާދީގެ 101 މިލިއަން (%11.4) މީހުންނަކީ ޑަޔަބެޓީސް ނުވަތަ ހަކުރުބަލި ޖެހިފައިވާ މީހުންނެވެ. މީގެ އިތުރުން އެގައުމުގެ ހެލްތު މިނިސްޓްރީންވެސް ތާއީދުކޮށްފައިވާ ދިރާސާއެއް ބުނާގޮތުން، 136 މިލިއަން މީހުން ނުވަތަ 15.3 އިންސައްތަ މީހުންނަކީ ޕްރީ-ޑަޔަބެޓިކް ނުވަތަ ޑަޔަބެޓީސް ޖެހުމާ ގާތުގައިވާ މީހުންނެވެ.
އިންޑިޔާއިން އެންމެ އާންމުކޮން ފެންނަނީ ޓައިޕް 2 ޑަޔަބެޓީސް ކަމަށް ވެއެވެ. ލޭގައި އެކުލެވޭ ހަކުރުގެ މިންވަރު މަތިވާން ދިމާވަނީ ބޭނުންވާ ވަރަށް ހަށިގަޑުގައި އިންސިއުލިން އުފައްދައިނުދޭތީއެވެ. ނުވަތަ އިންސިއުލިން މަސައްކަތް ނުކުރާތީއެވެ.
"ލާންސެޓް ޑަޔަބެޓީސް އެންޑް އެންޑޯ ކްރައިނޮލޮޖީ"ގެ ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓަކީ، އިންޑިޔާގައި ގައިންގަޔަށް ނާރާ ބަލިތައް ހުރި މިންވަރު ދެނެގަތުމަށްޓަކައި ސްޓޭޓްތައް ވަކިވަކިން އެސެސްކޮށްގެން ހަދާފައިވާ އެންމެ ފަހުގެ، އެންމެ ފުރިހަމަ ރިޕޯޓެވެ. ރިޕޯޓް ތައްޔާރުކުރި ރިސަރޗަރުން ބުނެފައިވާގޮތުގައި އިންޑިޔާގެ އާބާދީގައި ހަކުރުބަލި ހުރި މިންވަރު ކުރިން އަންދާޒާކުރި ވަރަށްވުރެ މާ މައްޗެވެ.
މީގެ ކުރިން ޑަބްލިއުއެޗްއޯއިން އަންދާޒާކޮށްފައި ވާގޮތުގައި، ހަކުރުބަލި ތަހައްމަލްކުރަމުންދާ 77 މިލިއަން މީހުން އިންޑިޔާގައި އެބަތިއްބެވެ. އަދި ކައިރި މުސްތަގްބަލެއްގައި އެ ބަލި ޖެހިދާނެފަދަ ހާލަތެއްގައި 25 މިލިއަން މީހުން އެބަތިއްބެވެ.
ލާންސެޓް ސްޓަޑީގެ ލީޑް އޯތަރ، ޑޮކްޓަރ އަންޖަނާ މިކަން ސިފަކުރެއްވީ ހިނގަމުންދާ ޓައިމް ބޮމެއްގެ ގޮތުގައެވެ. އޭނާ ވިދާޅުވިގޮތުގައި ޕްރީ-ޑަޔަބެޓިކް ހާލަތުގައި ތިބިނަމަ އިންޑިޔާގެ ދިރިއުޅުމުގެ އާދަތައް ހުންނަ ގޮތުން ޑަޔަބެޓީސްގެ ހާލަތަށް ދިއުމަށް މާގިނަ މުއްދަތެއް ނުނަގައެވެ.
އޭނާ ވިދާޅުވިގޮތުގައި މިވަގުތު އާބާދީގެ ބޮޑުބަޔެއް ތިބީ ހަކުރުބަލި ޖެހުމާ ގާތުގައިކަމުން، ކުރިޔަށް އޮތް 4 ނުވަތަ 5 އަހަރުގެ ތެރޭގައި މި މީހުން ޑަޔަބެޓީސްގެ ހާލަތަށް ދާނެކަމަށް ބެލެވެއެވެ.
މެޑްރާސް ޑަޔަބެޓީސް ރިސަރޗް ފައުންޑޭޝަނާއި އިންޑިއަން ކައުންސިލް އޮފް މެޑިކަލް ރިސަރޗް ގުޅިގެން ދިހަވަރަކަށް އަހަރުގެ މުއްދަތެއްގެ ތެރޭގައި ހަދާފައިވާ ސްޓަޑީގައި އިންޑިޔާގެ ކޮންމެ ސްޓޭޓަކުން އުމުރުން ވިހި އަހަރުން މަތީގެ 113،000 މީހުންގެ މައުލޫމާތު ނަގާފައިވެއެވެ.
ސްޓަޑީ ދައްކާގޮތުން، އިންޑިޔާގައި ހަކުރުބަލި އެންމެ ގިނައީ ގޯއާގައެވެ. އެއީ %26.4އެވެ. ދެވަނައަށް ޕުޑުޗެރީ (26.3%)، އަދި ތިންވަނަޔަށް އަންނަނީ ކެރަލާ (25.5%)އެވެ. މީގެ އިތުރުން އުއްތަރު ޕްރަދޭޝް، މަދްޔަ ޕްރަދޭޝް، ބިހާރު އަދި އަރުނާޗަލް ޕްރަދޭޝްގައި މިވަގުތު ނަމްބަރުތައް ދައްކޮށް ހުރިނަމަވެސް، ކުއްލިއަކަށް ބަލީގެ ހާލަތު ގޯސްވެދާނެކަމަށް ބުނެ ރިޕޯޓުގައި އިންޒާރުދީ، އެކަން ސަމާލުކަމަށް ގެނެސްފައިވެއެވެ.
ރިޕޯޓްގައި އިތުރަށް ފާހަގަކޮށްފައި ވާގޮތުގައި ފަގީރު އަވަށްތަކަކަށްވުރެ ތަރައްގީވެފައިވާ ހިސާބުތަކުގައި ދިރިއުޅޭ މީހުންގެ ކިބައިން ހަކުރުބަލި ފެންނަ ވަރު އިތުރެވެ. ބޮމްބޭ ހޮސްޕިޓަލްގެ ކޮންސަލްޓަންޓް ޑަޔަބެޓޮލޮޖިސްޓް ޑޮކްޓަރ ރާހުލް ބަކްސީ ވިދާޅުވިގޮތުގައި، ހަކުރު ބައްޔަކީ ގިނަފަހަރަށް ސިޓީތަކުގައި އުޅޭ ތަނަވަސް މީހުންގެ ބައްޔަކަށް އޮންނަނީ ވެފައެވެ. އެހެނީ މިބަލި ޖެހެން ދިމާވަނީ ލައިފްސްޓައިލަށް ގެންނަ ބަދަލުތަކާއި، ދިރިއުޅުމުގެ ސްޓޭންޑަރޑް މަތިވުމާއި، ސިޓީތަކަށް ހިޖުރަކުރުމާއި، ބުރަ މަސައްކަތުގެ ގަޑިތައް އިތުރުވުމާއި، ހަރަކާތްމަދުވުމާއި، ސްޓްރެސްއާއި، ޕޮލޫޝަންއާއި، ކެވޭ އެއްޗެތި ބަދަލުވުމާއި، އަދި ތައްޔާރީ ކާނާ ކެވޭމިންވަރު އިތުރުވުން މީ އާންމުކޮށް ހަކުރުބަލި ޖެހެން ދިމާވާ ސަބަބުތައް ކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރީ-ޑަޔަބެޓިކް ހާލަތުގައި ތިބި ވަރަށް ގިނަ އަދަދެއްގެ ބަޔަކު ތިބީ އަދިވެސް ޑަޔަގްނޯސް ނުކުރެވިކަމަށެވެ.
މުޅި ދުނިޔެއަށް ބަލާއިރު، ބޮޑެތިމީހުންގެ ކޮންމެ 11 މީހުންގެ ތެރެއިން އެކަކަށް ވަނީ ހަކުރުބަލި ޖެހިފައެވެ. މިކަމުގެ ސަބަބުން ހާރޓްއެޓޭކް ޖެހުމާއި ސްޓްރޯކް ޖެހުން، ލޯއަނދިރިވުން، ކިޑްނީ ފެއިލްވުން، އަދި ގުނަވަންތައް ބުރިކުރަން ޖެހުން ފަދަ ހާލަތްތައް ކުރިމަތިވުން ގާތްކޮށްދެއެވެ.
ޑަޔަބެޓީސް ބެހެނީ ދެބަޔަކަށެވެ. އެއީ ޑަޔަބެޓީސް ޓައިޕް އެކެއް، އަދި ޑަޔަބެޓީސް ޓައިޕް ދޭކެވެ. މީގެތެރެއިން ޓައިޕް އެކެއް ޖެހެނީ ހަށިގަނޑުގެ އިމިއޫން ސިސްޓަމަށެވެ. ޓައިޕް ވަން ޖެހުމުން އިންސިއުލިން އުފައްދާ "ފެކްޓަރީ"ތައް ކަމަށްވާ ބީޓާ ސެލްތަކުގެ މަސައްކަތް ހުއްޓުވާލައެވެ. އެހެންކަމުން ބްލަޑް ޝުގަރ ލެވެލް ކޮންޓްރޯލްކުރާ ވަރަށް އިންސިއުލިން އުފައްދައިނުދެނީއެވެ.
ޓައިޕް ޓޫ ބޮޑަށް ބެލިފައިވަނީ ނުރަގަޅު ލައިފް ސްޓައިލްތަކާއި ސިއްހީ އާދަތަކާ ގުޅުންހުރި ބައްޔެއްގެ ގޮތުގައެވެ. އެހެނީ ހަށިގަޑު ފަލަވުމުންވެސް އިންސިއުލިން މަސައްކަތްކުރާ ގޮތަށް އަސަރު ކުރާތީއެވެ.