ކ. މާލެ
|
10 ޖޫން 2023 | ހޮނިހިރު 17:23
ފެންޓަނީލްގެ ނުރައްކާ، ހީކުރި ވަރަށް ވުރެ މާ ބޮޑު
ފެންޓަނީލްގެ ނުރައްކާ
ފެންޓަނީލްގެ ނުރައްކާ، ހީކުރި ވަރަށް ވުރެ މާ ބޮޑު!
ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ފެންޓަނީލް ބޭނުން ކުރުމަށް ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް ވަނީ ހުއްދަ ދޫކޮށްފައި
ފެންޓަނީލްގެ ނުރައްކާ، ހީކުރި ވަރަށް ވުރެ ބޮޑުވަމުން އަންނަ ކަމަށް ބުނާ އަޑު، މިހާރަކަށް އައިސް ދަނީ އިންތިހާއަށް ގަދަ ވަމުން

ފެންޓަނީލަކީ ތަދުކެނޑޭ، ނުވަތަ ތަދު ފިލުވާ އަދި ހޭނައްތާ ބޭހެއްގެ ގޮތުގައި ބޭނުން ކުރުމަށް، އެމެރިކާގެ ފުޑް އެންޑް ޑްރަގް އެޑްމިނިސްޓްރޭޝަން (އެފްޑީއޭ)އިން ފާސްކޮށްފައިވާ ވަރުގަދަ ސިންތެޓިކް އޮޕިއޯއިޑްއެވެ. ސިންތެޓިކް އޮޕިއޯއިޑްސްއަކީ ލެބޯޓްރީއެއްގައި އުފައްދާ މާއްދާތަކެކެވެ. އެ މާއްދާތަކަކީ ސިކުނޑީގައި އުފައްދާ ޤުދުރަތީ އޮޕިއޯއިޑްސް ނުވަތަ މޯފިން އަދި ކޯޑީންއާއި އެއް ގޮތަކަށް ހަރަކާތްތެރި ކުރުވާ، ތަދުކެނޑުމުގެ ނުވަތަ ތަދު ފިލުވައިދޭ އަސަރުތައް އުފައްދާ މާއްދާތަކެކެވެ. ކޮންޓްރޯލްޑް ޑްރަގެއްގެ ގޮތުގައި ފެންޓަނީލް ބޭނުން ކުރުމަށް ދިވެހިރާއްޖޭގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީއިންވެސް ވަނީ ހުއްދަ ދޫކޮށްފައެވެ.

ކަން މިހެން އޮތް އިރު، ފެންޓަނީލްގެ ނުރައްކާ، ހީކުރި ވަރަށް ވުރެ ބޮޑުވަމުން އަންނަ ކަމަށް ބުނާ އަޑު، މިހާރަކަށް އައިސް ދަނީ އިންތިހާއަށް ގަދަ ވަމުންނެވެ. ފެންޓަނީލްއަކީ އޭގެ ޒާތުގައި ނުރައްކާ ބޭހަކަށް ވީ ނަމަވެސް، ފެންޓަނީލް އުފައްދާނެ ގޮތް، ފަސޭހަ ކަމާއެކު ވެބްސައިޓްތަކުން ލިބެން ހުންނަ ކަމަށް ޗައިނާ ގްލޯބަލް ޓެލެވިޜަން ނެޓްވަރކް (ސީޖީޓީއެން)އާ ވާހަކަ ދެއްކި، އެމެރިކާގެ ކޮރޮނަރއެއް ވަނީ ފާހަގަ ކުރައްވާފައެވެ. ކޮރޮނަރއިންނަކީ އެމީހުންނަށް ރިޕޯޓް ކުރެވޭ މަރުތައް ތަޙްޤީޤުކުރާ، މިނިވަން ޝަރުއީ އޮފިސަރުންނެވެ. މަރުވި ސަބަބު ހޯދުމަށް ކުރަންޖެހޭ ކޮންމެ ކުރާ ބައެކެވެ. އެގޮތުން، ޕޯސްޓްމޯޓަމް ހެދުމަށް އަމުރުކުރުމާއި ހެކިންގެ ބަޔާނާއި މެޑިކަލް ރެކޯޑް ހޯދުން ފަދަ ކަންކަން ކުރުން ހިމެނެއެވެ.

މަސްތުވާތަކެތީގެ މައްސަލައަކީ މިއަދު މުޅި ދުނިޔެއަށްވެސް ބޮޑުވެފައިވާ ވަބާއެކެވެ. އެމެރިކާއަށް އެކަނި ބަލާލި ކަމުގައި ވީ ނަމަވެސް، ކޮވިޑް-19ގެ ބަލިމަޑުކަން ފެށުނު ފަހުން މި ވަބާގެ ކަންކަން ވަނީ އަތް ނުފޯރާ ފަށަށް ގޯސްވެފައެވެ. އެމެރިކާގެ ސެންޓަރޒް ފޮރ ޑިޒީޒް ކޮންޓްރޯލް (ސީޑީސީ)ގެ ތަފާސް ހިސާބުތަކަށް ބަލާއިރު، 2022 ވަނަ އަހަރު، އެމެރިކާގައި އެކަނިވެސް 1 ލައްކައަށް ވުރެ ގިނަ މީހުން މަރުވެފައި ވަނީ ޑްރަގް އޯވަރޑޯޒް ވެގެން ކަމަށް ވަނީ ރެކޯޑް ކޮށްފައެވެ. އޭގެ ތެރެއިން ގިނަ ކޭސްތައް ގުޅެނީ، ފުޅާ ދާއިރާއެއްގައި ފެތުރެމުންދާ ވަގު ފެންޓަނީލްއާއެވެ.

ސްޓީވް ލިންވީލްއަކީ މަސްތުވާތަކެތީގައި ކަސްތޮޅުގައި ބަނދެވި، އެ ކަމުގެ ތެރޭގައި އެތައް އަހަރެއް ގުނަމުންދާ މީހެކެވެ. މަސްތުވާތަކެތީގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ހެރޮއިން އެކަނި އޭނާއަކަށް މިހާރު ނުފުދެއެވެ. މަސްތުވެގެން އެ ލިބޭ ލައްޒަތެއް ހޯދުމަށް، އިތުރު އެހެން އެއްޗެހިވެސް ބޭނުން ކުރުމަށް މިއަދު އޭނާގެ ނަފުސު މަޖުބޫރު ކުރެއެވެ. އެ އެއްޗަކަށް ވީ 'ކެއަރފެންޓަނީލް'އެވެ. އެއީ ފެންޓަނީލްގެ ބާވަތެކެވެ. ލެބެއްގައި އުފައްދާފައިވާ ސިންތެޓިކް އޮޕިއޯއިޑްއެކެވެ.

މަގުމަތީ ވިޔަފާރިން ޑްރަގް ގަންނަ މީހުން އެ މި ގަންނަނީ ހެރޮއިން ކަމަށް ހިތާ. އެމީހުން ގަންނަނީ ހެރޮއިން. އެކަމަކު، އެމީހުންނަށް މި ލިބެނީ ފެންޓަނީލް. ފެންޓަނީލްއަކީ 100 ގުނަ ނުރައްކާ އިތުރު ޑުރަގެއް. ފުރާނައަށް އިންތިހާއަށް ނުރައްކާ ޑްރަގެއް
ލަކްޝްމީ ސައްމާރުކޯ؛ ހެމިލްޓަން ކައުންޓީ ކޮރޮނަރ

ފެންޓަނީލް އުފައްދާފައި ވަނީ 1963 ވަނަ އަހަރު، ބެލްޖިއަމްގައެވެ. ތަދު ކަނޑުވާ ބޭހެއްގެ ގޮތުގައެވެ. ފަރުމާ ކޯށްފައި ވަނީ، ގަސްގަހާގެހީގެ މާއްދާތަކުގެ އެހީގައި އުފައްދާފައިވާ މޯފީންއާއި ހެރޮއިން ފަދަ ޑުރަގުތަކާ އެއްގޮތް ކެމިކަލްތަކެއް އެކުލެވޭ ގޮތަށެވެ. ނަމަވެސް، އެންމެ ބޮޑު ތަފާތަކީ، ފެންޓަނީލްއަކީ 80 ނުވަތަ 100 ގުނަ އިތުރަށް ބާރުގަދަ ބޭހެއް ކަމެވެ. 'ކެއަރފެންޓަނީލް' ފަދަ ބާވަތްތަކުގެ ބާރު، ވަކިން ގަދައެވެ. މި ބާވަތުގެ ދެތިން މިލިގްރާމް ނުވަތަ ހިމުން ލޮނު ފުއްތަކެއްގެ މަދު މިންވަރު ބޭނުން ކުރުމުންވެސް މަރާ ކުރިމަތިލާން ޖެހުމުގެ ނުރައްކާ އިންތިހާއަށް ބޮޑުވުމެވެ.

ކަން މިހެން އޮތުމުން، މަސްތުވާތަކެތީގެ ޝިކާރައަކަށް ވެފައި ވާ މީހުން މި ބާވަތުގެ ޑްރަގު އޭގެ ޒާތުގައި ބޭނުން ކުރަނީ މަދު ފަހަރަކުއެވެ. ޑްރަގް ޑީލަރުން ފެންޓަނީލް ވިއްކަނީ، ކޮންމެވެސް އެހެން ބާވަތެއްގެ މަސްތުވާ އެއްޗަކާ ފެންޓަނީލް އެއްކޮށްގެންނެވެ.

މިހާ ހިސާބުން އުފެދޭ ސުވާލަކީ، ކޮންޓްރޯލް ކޮށްފައި ވާ ޑްރަގެއް، އެހާ ފަސޭހައިން ހޯދަނީ ކިހިނަކުންތޯ ކުރެވޭ ސުވާލެވެ. ހެމިލްޓަން ކައުންޓީގެ ކޮރޮނަރ، ލަކްޝްމީ ސައްމާރުކޯ ވަނީ އެ ސުވާލުގެ ޖަވާބުވެސް ދެއްވާފައެވެ. އޭނާ ވިދާޅުވާ ގޮތުގައި، ފެންޓަނީލްގެ ޕޭޓަންޓް ޙައްޤުތަކެއް ހުރި ކަމުގައި ވީ ނަމަވެސް، ރަނގަޅު ކެމިސްޓަކަށް ކާމިޔާބު ކަމާއެކު ފެންޓަނީލް އުފެއްދޭ މިންވަރަށް، އެހާ ތަފްސީލު ކޮށް، އިންޓަރނެޓްގައި އެ ރެސިޕީތައް އެބަ ހުއްޓެވެ.

މަސްތުވާތަކެތީގެ ވަބާއަށް ނިމުމެއް ގެނައުމަށްޓަކާ ކުރާ މަސައްކަތްތަކުގެ އަމާޒާއި ފިކުރު ހިންގަންވީ މޭރުން އިތުރަށް ފުޅާ ކޮށް، އިންޤިލާބީ ބަދަލުތަކެއް ގެންނަން ވެއްޖެ ކަން، މިކަންކަމުންވެސް އަންގައިދެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް