Advertisement
ކ. މާލެ
|
11 ޖުލައި 2017 | އަންގާރަ 18:26
ޕީޕީއެމްގެ ޕްރެސްގައި ނިހާން ވާހަކަ ދައްކަވަނީ
ޕީޕީއެމްގެ ޕްރެސްގައި ނިހާން ވާހަކަ ދައްކަވަނީ
ޓްވިޓަރ
ޕީޕީއެމް
ކޮރަޕްޝަނާ ގުޅޭ ގޮތުން ޕީޕީއެމްގެ މެމްބަރުން ދެއްކެވި ވާހަކަ ދެކޮޅެއް ނުޖެހޭ!
ޕީޕީއެމްގެ މެމްބަރުންނަށް އިންތިހާއަށް ކޮރަޕްޝަންގެ ތުހްމަތު ކުރެވޭ
ރައީސް ޔާމީން ބެއްސެވި ކަމަށް ތުހްމަތުކުރާ ފައިސާގެ މައްސަލައިގައި މެމްބަރުން ވާހަކައެއް ނުދެއްކެވި
ޕީޕީއެމްގެ މެމްބަރުން ކޮރަޕްޝަންގެ ތުހްމަތު ކުރަނީ އެމްޑީޕީއަށް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ ގޮނޑި ގެއްލިގެންދާނެ ގޮތްތަކެއް ކަނޑައެޅުމަށް ރައްޔިތުންގެ ނަމުގައި އެޓާނީ ޖެނެރަލް ސުޕްރީމް ކޯޓަށް ހުށަހެޅުއްވި މައްސަލައަށް ޕީޕީއެމްގެ ޕީޖީ ގްރޫޕުން ތާއިދު ކުރެއްވި މައިގަނޑު ސަބަބަކީ މަޖިލީހުގެ ތެރެއިން ކޮރަޕްޝަން ސާފުކުރުމެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ދިފާއު ކުރެއްވުމެވެ.

މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހަޅާފައިވާއިރު، މަޖިލީހުގައި އޮތް ސަރުކާރުގެ ކޯލިޝަންގެ ބޮޑު އަޣުލަބިއްޔަތުވެސް ވަނީ ގެއްލިގެން ގޮސްފައެވެ. އެހެންވެ، ސަރުކާރުން ބޭނުންވީ ދައުލަތުގެ ނަމުގައި، މަޖިލީހުގެ މެމްބަރުންގެ ދުސްތޫރީ ބާރު ކަނޑުވާލުމަށެވެ. އެ މެމްބަރުންގެ ދުސްތޫރީ ހައްގު ދުއްވާލައި، އަތް ބަނދެލުމަށެވެ. ޕާޓީން ވަކިކުރާ ހާލަތްތަކުގައި މެމްބަރުކަންވެސް ގެއްލިގެން ދާނެކަމަށް ކަނޑައެޅުމަށް ތާއިދު ކުރައްވާ ކަމަށް، ޕީޕީއެމްގެ މެމްބަރުން ވިދާޅުވިއެވެ. އަދި ޕީޖީ ގްރޫޕްގެ ލީޑަޝިޕުން ވިދާޅުވީ މުޅި ޕީޖީ ގްރޫޕުން އެ މައްސަލައަށް ތާއިދު ކުރައްވާ ކަމަށެވެ. ނަމަވެސް ބައެއް މެމްބަރުން އެ ހުށަހެޅުމަށް ތާއިދު ނުކުރައްވާކަން އެ މެމްބަރުން ހިއްސާ ކުރެއްވެވިއެވެ.

މި ފަދަ ވަރުގަދަ ބަދަލެއް ގެނައުމަށް ސަރުކާރުން ނިންމިއިރު މަޖިލީހުގެ މެމްބަރުންނާ މަޝްވަރާއެއްވެސް ނުކުރެއެވެ. މަޖިލީހުގެ މެޖޯރިޓީ ފުރޮޅިފައިވާއިރު، ޕީޕީއެމްއިން ތުހްމަތުކުރަނީ އެއީ ރިޝްވަތު ދީގެން ކުރި ކަމެއް ކަމަށެވެ. މެމްބަރުންނަށް މިލިއަނުން ފައިސާ ހުށަހަޅުއްވާ ކަމަށް، އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހާއި މީދޫ ދާއިރާގެ މެމްބަރު އަހްމަދު ޝިޔާމް މުހައްމަދު ވިދާޅުވިއިރު، އެ ހުށަހަޅުއްވާ ފަރާތަކުން ފަލާހުއަށް 32 މިލިއަން ރުފިޔާ ހުށަހެޅުއްވި އޭނާ ވިދާޅުވިއެވެ. ނަމަވެސް އެއީ ކާކު ހުށަހެޅި ހުށަހެޅުމެއްތޯ ސުވާލުކުރުމުން އެކަމަށް ޖަވާބެއް ނުދެއްވިއެވެ.

މެމްބަރުން އިންތިހާބުވި ޕާޓީ ބަދަލުކުރުމުން، ގޮނޑި ގެއްލޭ ގޮތަށް ހަމަޖައްސައިފި ނަމަ މަޖިލީހުން ކޮރަޕްޝަން ހުއްޓިގެންދާނެ ކަމަށް ޕީޕީއެމްގެ މެމްބަރުން ވިދާޅުވިއިރު، އަންގާރަ ދުވަހުގެ ޕްރެސް ކޮންފަރެންސްގައިވެސް، އެހެން ޕާޓީތަކުން ޕީޕީއެމަށް ގެންގޮސްފައިވާ ހަތް މެމްބަރަކު ބައިވެރިވެވަޑައިގެންނެވިއެވެ. އެ މެމްބަރުން ތިއްބެވީ ކޮރަޕްޝަންގެ ވާހަކަ ދައްކަވަމުން ގެންދެވިއިރު، އިސް ޖަހާލަ ޖައްސަވާލަ ޖައްސަވާލައެވެ.

ކޮރަޕްޝަން ހުއްޓުވަން ޖެހެއެވެ. ނަމަވެސް އެކަން ކުރަންޖެހޭ ކަމަށް ޕީޕީއެމްއާއި ސަރުކާރަށް މި ވިސްނުނީ، އަދި މަޖިލީހުގައި ކޮރަޕްޝަން އޮތް މިންވަރު ހާމަވާ ސާވޭތަކެއް ކޮށްފައިވާކަން އެނގިވަޑައިގަތީ މަޖިލީހުގެ މެޖޯރިޓީ ގެއްލިގެން ދިޔަކަން ކަށަވަރު ވުމުންނެވެ. ޕީޕީއެމްއިން ކޮރަޕްޝަން ހުއްޓުވަން ތާއިދުކުރާ މިންވަރާއި މަސައްކަތް ކުރާ މިންވަރު ވަރަށް ބޮޑަށް ސާފުވެގެންދެއެވެ.

ޕީޖީ ގްރޫޕްގެ އެތައް މެމްބަރުންނެއް ވަނީ ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ބެއްސެވި ފައިސާ ބޭނުންކުރައްވާފައެވެ. އެ ފައިސާ ބެއްސެވުމަށް އުޅުއްވާފައެވެ. އަދި އަދީބު ބޮޑެތި ޖަރީމާތައް ހިންގައި، އެ ޖަރީމާތަކުން އެ މެމްބަރުންގެ ދިރިއުޅުން ތަނަވަސްކުރަމުން ދިޔައިރު، އެއީ ކިހާވަރެއްގެ ކަމެއް ކަމެއް، އެކަމުގެ ހަގީގަތެއް، ފައިސާ ހޯދާ ގޮތެއް ބައްލަވަން ބޭނުންނުވެ، ތިއްބެވީ ލޯމަރާލައިގެންނެވެ. ކަންފަތުގައި އަތް އަޅައިގެންނެވެ.

އަންގާރަ ދުވަހުގެ ޕްރެސް ކޮންފަރެސްގައި ކޮރަޕްޝަންގެ މައްސަލަތަކާ ގުޅޭ ގޮތުންނާއި، އަދީބު ބެއްސެވީ ރައީސް ޔާމީންގެ ފައިސާ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވާ ކަމަށް މެންބަރުން ބުނާ ބުނުމަކީ ހަގީގަތެއްތޯ ރާއްޖެ ޓީވީން ސުވާލުކުރުމުން، މެމްބަރުންތައް ދިޔައީ އުތުރި އަރައިގެންނެވެ. ޖަވާބެއް ނުދެއްވިއިރު، އިތުރު ފުރުސަތެއްވެސް ނުދެއްވިއެވެ. ދޭހަވީ ފުރުޞަތެއް ދެއްވަން ނުކެރުނީ ކަމަށެވެ. 

މެމްބަރުންގެ މައްޗަށް އެތައް ތުހްމަތެއް ކުރެވިފައިވާއިރު، އެ ކަންކަން ސާފުކުރަން ރާއްޖެޓީވީން ފުލުފުލުގައި ކުރަމުން ދިޔަ ސުވާލުތައްވެސް އެ ބޭފުޅުން އަޑެއް ނޭއްސެވިއެވެ. ޖަވާބެއް ނުދެއްވިއެވެ. ދޭހަވީ ޖަވާބު ދެއްވަން ނުކެރުނީ ކަމަށެވެ. 

މަޖިލީހުގެ މެމްބަރުންގެ ތެރެއިން ނުހައްގު މުއްސަނދިިކަން ހޯދާފައިވަނީ ކިތައް މެމްބަރުންތޯ ވެސް ބަލާލަންޖެހެއެވެ. އުސޫލެއް، ހަމައެއް، ލަމައެއް ނެތި ރަށްތަކާއި ޕްރޮޖެކްޓްތަކާއި އެކި ކަހަލަ މަންފާތައް ހޯދާފައިވަނީ ކިތައް މެމްބަރުންތޯއެވެ. ދައުލަތުގެ "ތިޖޫރިން" 1.22 ބިލިއަން ރުފިޔާ ވަގަށް ނެގިއިރު، މެމްބަރުން ތިއްބެވީ އެއީ ސައިބޯނި ބޮތްކަށް ހަދައިގެން، އަދީބަށް ކޭކު ކާންދެއްވަ ދެއްވައެވެ. އުޅުއްވީ އަދީބާއެކު ސެލްފީއެއް ނެންގެވޭތޯއެވެ. އަދީބު އިށީންނަވާ ގޮނޑިކޮޅެއްގައި ހިންޏަކަށް އިށީނދެވުނަސް، އެ ޖާގައިގައި އިންނެވުމަށެވެ.

އަތުގައި އަޅުއްވާފައިވާ ރޮލެކްސް ގަޑި އާއި ބަހަމުންދިޔަ ކާރުތަކާއި އަލިމަސް ޖެހި އަނގޮޓި އާއި ރަން ތާސްބަޔާއި، މާލެއިން ގަތް ގޯއްޗާއި ފްލެޓާއި ފަށަން ދަމާލި އޮޑިފަހަރާއި ރިސޯޓް ތަރައްގީކުރަން ދިން ފަޅުތަކާއި ރަށްތަކަކީ ކޮން ގޮތަކަށް ލިބިވަޑައިގެންނެވި ތަކެއްޗެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލެއްވުން ރަނގަޅެވެ.

ޕީޕއެމް ދޫކުރައްވާ 10 މެމްބަރަކު ނުކުވަަޑައިގެންނެވިއިރު، މަޖިލީހުގެ ބޮޑު މެޖޯރިޓީއެއް ޕިޕީއެމްއިން ހޯއްދެވީ އެހެން ޕާޓީތަކުން މެމްބަރުން ހޯއްދަވައިގެންނެވެ. އޭރު އެކަންކަމާ ގުޅޭ ގޮތުން ތަފާތު ތުހްމަތުތައް ކުރިއިރު، އެކަން ބައްލަވަން ބޭނުމެއް ނުވިއެވެ. ޕީޕީއެމްގެ މެމްބަރުންނަށް ކޮރަޕްޝަންގެ ވާހަކަ ދައްކަން ކެރިވަޑައިމިގަތީ، އަދި މަޖިލީހުގައި ކޮރަޕްޝަން އޮތްކަމަށް ވިދާޅުވާން ކެރިވަޑައިމިގަތީ، މެޖޯރިޓީ ގެއްލި، މެމްބަރުން ކޮޅުވެސް ޕީޕީއެމް ދޫކޮށް ވަޑައިގަތުމުންނެވެ.

އަދިވެސް އަމިއްލަ ފަސްބައި މުޑުދާރުވެފައިވާ މިންވަރެއް ނުފެނެއެވެ. އެހެންވެ، ކޮރަޕްޝަން ހުއްޓުވަން ބޭނުންފުޅުވާނަމަ، ތިމާ އަމިއްލައަށް ނަޒާހަތްތެރިވާށެވެ. މާލީ ބަޔާން ހުށަހަޅުއްވާށެވެ. މުސާރައާ ބައްދަލު ދިރިއުޅުމެއް ޚިޔާރު ކުރައްވާށެވެ. ނުހައްގު މުއްސަދިކަން ތަހްގީގު ކުރެވޭ ގޮތަށް އޭސީސީން ހުށަހެޅި ހުށަހެޅުން އެޓާނީ ޖެނެރަލްގެ އޮފީހުގައި ހިފަހައްޓާފައި ބޭއްވުމުގެ ބަދަލުގައި އެކަން ފާސްކުރަން މަސައްކަތް ކުރައްވާށެވެ.

ސޫތެއްހާތަން ނަމަވެސް ބަހާއި އަމަލާއި ދިމާކުރާށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އިސްމާއިލް ނާއިލް ނަޝީދު
- ކޮމެންޓް
11 ޖުލައި 2017 | އަންގާރަ 23:12
Ahmed Didi
Good