ކ. މާލެ
|
16 ޖުލައި 2023 | އާދީއްތަ 07:31
ބަޔާން އިން ލީގު ކާމިޔާބުކޮށް އުފާ ފާޅުކުރުމުގެ ތެރެއިން
ބަޔާން އިން ލީގު ކާމިޔާބުކޮށް އުފާ ފާޅުކުރުމުގެ ތެރެއިން
ރޮއިޓާސް
ބަޔާން މިއުނިކް
ބަޔާން މިއުނިކް "ހޮލީވުޑް" ނިމުމަކަށް ގެންނަނީ!
ޓީމު ހަމައަކަށް އަޅުވާނީ ކުރީގެ ތަޖުރިބާކާރުން

ޖަރުމަނުގެ ޗެމްޕިއަން ބަޔާން މިއުނިކް އަކީ ޔޫރަޕުގައި ވަރުގަދަ ޓީމެކެވެ. ހާއްސަކޮށް ޖަރުމަނު ލީގުގައި އެމީހުން ތިބީ އަތްނުފޯރާ މަތީ އެވެ. ޖެހިޖެހިގެން 11 ވަނަ ފަހަރަށް މިއަހަރު ވަނީ ލީގު ދިފާއުކޮށްފަ އެވެ. އެކަމަކު ދޭތެރެ ދޭތެރެއިން އަންނަ ރޯޅިއެއްގައި މުޅި ޓީމުގެ ނިޒާމު ގެއްލި ފެނިގެންދާ ޑްރާމާތަކާއެކު އެއީ "އެފްސީ ހޮލީވުޑް" ކަމަށް މުޅި ޔޫރަޕުގައި ވެސް އޮންނަނީ މަޝްހޫރުވެފަ އެވެ.

ބަޔާނަށް މިހާރު ދިމާވެގެން އުޅެނީ މިފަދަ މައްސަލައެކެވެ. ލީގުގެ އެންމެ ފަހު މެޗުގައި ޖަމާލް މުސިއާލާ ފަހު ވަގުތު ޖެހި ގޯލާއި އެއްވަނާގައި އޮތް ބޮރޫޝިޔާ ޑޯޓްމުންޑް ކުޅުނު މެޗުން އެމީހުންނަށް މޮޅުނުވެވުގެ ނަތީޖާއަކީ ބަޔާން އަށް އަނެއްކާ ވެސް ތަށި ލިބުމެވެ. އެކަމަކު ކިރިޔަކިރިޔާ ލިބުނު މި ތައްޓާއެކު ކުލަބަށް ވަނީ "ސުނާމީ"އެއް އައިސްފަ އެވެ.

ރެފްރީގެ ފަހު ކަށިގަނޑާއެކު ބަޔާންގެ ރަސްމީ އޮފީހުން ނެރުނު ބަޔާނުގައި ބުނެފައި އޮތީ ޗީފް އެގްޒެކްޓިވް ކަމުން ކުރީގެ ކެޕްޓަން އަދި ކީޕަރު އޮލިވަ ޚާން އަދި ސްޕޯޓިން ޑިރެކްޓަރު ކަމުން ހަސަން ސަލިހަމިޒިޗް ވަކިކުރި ވާހަކަ އެވެ.

މި ދެ މީހުންގެ މެދުވެރިވެގެން މިދިޔަ މާޗު މަހު ކޯޗުކަމާ ހަވާލުވި ތޯމަސް ޓުޗެލް އާއި ބައެއް ކުޅުންތެރިން ވެސް ތިބީ މިކަމާ ހައިރާންވެފަ އެވެ. ތައްޓާއެކު އުފާފާޅު ކުރުމުގެ ތެރެއިން ވައިސް ކެޕްޓަން ތޯމަސް މުލާ "ތިޔަކަން ހިނގީ މިވަގުތު" ހޭ އަހައި ސުވާލުކުރި އެވެ. ޓުކެލް ބުނީ "އުފާފާޅު ކުރުމުގެ ބަދަލުގައި މިހާރު ދިމާވެފައި އޮތީ އެހެން މައްސަލައެއް،" ކަމަށެވެ.

އަހަރެންގެ މައިގަނޑު ދެ ކޮންޓެކްޓުން (އަހަރެން މަގާމަށް ގެނައުމަށް އެންމެ ބޮޑަށް މަޝްވަރާކުރި ދެ މީހުން) މިހާރު ކުލަބަކު ނެތް. އަހަރުމެންގެ (ކުލަބުގައި ދެމިތިބި މީހުންނާއި އަހަރެންގެ) ހިޔާލުތައް އެއްގޮތްކުރަން އެބަޖެހޭ
ޓުކެލް
ލައިޕްޒިގް މެޗަށްފަހު ބަޔާންގެ ކުޅުންތެރިން - ރޮއިޓާސް

ޓީމު ބައިބައިވީ ކޮންއިރަކު؟

ހަގީގަތުގައި ބަޔާން އަށް ސުނާމީ އެރީ ޓުކެލް މަގާމާ ހަވާލުވިތަނާ އެވެ. މައިގަނޑު މައްސަލައަކީ ގިނަ ކުޅުންތެރިންތަކެއްގެ އިތުބާރު އޮތް ހޫލިއަން ނާގަލްސްމަން ކުއްލި ގޮތަކަށް މަގާމުން ވަކިކުރުމެވެ. މިއާއެކު ކުޅުންތެރިން ދެބައިވި އެވެ. ސާދިއޯ މާނޭ އާއި ލެރޯއީ ސާނޭގެ ތަޅާފޮޅުމަކީ ވެސް މީގެ ބައެކެވެ. ވަކިފަރާތަކަށް ނުޖެހި ޓީމުގައި ހުރި ހަމައެކަނި ކުޅުންތެރިއަކީ މުލާ އެވެ. ޓީމުގައި އެންމެ ނުފޫޒުގަދަ ކެޕްޓަން އަދި ކީޕަރު މެނުއަލް ނޯޔާ އަނިޔާގައި ހުއްޓަސް އޭނާ ހުރީ ނާގަލްސްމަން އައިސް ގޯލްކީޕިން ކޯޗު އެއްލާލުމުން އެކަމާ އިންތިހާ އަށް ރުޅިއައިސްފަ އެވެ. މިފަދަ މައްސަލަތަކާއެކު ޓުކެލް އަށް ޓީމާއެކު ލިބުނު ދެމަހަކީ މައްސަލަބޮޑު ދުވަސްތަކަކަށްވި އެވެ.

ނާގެލްސްމަން ވަކިކުރީ ނަތީޖާ ގޯސްވެގެނެއް ނޫނެވެ. އޮލިވާ ޚާންމެނާ ހިޔާލު ތަފާތުވެގެންނެވެ. އެކަމުގެ ބަހަނާއަކަށް ދެއްކީ ޓީމުގެ ކުރިއެރުން ލަސްކަމުގެ ވާހަކަ އެވެ.

ބަޔާންގެ ސީއީއޯ ކަމުން ވަކިކުރި އޮލިވާ ޚާން - ރޮއިޓާސް

އޮލިވާ ޚާން އަށް އިތުބާރު ގެއްލުން:

ބަޔާންގެ އެންމެ އިސްވެރިންގެ އިތުބާރު އޮލިވާ ޚާން އާއި ސަލިހަމިޒިޗަށް ގެއްލުނީ މި ސީޒަން ފެށުމުގެ ކުރިން ނިންމި ގޯސް ނިންމުންތަކާހުރެ އެވެ. ޕޮލެންޑްގެ ޕޯވަޑް ރޮބަޓް ލެވޮންޑޯސްކީ ބަޔާން މިދިޔަ އަށެއްކަ އަހަރު ހޯދި ކާމިޔާބީގައި އެންމެ މުހިންމު ދައުރެއް އަދާކުރި ފޯވަޑެވެ. އޭނާ ވިއްކާލާފައި ބަޔާން އެ މަގާމަށް ކުޅޭނެ ނުވަ ނަންބަރު ފޯވަޑެއް ނުހޯދުމަކީ މެނޭޖްމަންޓުން ފާހަގަ ކުރާ ގޮތުގައި މައްސަލައެކެވެ. އޮލިވާ ޚާން މެން ގަތީ ލިވަޕޫލަށް ކުޅުނު ސާދިއޯ މާނޭ އެވެ. އޭނާ އަކީ އަރިމަތިން މޮޅަށް ކުޅުނު ފޯވަޑަށްވިޔަސް ބަޔާންގައި އުޅުނީ މައްސަކަތަކެއްގެ ތެރޭގަ އެވެ.

ޖަރުމަނު ލީގުގައި ބަޔާނުން ކުޅުނު މެޗުގެ ތެރެއިން - ރޮއިޓާރސް

ހޮލީވުޑަށް ނިމުން ގެންނާނީ ތަޖުރިބާކާރުން

ބަޔާން ހަމައަކަށް އަޅުވަން މެނޭޖްމަންޓުން ގަސްތުކުރީ ކުލަބު ކުރިން ހިންގި މީހުންގެ ތަޖުރިބާއިންނެވެ. އައު ޗީފް އެގްޒެކްޓިވް އަކަށް ގެނެސްފައިވަނީ ބަޔާންގެ ތާރީހުގައި އެންމެ ގިނަ ދުވަހު ޗީފް ފައިނޭންސް އޮފިސަރަކަށް މަސައްކަތް ކުރި ކްރިސްޓިއަން ޑްރީސަން އެވެ. އޭނާގެ ލަފާ އަރުވާ ހާއްސަ މުޝީރުންގެ ގޮތުގައި ކަނޑައަޅާފައިވަނީ ކުރިން ކުލަބު ހިންގި އަދި އިހްތިރާމް ލިބިފައިވާ ދެ މީހުން ކަމަށްވާ ކާލް ހެއިންޑް ރުމެނިގޭ އާއި އުލީ ހޮއެނެސް އެވެ. 10 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކުލަބު ހިންގަން ކުރިން އުޅުނު މި ދެ މީހުންގެ މައިގަނޑު ރޯލަކަށްވާނީ އެމީހުންގެ ގުޅުންތަކުގެ ބޭނުންކޮށްގެން ރަނގަޅު ކުޅުންތެރިން ޓީމަށް ގެނެސް މިހާރުގެ ސްކޮޑްގެ ފީ ހޮވާލުމެވެ.

ޖަރުމަނުގެ ނޫސްވެރިން ބުނާ ގޮތުގައި ކުޅުންތެރިން ތެރޭގައި މައްސަލަ ޖެހުނު ހިސާބުން މި ބަދަލަށް ބަޔާންގެ މެނޭޖްމަންޓުން ދިޔައީ ތައްޔާރުވަމުންނެވެ. މީގެ ހެތްކަކީ މީގެ މަހެއްހާ ދުވަސް ކުރިން ހޮއެނެސް ބަޔާންގެ ޓްރޭނިން ދަނޑަށް ޒިޔާތެއް ކުރުމެވެ. ޓެކްސް އަށް މަކަރު ހެދުމުގެ ކުށުގައި 2014 އަދި 2016ގައި ޖަލަށްލި ހޮއެނެސް އެ ދުވަހު 15 ވަރަކަށް މިނިޓަށް ކޯޗު ޓުކެލްއާ ވެސް އޭނާ ވާހަކަ ދެއްކި އެވެ.

ހޮއެނެސް އާއި ރުމެނިކޭ ގަބޫލުކުރާ ގޮތުގައި ޓުކެލް އަކީ ބަޔާން އެހެން ހަރުފަތަކަށް ގެންގޮސްދޭނެ ގާބިލް ކޯޗެކެވެ. މިހެންވެ އޭނާ މަގާމުގައި ހުންނާނެ އެވެ. ނަމަވެސް 325000 ހަފުތާއަކު ލިބޭ ސާދިއޯ މާނޭ ވިއްކާލާނެ އެވެ. އެކަމަކު އެއީ 20 ނުވަތަ 25 މިލިއަންގެ އަގެއް ލިބޭނަމަ އެވެ. މިކަމަށް ބާރު ލިބެނީ ލީގުގެ އެންމެ ފަހު ދެ މެޗުގައި މާނޭ އަށް ކޯޗު ފުރުސަތު ދީފައިނުވުމެވެ. ޓީމަށް މޮޅު ފޯވަކު ހޯދާނެ އެވެ. ފެރޭންކްފަޓްގެ ރޮންދާލް ކޯލޯ މުއާނީ އާއި ޔުވެންޓަސްގެ ޑުސާން ވްލަހޮވިޗާއި ޓޮޓެންހަމުގެ އިނގިރޭސި ކެޕްޓަން ހެރީ ކޭން އަކީ ޝޯޓް ލިސްޓްކޮށްފައިވާ ކުޅުންތެރިންނެވެ.

ބަޔާން މިއުނިކަކީ ރަނގަޅު ވަގުތެއްގައި ޔޫރަޕުގެ ކޮންމެ ޓީމެއް ރަނގަޅަށް ބަލިކޮށްލާނެ ގާބިލްކަން ހުރިހާ ގޮތަކުން ވެސް ލިބިފައިވާ ގަދަ ޓީމެކެވެ. ޔޫރަޕުގައި އެމީހުންގެ ކާމިޔާބީ ގެތިގެން ނުދަނީ ދޭތެރެ ދޭތެރެއިން އަންނަ މިފަދަ މައްސަލަތަކާހުރެ އެވެ. ތަޖުރިބާ ބޮޑު އެޑްވައިޒަރީ ޓީމުގެ މައިގަނޑު މަސައްކަތަކަށްވާނީ ހޮލީވުޑްގެ ޑްރާމާތަކަށް ނިމުން ގެނެސް ބަޔާން އަލުން ރުކުރުވާލައި ތަށި ހޯދާނެ ނިޒާމަކާއި ގުޅުމެއް ޓީމުގައި އަށަގެންނެވުމެވެ.

- ކޮމެންޓް