ކ. މާލެ
|
4 ޖޫން 2023 | އާދީއްތަ 11:10
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު
ރައީސް އޮފީސް
އިންޑިއާ ރޭލު އެކްސިޑެންޓު
އިންޑިއާގައި ހިނގި ރޭލު އެކްސިޑެންޓާއި ގުޅިގެން ރައީސް ތައުޒިޔާ ވިދާޅުވެއްޖެ
މިއީ އިންޑިއާގެ ރޭލްވޭއެއްގައި ފާއިތުވި ކުރު މާޒީގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާ
މި ހިތާމަވެރި ވަގުތުގައި ރާއްޖޭގެ ސަރުކާރު އޮތީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކު
އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވެސް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައި

އިންޑިއާގެ އޮޑިއްސާގައި ދެ ފަސިންޖަރު ރޭލާއި މުދާއުފުލާ ރޭލެއް ޖެހި ހިނގި އެކްސިޑެންޓުގައި ގިނަ އަދަދެއްގެ މީހުން މަރުވުމާއި ގުޅިގެން ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙު ތައުޒިޔާ ވިދާޅުވެއްޖެއެވެ.

އާދިއްތަ ދުވަހު ރައީސް ސާލިޙު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ޚަބަރު އެއްސެވީ ފުން ހިތާމައާއެކު ކަމަށެވެ.

ރައީސް ވަނީ ދިވެހި ރައްޔިތުންގެ ނަމުގައި އިންޑިއާގެ ރައްޔިތުންނަށް ތައުޒިޔާ ދަންނަވައި، މި ހިތާމަވެރި ވަގުތުގައި ރާއްޖޭގެ ސަރުކާރު އޮތީ އިންޑިއާ ސަރުކާރާއި ރައްޔިތުންނާ އެކުގައިކަން ފާހަގަ ކުރައްވާފައެވެ.

އޭގެ އިތުރުން، އެ ޤައުމުގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއަށްވެސް ރައީސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.

އިންޑިއާގެ ކަމާގުޅޭ އިދާރާތަކާ ހަވާލާދީ ރޮއިޓަރސް އިން ބުނެފައިވާ ގޮތުގައި މި ހާދިސާގައި މަރުވި މީހުންގެ އަދަދު 300 އާ ގާތްކުރެއެވެ.

މި ހާދިސާ ހިނގާފައިވަނީ އިންޑިއާ ގަޑިން ހުކުރު ދުވަހުގެ ރޭ 7:00 އެހާއިރުއެވެ. މި ހާދިސާ ހިނގަން މެދުވެރިވީ ބެންގަލޫރުން ހައުރާއަށް ދަތުރު ކުރަމުންދިޔަ ހައުރާ ސުޕަފާސްޓް އެކްސްޕްރެސްގެ ރޭލެއް މަޑުކޮށްފައި އޮތް މުދާއުފުލާ ރޭލެއްގައި ޖެހި، މަގުން ކައްސާލި ވަގުތާ ދިމާކޮށް ކޮލްކަތާއި އިން ޗެންނާއީއަށް ދަތުރު ކުރަމުންދިޔަ ކޮރޮމެންޑެލް އެކްސްޕްރެސް އައިސް އެދެރޭލުގައި ޖެހިގެންނެވެ.

ހާދިސާ ހިނގުމާއެކު ސަރުކާރުގެ ރެސްކިއު ޓީމްތައް ދިއުމުގެ ކުރިންވެސް ގިނަ އަދަދެއްގެ އާންމުން ނުކުމެ ރޭލްގެ އެތެރޭގައި ބަންދުވެފައި ތިބި މީހުން ސަލާމަތް ކުރުމުގެ މަސައްކަތް ވަނީ ފަށާފައެވެ. އަނިޔާވި މީހުން ހޮސްޕިޓަލަށް ގެންދިއުމަށް ވަރަށް ގިނަ އަދެއްގެ އެމްބިއުލާންސް ވެސް ހަރަކާތްތެރިވެފައި ވެއެވެ.

މިއީ އިންޑިއާގެ ރޭލްވޭއެއްގައި ފާއިތުވި ކުރު މާޒީގައި ހިނގި މިފަދަ އެންމެ ބޮޑު ހާދިސާއެވެ. މިއީ، މިދިޔަ 20 އަހަރު ދުވަހުގެ ތެރޭގައި މުޅި އިންޑިއާ ދުށް އެންމެ ގެއްލުން ދެނިވި ރޭލު އެކްސިޑެންޓްވެސްމެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް