ކ. މާލެ
|
31 މެއި 2023 | ބުދަ 19:40
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު
ރައީސް އޮފީސް
ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަސް
ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓާލަންވީ ތިމާގެ އަމިއްލަ ނަފްސާއި ވަށައިގެންވާ އެންމެންގެ ސިއްހީ ރައްކާތެރިކަމަށްޓަކައި - ރައީސް
ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައް
ދުންފަތުގެ އިސްތިއުމާލުކުރުމަށް ހޭދަކުރާ ފައިސާ، ތަފާތު ބަލިތައް ތަހައްމަލުކުރާ އެތައް ބަޔަކަށް ފަރުވާކުރުމަށްވެސް ބޭނުންކުރެވިދާނެ
ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުމެ މިއަދު އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށް

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓައިލަންވީ، ތިމާގެ އަމިއްލަ ނަފްސާއި، އަނބިދަރިންނާއި، އާއިލާގެ ހެވަށާއި، އަދި ގާތް ރަހުމަތްތެރިންނާއި މުޅި މުޖްތަމައުގެ ސިއްހީ ރައްކާތެރިކަމަށްޓަކައި ކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދުނިޔޭގެ ދުންފަތުގެ އިސްތިއުމާލު ނުކުރާ ދުވަހުގެ މުނާސަބަތުގައި މިއަދު ފޮނުއްވި ހިބާތުގައެވެ.

މުޖުތަމައުގެ ތެރޭގައި ތިބި ދުންފަތުގެ އިސްތިއުމާލުކުރާ މީހުން އެ ކަމަށް ކޮންމެ ދުވަހަކު ހޭދަކުރާ ފައިސާ، އެގޮތަށް ހޭދަނުކޮށް، އެމީހަކާއި އެމީހެއްގެ އާއިލާގައި ތިބި މީހުންގެ ކެއިންބުއިމުގެ ކަންކަމަށް ކުރާ ހޭދައިގެ ތެރެއަށް އިތުރުކޮށްފިނަމަ މުޅި މުޖްތަމައަށް އޭގެ މަންފާކުރާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ދުންފަތުގެ އިސްތިއުމާލުކުރާ ކޮންމެ މީހަކުމެ މިއަދު އަޒުމް ކަނޑައަޅަންވީ، ތިމާއަށާއި ތިމާގެ ސަބަބުން އެހެން މީހުންނަށް ސިއްހީ މައްސަލަތައް ކުރިމަތިކުރުވާ މިފަދަ ކޮންމެ ކަމަކުން ދުރުހެލިވުމަށެވެ.
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން އެމަނިކުފާނު ވަނީ ދުންފަތުގެ އިސްތިއުމާލުކުރުމަށް ހޭދަކުރާ ފައިސާ ތަފާތު ބަލިތައް ތަހައްމަލުކުރާ އެތައް ބަޔަކަށް ފަރުވާ ކުރުމަށްވެސް ބޭނުންކުރެވިދާނެ ފައިސާތަކަކަށް ބަދަލުކުރެވިދާނެކަން ފާހަގަކުރައްވާފައެވެ. އަދި ދުންފަތް ހެއްދުމާއި ދުންފަތުގެ އިސްތިއުމާލުކުރުމަށް އަހަރަކު އެތައް ބިލިއަން ޑޮލަރެއް އިސްރާފުކުރާއިރު، ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މިވަގުތު ހައިހޫނުކަން ތަހައްމަލުކުރަމުންދާ އެތައް ބަޔަކު ތިބިކަން ހަނދާންކުރަންޖެހޭކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ހިތާބުގައި އެމަނިކުފާނު ވަނީ، މިއަހަރު ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން ކަނޑައަޅާފައިވާ ޝިއާރަށް އަލިއަޅުއްވާލައްވާފައެވެ. މިއަހަރުގެ ޝިއާރަކީ "އަހަރެމެން ބޭނުމީ ކާނާ، ދުންފަތެއް ނޫން" މިއެވެ. މި ޝިއާރުގެ މައިގަނޑު ބޭނުމަކީ މިވަގުތު ދުނިޔެއަށް ކުރިމަތިވެފައިވާ ކާބޯތަކެތީގެ މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ދުންފަތް ހެއްދުމުގައި ދަނޑުވެރިންގެ ވަގުތުތަކާއި ދަނޑުބިންތައް ނަގައިލުމުގެ ބަދަލުގައި، އެފަދަ ދަނޑުބިންތަކުގައި ގޮވާމުގެ ބާވަތްތައް ހައްދައި އުފެއްދުމަށް ބާރުއެޅުންކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވެވިއެވެ.

މިއަދުގެ ހިތާބުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ، ދުންފަތުގެ އިސްތިއުމާލުކުރުމުން ލިބޭ އެތައް ގެއްލުންތަކަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގައިން ގަޔަށް ނާރާ ބަލިތަކުގެ ތެރެއިންވެސް އެންމެ ނުރައްކާތެރި ބައެއް ބަލިތަކަކީ، ދުންފަތުގެ އިސްތިއުމާލުކުރުމާ ގުޅިފައިވާ ބަލިތައްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
ކޮމެންޓް