ކ. މާލެ
|
30 މެއި 2023 | އަންގާރަ 21:56
ދަރަނީގެ މައްސަލަތަކުގައި ޖަލު ޙުކުމް ތަންފީޒު ކުރާ މީހުންގެ މައްސަލައަށް މި ފަހުން ސަމާލުކަން ހުއްޓުނީ، ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ އެޅުއްވި ފިޔަވަޅަކާ ގުޅިގެން
މިޞްރު އަންހެނުންގެ ދިރިއުޅުން
އިންތިހާ ފަޤީރުކަމުގައި ދަރަނިވެރިވި މިޞްރު އަންހެނުންގެ ދިރިއުޅުން ތަކުލީފަކަށް
ދަރަނީގެ މައްސަލަތަކުގައި ޖަލު ބަންދުގައި ތިބި މީހުންގެ ތެރެއިން ޢަފޫ އާންމުން މިނިވަންވި ގިނަ އަންހެނުންނަށް، އެމީހުންގެ އަމިއްލަ އަވަށްތަކުގައި ވަޒީފާއެއް ހޯދުން ވަނީ ދަތިވެފައި

މިޞްރުގައި ދަރަނިވެރިވެ އެ ދަރަނި ޚަލާސް ކުރެވޭނެ ގޮތެއް ނެތިގެން ޖަލަށް ދާން ޖެހޭ އަންހެނުންނާއި، ޖަލުން މިނިވަންވެ ދިރިއުޅުން އާރާސްތު ކުރުމަށް މަސައްކަތް ކުރާ އެފަދަ އަންހެނުންނަށް މުޖުތަމަޢުގެ ފުރައްސާރަ ކުރިމަތިވާ ކަމުގެ ޝަކުވާ ބޮޑެވެ. މަދަނީ އިޖުތިމާޢީ އެހީދޭ ޖަމިއްޔާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ދިޔަ ކަމުގައިވިއަސް، އަވަސް މުޙުލަތެއްގައި ޖަލު ބަންދުން މިނިވަން ކުރުމަށް ދަޢުލަތުން އެހީތަކެއް ވީ ނަމަވެސް، އެކަން އޮންނަނީ އެހެން ކަމަށް، ސަރުކާރު ހިއްސާ ނުވާ ޖަމިއްޔާ (އެންޖީއޯ) ތަކުގައި މަސައްކަތް ކުރާ މީހުން ފާހަގަ ކުރެއެވެ.

ދަރަނީގެ މައްސަލަތަކުގައި ޖަލު ޙުކުމް ތަންފީޒު ކުރާ މީހުންގެ މައްސަލައަށް މި ފަހުން ސަމާލުކަން ހުއްޓުނީ، ރައީސް ޢަބްދުލްފައްތާޙް އަލް-ސީސީ އެޅުއްވި ފިޔަވަޅަކާ ގުޅިގެންނެވެ. މަރޗް 2023 ގައި އަލް-ސީސީ ވަނީ ދަރަނީގެ މައްސަލަތަކުގައި ބަންދުކޮށްފައި ވާ މީހުންނަށް ޢަފޫޢާންމު ދެއްވާނެ ކަމަށް އިޢުލާން ކުރައްވާފައެވެ. އޭގެ ފަހުން، މިޞްރުގެ ދާޚިލީ ވުޒާރާއިން ބުނި ގޮތުގައި، 85 ޤައިދީއަކު ވަނީ މިނިވަން ކޮށްފައެވެ.

މިދިޔަ އަހަރުގެ ކުރީ ކޮޅުން ފެށިގެން މިޞްރު ވަނީ އިންތިހާ ފުން، އިޤްތިޞާދީ ކާރިޘާއެއްގެ އަނދަވަޅަށް ވެއްޓިފައެވެ. ބާޒާރުތަކުގައި ތަކެތީގެ އަގުތައް ވަނީ އިންތިހާއަށް އުފުލިފައެވެ. ބައެއް އުފެއްދުންތަކުގެ އަގު 30 ޕަސެންޓަށް ވުރެ މައްޗަށް އަރާފައި ވާ އިރު، އެތައް ބައެއްގެ އާންމު ދިރިއުޅުމުގެ ހާލަތު ވަނީ ގޯހުން ގޯހަށް ގޮސްފައެވެ.

104 މިލިއަން މީހުންގެ އާބާދީއެއް އޮތް މިޞްރުގެ އާބާދީގެ 60 ޕަސެންޓް މީހުން ދިރިއުޅެނީ އިންތިހާ ފަޤީރުން ކަމުގައި ބަލާ މިންގަނޑުން ދަށުގައި ނުވަތަ އެހާކަން ހިސާބާ ކައިރީގައި ކަމަށް އަންދާޒާ ކުރެވެއެވެ.

މިޞްރުގެ ޖަލުތަކުގައި ތިބޭ ޤައިދީންގެ ތަފާސް ހިސާބުތަކެއް އެ ޤައުމުން ރަސްމީކޮށް ހާމައެއް ނުކުރެއެވެ. ނަމަވެސް ޙައްޤުތަކަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން ބުނާ ގޮތުގައި ފަޤީރު އަންހެނުން، ވަކިން ހާއްސަކޮށް ވަރިވެފައި ތިބޭ އަންހެނުން ނުވަތަ އަގުބޮޑެތި ފަރުވާތައް ބޭނުންވާ ބަލިމަޑުކަމެއް ތަޙައްމަލު ކުރާ އަންހެނުންނަކީ ފައިސާއާ ބެހޭ ގިނަ މައްސަލަތަކަކަށް ހުށެހެޅިފައިވާ ނާޒުކު ބައެކެވެ.

މުޖުތަމަޢުގެ ފަރާތުން ކުރިމަތިވެދާނެ ފުރައްސާރައެއްގެ ބިރަށް މީޑިއާގައި ނަން ސިއްރުކޮށްދިނުމަށް އެދި ވާހަކަ ދެއްކި، 3 ދަރިންގެ މަންމައަކު ބުނި ގޮތުގައި، ދަރަނީގެ ހާއްޔަކަށް އޭނާ ވެއްޓުނީ މީގެ 4 އަހަރު ކުރިންނެވެ. އެއީ ގޭތެރެއަށް ބޭނުންވާ ސަމާނުތަކެއް، ކުރެޑިޓަށް ނެގި ހިސާބުންނެވެ. ބޮޑު އިންޓްރެސްޓް ރޭޓެއްގައި، އެ ސާމާނު ކްރެޑިޓަށް ނެގީ، އޭނާއަށް ބޮޑުދައިތަ ކިޔާ، ޔަޠީމު ކުއްޖެއްގެ ކައިވެންޏަށެވެ.

30000 މިޞްރު ޕައުންޑް ނުވަތަ އޭރުގެ އަގުތަކަށް ބަލާނަމަ، 1660 ޑޮލަރާއި، އިންޓްރެސްޓްގެ ގޮތުގައި އޮތް 16000 ޕައުންޑް ދައްކާ ޚަލާސް ކުރެވޭ ގޮތް ނުވުމުން، ކްރެޑިޓަށް އެ ސަމާނާ ދޫކުރި ފަރާތުން، އެ އަންހެން މީހާގެ މައްސަލަ، ފުލުހުންނަށް ހުށަހެޅިއެވެ.

މައްސަލަ ބަލާ، ޖަލު ބަންދަށް ޙުކުމް ކުރީ އަންހެން މީހާގެ ޣައިރު ޚާޒިރުގައެވެ. ނަމަވެސް ފުލުހުންނަށް ފިލައިގެން އުޅެމުން ގޮސް، ޗިލްރަން އޮފް ފީމޭލް ޕްރިޒަނަރޒް އެސޯސިއޭޝަންގެ އެހީތެރިކަން ހޯދިއެވެ. އަންހެން މީހާގެ ދަރަނި ޚަލާސް ކުރުމަށް އެ އެންޖީއޯއިން އެހީތެރިކަން ފޯރުކޮށްދިނެވެ.

ދަރަނީގެ މައްސަލަތަކުގައި ޖަލު ބަންދުގައި ތިބި މީހުންގެ ތެރެއިން ޢަފޫ އާންމުން މިނިވަންވި ގިނަ އަންހެނުންނަށް، އެމީހުންގެ އަމިއްލަ އަވަށްތަކުގައި ވަޒީފާއެއް ހޯދުން ވަނީ ދަތިވެފައެވެ. މިޞްރުގައި ގިނަ ބަޔަކު ދަރަނިވެރިވާ އެންމެ ބޮޑު ސަބަބަކީ، އިންތިހާ ފަޤީރު ކަމާއި ބަލިމަޑުކަމެވެ.

- ކޮމެންޓް